އިސްރާއީލުން ޤަޠަރަށް ދިން ހަމަލާއަކީ ޢަރަބި އަދި އިސްލާމީ އެންމެހައި ޤައުމުތަކަށް ދިން ހަމަލާއެއް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އެ ހަމަލާ ކުށްވެރިކުރައްވައިފި

އިސްރާއީލުން ޤަޠަރަށް ދިން ހަމަލާއަކީ އެ ޤައުމުގެ އިސްތިޤުލާލަށް އަރައިގަތުންކަމަށާއި، އެއީ ޢަރަބި އަދި އިސްލާމީ އެންމެހައި ޤައުމުތަކުގެ ކަރާމާތް ނަގާލުމަށް ދިން ހަމަލާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޤަޠަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ ޢަރަބި - އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، އެއީ ސީދާ ސުލްޙައަށް ދިން ހަމަލާއެއްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. ޣައްޒާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ހޯދުމުގައި މުހިންމު މެދުވެރިއެއްގެ ދައުރު އަދާކުރާ ޤަޠަރަށް ދޭން ޖެހޭނީ ޙަމަލާ އެއް ނޫންކަމަށާއި، އެ ޤައުމަށް ޙައްޤުވަނީ، އެކުރާ މަސައްކަތުގެ އަގުވަޒަންކުރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އިސްރާއީލުން މަސައްކަތްކުރަނީ ސުލްޙަ އަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި، ސަރަޙައްދީ ހަމަޖެހުމަށް ލޮޅުންއެރުވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިސްރާއީލުން ޤަޠަރަށް ދިން އެ ހަމަލާއަކީ، ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރު ކުރުމާއި، ފަލަސްޠީނަށް އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅުމާއި، ޢާންމު ރައްޔިތުންނާއި ސިއްޙީ ޚިދުމަތްތެރިންނާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ހަމަލާދިނުން ހިމެނޭ ގޮތަށް، ފުޅާ ދާއިރާއެއްގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ހަމަލާއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އިސްރާއީލުން ހިންގާ ޢަމަލުތަކަށް ޖަވާބުދާރީވުމުން ރެކެން ފުރުޞަތު ދޭ، ދެފުށްދެގޮތް މިންގަނޑުތައް ކުށްވެރިކުރައްވައި، ބައިނަލްއަޤުވާމީ ޤާނޫނު ހިންގާންވާނީ، ހުރިހާ ދައުލަތެއްގެ މައްޗަށްވެސް، ހަމަހަމަ ގޮތެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްލާމީ އުންމަތުގެ އެއްވެސް ޤައުމެއް، އެކަހެރި ޙާލަތެއްގައި ޢުދުވާނަކާ ކުރިމަތިލާންޖެހިގެން ނުވާނޭކަމަށް ވިދާޅުވެ، ޤަޠަރުގެ ސަރުކާރާއި އުޚުވަތްތެރި ރައްޔިތުންނަށް އެއްބާރުލުންދިނުން މަތީ ދިވެހިރާއްޖެ ދެމިއޮންނާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރޭވިފައިވާ ސިޔާސީ، އިޤްތިޞާދީ، އަދި ޚާރިޖީ ފިޔަވަޅުތަކެއް މެދުވެރިކޮށް، އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް އިސްރާއީލުގެ ލީޑަރުން ޖަވާބުދާރީކުރުވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ޣައްޒާ އާއި ހުޅަނގު އައްސޭރިއަށް މިހާރުން މިހާރަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ބޮމުގެ ހަމަލާތައް ހުއްޓުވައި، ސުންނާފަތިވެފައިވާ ދިރިއުޅުން އާރާސްތުކުރުމަށް، ހަމައެކަނި ލަފުޒުތަކަކުން ނުފުދޭނޭކަން ފާހަގަކުރައްވައި، ޤާނޫނާއި ޣައިރު ޤާނޫނާއި، އިންސާފާއި ނާއިންސާފާއި، ސުލްޙަ އާއި ނިރުބަވެރިކަމުންކުރެ އިޚުތިޔާރުކުރާނޭ ގޮތްތަކެއް، ދުނިޔެއިން ނިންމަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން އަބަދުވެސް ގެންދަނީ، އިންސާނީ ކަރާމާތާއި، އިންސާފުގެ ދިފާޢުގައްޔާއި، އިސްތިޢުމާރާއި އަނިޔާގެ ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު ދިރިއުޅުމުގެ ޙައްޤަށް ގޮވާލައި އަޑުއުފުލަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި ވަގުތު ގެންދަވަނީ، މި ހިނގާ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ޤަޠަރު ގެ ދޯހާ އަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން ބާއްވާ ޢަރަބި - އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. މި ސަމިޓު މެދުވެރިކޮށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ޤައުމުތަކުގެ އިސްވެރިން ބައްދަލުކުރައްވައި އިސްލާމީ އުންމަތުގެ އަޑުއުފުއްލަވައި، ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށާއި ސަރަޙައްދީ އަމަންއަމާންކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ