އައިއޭއީއޭގެ މެންބަރަކަށް ވާން ރާއްޖެއިން ހުށަހެޅި ހުށަހެޅުން ބަލައިގެންފި

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ މެންބަރު ގައުމަކަށްވުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް އެ ޖަމިއްޔާއިން މިއަދު ފާސްކޮށްފި އެވެ.
އެނގުން މުހިންމު - އައިއޭއީއޭ އަކީ އަސްކަރީ ބޭނުމަށް ނިއުކްލިއާ ހަކަތައާއި ޓެކްނޮލޮޖީ ބޭނުންކުރުން ހުއްޓުވުމަށް ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައަޅައި، ސައިންސްގެ ދާއިރާއިން ދޭދޭ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް 1957 ވަނަ އަހަރު ގާއިމުކުރި ބައިނަލްއަގުވާމީ ޖަމުއިއްޔާއެކެވެ.
މި ޖަމިއްޔާގެ މެންބަރު ގައުމަކަށް ވުމަށް ރާއްޖެއިން ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ. ރާއްޖެއިން އައިއޭއީއޭގެ މެންބަރަކަށްވުމުގެ މަގުސަދުތަކުގެ ތެރޭގައި ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ނިއުކްލިއާ މެޑިސިން އަދި ރޭޑިއޭޝަން މެޑިސިން ފުޅާކޮށް ކުރިއެރުވުން ހިމެނެ އެވެ. އަދި، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަސީލަތްތައް ހޯދުމަށް އެ އޭޖެންސީގެ އެހީ ހޯދުން ވެސް ހިމެނެ އެވެ.
ތަފްސީލް - އައިއޭއީއޭގެ ސިޔާސަތުތައް ކަނޑައަޅާ އެ އެޖެންސީގެ އެންމެ މަތީ ގުނަވަންކަމުގައިވާ ޖެނެރަލް ކޮންފަރެންސް އިން ރާއްޖޭގެ އެ ހުށަހެޅުން ބަލައިގަންނަން ނިންމީ މިމަހުގެ 15 އިން 19 އަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ އެ ކޮންފަރެންސްގެ 69 ވަނަ އާންމު ބައްދަލުވުމުގަ އެވެ. މިއީ އައިއޭއީއޭގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ރާއްޖެއިން ފުރިހަމަކުރަންޖެހޭ ފުރަތަމަ ފިޔަވަޅެވެ.
އައިއޭއީއޭގެ ޖެނެރަލް ކޮންފަރެންސްގެ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ.
ރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުން އައިއޭއީއޭގެ މެންބަރު ގައުމުތަކުގެ ފުރިހަމަ އަގުލަބިއްޔަތުން ބަލައިގަތުމާއެކު، ސަލްމާ ވަނީ ކޮންފަރެންސްގެ ބައިވެރިންނާ މުހާތަބުކުރައްވައި ތަގުރީރުކުރައްވާފަ އެވެ.
ސަލްމާގެ ވާހަކައިގައި:
ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވައި އެކަންކަމުން އަރައިގަތުމަށް ސައިންސްގެ ޒަރިއްޔާއިން ހައްލު ހޯދުމަށް، ބައިނަލްއަގުވާމީ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވި
އައިއޭއީއޭގެ މެންބަރުކަން ރާއްޖެއަށް ލިބުމަކީ ގައުމީ ފެންވަރުގައި ހާސިލުކުރެވޭ މުހިންމު ކުރިއެރުމެއް ކަމަށް ވިދާޅުވި
އެކަމަކީ ދުނިޔޭގެ ސަލާމަތާއި ތަރައްގީ ކަށަވަރުކުރުމަށް ކުދި ގައުމުތަކުން އަދާކުރަމުންދާ ދައުރު ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށް ވިދާޅުވި 
އައިއޭއީއޭއާ ގުޅުމާއެކު، ސިއްހަތާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާތަކުގެ އިތުރުން މީހުން ބިނާކުރުމުގެ ދާއިރާއިން އެ އެޖެންސީގެ ފަންނީ އެހީ ހޯދުމަށް ފުރުސަތުތައް ހުޅުވިގެންދާނެކަން ފާހަގަކުރެއްވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ