ބިލު އިސްލާހު ކުރިއިރު ވެސް ހަރުކަށި އުސޫލުތަކާއި ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރާ ވާހަކަ އެބަ އޮތް ބިލު އިސްލާހު ކުރިއިރު ވެސް ހަރުކަށި އުސޫލުތަކާއި ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރާ ވާހަކަ އެބަ އޮތް

މިނިވަން މީޑިއާ ނެތިކޮށްލަން ސަރުކާރުން އަޑީގައި އޮވެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ކޮމިޓީ މަރުހަލާގައި އިސްލާހު ކުރިއިރު ވެސް އެ ބިލުގައި ހުރި ހަރުކަށި ގޮތްތަކާއި ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރަން ހިމަނާފައި ހުރި މާއްދާތަކަށް ބަދަލެއް ނުގެނެ އެވެ.
މިނިވަން މުއައްސަސަތާ ބެހޭ ކޮމިޓީއިން ބިލަށް އިސްލާހު ގެނެސް ބިލު ފާސް ކުރިއިރު، އެ ބިލުގެ ދަށުން އުފައްދާ މީޑިއާ ރެގިއުލޭޓް ކުރާ ހަތް މެންބަރުންގެ ކޮމިޝަނުގައި ރައީސް މުހައްމަދު މުއިއްޒު އައްޔަން ކުރާ ތިން މެންބަރު ތިބޭ މާއްދާއަކަށް ބަދަލެއް ނުގެނެ އެވެ.
އެ ކޮމިޝަނުގައި ދެން ތިބޭނީ މީޑިއާގެ ފަރާތުން އައްޔަން ކުރާ ހަތަރު މެންބަރުންނެވެ. އެކަމަކު، ކޮމިޝަނުގެ މަގާމަކަށް ކުރިމަތިލެވޭނީ ފަސް އަހަރު ވެފައިވާ މީޑިއާއެއްގެ އުޅޭ މީހަކަށެވެ. ފަސް އަހަރު ނުވާ މީޑިއާއެއްގައި އުޅޭ މީހަކަށް އިންތިހާބުގައި ވޯޓެއް ވެސް ނުލެވޭނެ އެވެ.
މީޑިއާގެ ފަރާތުން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި މީޑިއާގެ އިތުރުން ނޫސްވެރިންނަށް ވެސް ވޯޓު ދެވެ އެވެ. ބިލުގައި އެހެން އޮތުމުން، ދިވެހިރާއްޖޭގެ އެންމެ ބޮޑު މީޑިއާ، ޕަބްލިކް ސާވިސް މީޑިއާއަށް އެ އިންތިހާބުގެ ކޮންޓްރޯލް ނެގުމުގެ ފުރުސަތު ބޮޑެވެ.
ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ އަދިވެސް ބާރު އޮތީ ލިބޭ ގޮތަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް އެބަ އޮތެވެ. އުނި ކުރީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތައް ވެސް އެބަހުއްޓެވެ.
ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ. އަދި މީޑިއާ އެތިކްސް ހެދުމުގައި ކަނޑައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ހުރީ އެ ބިލުގަ އެވެ. އޭގެ ތެރޭގައި، އާންމު މަސްލަހަތު ގެއްލޭ މައުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ބިލަށް އިތުރުކޮށްފައިވާ މާއްދާތަކުގެ ތެރޭގައި، ކޮމިޝަނަށް ހުށަހަޅާ މައްސަލަ ބަލަން މެންބަރުން ކަނޑައަޅާނެ ގޮތުގެ އުސޫލު ބަޔާންކޮށްފައި އޮންނަ މާއްދާތަކެއް ހިމެނެ އެވެ. ބިލު އިސްލާހު ކުރީ، ކޮމިޝަނުގެ ބޭރުން ވެސް ވަކި މައްސަލައެއް ބެލުމަށް މެންބަރުން އައްޔަން ކުރެވިދާނެ އެވެ.
މުޅި ބިލުގެ ރޫހު ހުރީ މިނިވަން މީޑިއާ ނެތިކޮށްލުމަށް އަދި ސޯޝަލް މީޑިއާ އާއި އިންޓަނެޓު ކޮންޓްރޯލް ކުރަން ކަމަށްވާތީ، އެ ބިލު ވަގުތުން ބޭރު ކުރަން ވަރަށް ގިނަ ނޫސްވެރިންނާއި ބޭރުގެ ޖަމިއްޔާތަކުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ. އަދި ބިލާ ދެކޮޅަށް ޝުއޫރު ފާޅު ކުރުމަށް ނޫސްވެރިން ދަނީ ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ