ރާއްޖެޓީވީން ކުޑަކުދިންގެ ކަރާމާތް ގެއްލޭ ކޮންޓެންޓެއް ދެން ދައްކައިފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރެއް

ކުޑަކުދިންގެ ކަރާމާތް ގެއްލޭފަދަ އެއްވެސް ކޮންޓެންޓެއް ދެން ރާއްޖެ ރާއްޖެޓީވީން ބްރޯޑްކާސްޓުކޮށްފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދީފިއެވެ. ބްރޯޑްކޮމުން މިފަދަ އިންޒާރެއް ދިނީ، މިިދިޔަ މާޗު މަހުގެ 12ވަނަ ދުވަހުގެ ރޭ ރާއްޖެޓީވީން ދެއްކި "އެމްޑީޕީ ކުއްލި އެއްވުން" ކޮންޓެންޓާ ގުޅިގެން މައްސަލައެއް ބެލުމަށްފަހުގައެވެ. ބްރޯޑްކޮމުން މި މައްސަލަ ބެލީ އެ ކޮންޓެންޓުގައި ކުޑަކުދިންގެ ކަރާމާތާއި ހައްގުތަކަށް ބުރޫއަރާފަދަ ކޮންޓެންޓް ހިމެނޭކަމަށް ބެލެވޭތީ ކަމަށް ބުނެ އަމިއްލައަށް އިސްނަގައިގެންނެވެ. ބްރޯޑްކޮމުން ބުނި ގޮތުގައި މި މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު ރާއްޖެޓީވީއަށް ވަނީ ދީފައިވާކަމަށް އެ ކޮމިޝަނުން ބުންޏެވެ. ނަމަވެސް ރާއްޖެ ޓީވީން ޖަވާބުދާރީނުވެ، ކޮމިޝަނަށް ކުރިމަތިކުރުވީ އިތުރު ސުވާލުތަކެއް ކަމަށް ބްރޯޑްކޮމުން ބުންޏެވެ. އެހެންވެ ބްރޯޑްކޮމުން ކަނޑައެޅީ މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓު ނުކުރުމުގެ ހަމައާ ޚިލާފުވެފައިވާ ކަމަށެވެ. އަދި ބްރޯޑްކާސްޓުކުރުމުގައި ކުޑަކުދިން ހިމާޔަތްކުރުމަށް އަަމަލުކުރަންވީ ގައިޑްލައިނާ ވެސް ޚިލާފުވީ ކަމަށް ކޮމިޝަނުން ވަނީ ކަނޑައަޅައިފައެވެ. ބްރޯޑްކޮމުން ބުނީ މިފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ، އެ މައްސަލައެއްގެ ޒާތަށާއި ހައްސާސްކަމަށް ބަލައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. ބްރޯޑްކޮމުން މީގެ ކުރިން ވެސް ވަނީ އެކި މައްސަލަތަކުގައި ރާއްޖެ ޓީވީއަށް ބޮޑެތި ފިޔަވަޅުތަކެއް އަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ