ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ކުރި ލަންކާ ބޯޓެއްގެ ވެރިޔާ، ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މަސްވެރިކަން ކުރި އަވައްޓެރި ލަންކާ ބޯޓެއްގެ ވެރިމީހާ، 400،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. މިއީ، 2022 ވަނަ އަހަރު "އަނުސްކާ ޑެސްހަން" ނަމަކަށް ކިޔާ ލަންކާގެ މަސްބޯޓެއް ރާއްޖޭގެ ސަރަހައްދަށް ވަދެފައިވާ މައްސަލައެވެ. އޭރުގެ ރެކޯޑްތައް ދައްކާ ގޮތުން، ގާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ސްރީ ލަންކާގެ މަސްބޯޓެއް، އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޝިޕް ހުރަވީން ހިފެހެއްޓީ މ. މުލީގެ އިރުން 79 ނޮޓިކަލް މޭލު ދުރުންނެވެ. މި ބޯޓުގެ މައްސަލައިގައި ފިޝަރީޒް މިނިސްޓްރީގެ ނަމުގައި ދައުލަތުން އެ ބޯޓުގެ ވެރިފަރާތާ ދެކޮޅަށް ދައުވާ އުފުލާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހެވެ. އެ މައްސަލައިގައި ދައުލަތުން އެދިފައިވަނީ، ޕަހަލަގެ ރަންޖިތު ޕްރެކުމާރަ ސިލްވާ ނަމަކަށް ކިޔާ މީހަކު 400،000 ރުފިޔާއިން ޖޫރިމަނާކޮށް، އޭނާގެ ބޯޓު ދައުލަތަށް ނެގުމަށެވެ. މިނިސްޓްރީން މީގެ ކުރިންވަނީ އޭނާއަށް ޖޫރިމަނާގެ ނޯޓިސް ވެސް ފޮނުވާފައެވެ. އެހެންނަމަވެސް މިހާތަނަށްވެސް އެ ފައިސާ އޭނާގެ ފަރާތުން ދައްކާފައެއް ނުވެއެވެ. ސިވިލް ކޯޓުން މި ހަފުތާގައި މި މައްސަލަ ނިންމާފައިވާއިރު، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ދައުވާ ލިބޭ ލަންކާ މީހާ، އެ ދައުވާއަށް ރައްދު ދީފައެއްވެސް ނުވެއެވެ. އަދި ކޯޓަށް ހާޒިރުވެފައިނުވާތީ މައްސަލަ ނިންމާފައިވަނީ ޣައިރު ހާޒިރުގައެވެ. މި މައްސަލައިގެ ހުކުމުގައި ގާޒީ އަލީ އަބްދުﷲ ވަނީ އެ މީހާއަށް މިނިސްޓްރީން ނޯޓިސް ފޮނުވާފައިވާ 400،000 ރުފިޔާގެ ޖޫރިމަނާ 14 ދުވަހުގެ ތެރޭގައި ދައްކަން ހުކުމްކޮށްފައެވެ. އެހެންނަމަވެސް އޭނާގެ ބޯޓު ދައުލަތަށް ނަގަން އަންގާނެ ތަނެއް ނެތް ކަމަށް ހުކުމުގައިވެއެވެ. މީގެ ކުރިން ވެސް އެކި ފަހަރު މަތިން، ލަންކާގެ މަސްބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް ކޯސްޓްގާޑުން ހިފަހައްޓާފައިވެއެވެ. އަދި ބައެއް ފަހަރު ހާލުގައި ޖެހިފައިވާ މީހުންނާ އެކު ވެސް ލަންކާގެ ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ