މީޑިއާ ބިލާ ދެކޮޅަށް މައުރޫފް ވާހަކަދައްކަވަން އުޅުއްވުމުން، އެމްޕީ އިމްރާން މައިކް ''ހަލާލުކޮށްލައްވައިފި''
މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކުރަން ބޭއްވި ބައްދަލުވުން ހޫނުވެ، އެމްޑީޕީގެ މެންބަރަކު ވާހަކަދައްކަވަން މަސައްކަަތް ކުރެއްވުމުން ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފް މައިކަކަށް ގެއްލުންދެއްވައިފިއެވެ. ސަރުކާރާ ގުޅުން އޮންނަ އަމިއްލަ މެންބަރެއް ކަމަށްވާ، ތުޅާދޫ ދާއިރާގެ އަބްދުލްހަންނާން އަބޫބަކުރު މީޑިއާ ބިލު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މަހުގެ 18ގައެވެ. އެ ބިލު ހާމަކުރި ހިސާބުން ފެށިގެން ނޫސްވެރިން އަންނަނީ، ބިލަށް އަމަލުކުރަމުން ފެށުމުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލޭނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، ބިލު ބޭރުކުރަން ގޮވާލަމުންނެވެ. އެ ބިލާ ދެކޮޅަށް ނޫސްވެރިންނާއި އިދިކޮޅުން މުޒާހަރާ ވެސް ކޮށްފައިވަނިކޮށް، މަޖިލީހުން އެ ބިލު ބަލައިގަނެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިއެވެ. އަދި އެ ކޮމިޓީން ދައުރުން ބޭއްވި ބައްދަލުވުންތަކުގައި މިއަދު ބިލަށް އިސްލާހުތަކެއް ހުށަހަޅާފައިވެއެވެ. https://x.com/tedmaldives/status/1967552952052416887 އެ ކޮމިޓީ އަޑު އަހަން ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުންގެ އިތުރަށް ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ މަޖިލިސް މެންބަރު ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އިމްރާންގެ އިތުރުން، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި ހަމަ އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސާމިރު ވެސް ހިމެނިވަޑައިގަތެވެ. މައުރޫފް ވާހަކަދައްކަވަން މަސައްކަތް ކުރެއްވުމުން، އިމްރާނާއި ސަމީރު މައިކުގައި ހިފަހައްޓަވާ މަންޒަރު ----- ފޮޓޯ/ އަނޫފް ޖުނައިދު, ދައުރު އެ ކޮމިޓީގައި ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވަނީ އެ ބިލަށް ގިނަ އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ. އެ އިސްލާހުތަކާ އެކު ކޮންޓްރޯލް ބިލު ފާސްކުރަން ވޯޓަށް އެހުމުން، ކޮމިޓީގައި ބައިވެރިވި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވަނީ ބިލަށް ވޯޓު ދީފައެވެ. އެއާއެކު، ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެތިބި ނޫސްވެރިންނާއި އެމްޑީޕީ މެންބަރުން ވެސް ނުރުހުން ފާޅުކޮށް އިހުތިޖާޖު ކުރަން ފެށިއެވެ. އެ އިހުތިޖާޖުތަކުގެ ތެރެއިން، މައުރޫފް ކޮމިޓީގެ މައިކެއް ކައިރިއަށް ވަޑައިގެން ވާހަކަދައްކަވަން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އިމްރާން ވަޑައިގެން، އޭނާއަށް ހުރަސް އަޅުއްވަން މައިކް ދުރަށްޖައްސަން މަސައްކަތް ކުރާ މަންޒަރު، ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެނެއެވެ. އެ ވަގުތު ސާމިރު ވެސް މައިކް ވެސް ހިފަހައްޓަވައި، މައުރޫފަށް ވާހަކަ ދައްކަވަން ފުރުސަތު ދެއްވަން މަސައްކަތް ކުރައްވާ މަންޒަރު ފެނެއެވެ. ވީޑިއޯތަކުން ދެން ފެންނަނީ، އެ މައިކް ދެކޮޅަށް ދަމަމުން ގޮސް، ވަކި ހިސާބަކުން އިމްރާން މައިކް އުފުރާލައި ވައްޓާލައްވާ މަންޒަރެވެ. https://sun.mv/211356 މަޖިލީހުގައި ހިމެނޭ ތަކެއްޗަކީ ދައުލަތުގެ މުދަލަށް ވާތީ، އެ ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަތައް ސުލޫކީ ކޮމިޓީއަށް ހުށަހަޅައިގެން ބެލޭނެއެވެ. ފާހަގަކުރެވޭ ގޮތުގައި، މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލު ތަޅުމުން ފާސްކުރުމުގެ މަސައްކަތް މާދަމާ ކުރަން، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން ވަނީ ތައްޔާރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ