''މީޑިއާ ކޮންޓްރޯލް ބިލް'' މާދަމާ ފާސްކުރަނީ

މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލު ތަޅުމުން ފާސްކުރުމުގެ މަސައްކަތް މާދަމާ ކުރަން، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން ތައްޔާރުވެއްޖެއެވެ. ސަރުކާރާ ގުޅުން އޮންނަ އަމިއްލަ މެންބަރެއް ކަމަށްވާ، ތުޅާދޫ ދާއިރާގެ އަބްދުލްހަންނާން އަބޫބަކުރު މީޑިއާ ބިލު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މަހުގެ 18ގައެވެ. އެ ބިލު ހާމަކުރި ހިސާބުން ފެށިގެން ނޫސްވެރިން އަންނަނީ، ބިލަށް އަމަލުކުރަމުން ފެށުމުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލޭނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، ބިލު ބޭރުކުރަން ގޮވާލަމުންނެވެ. އެ ބިލާ ދެކޮޅަށް ނޫސްވެރިންނާއި އިދިކޮޅުން މުޒާހަރާ ވެސް ކޮށްފައިވަނިކޮށް، މަޖިލީހުން އެ ބިލު ބަލައިގަނެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިއެވެ. އެ ބިލަށް ތާއިދުކޮށް ސަރުކާރުގެ މެންބަރުން ވާހަކަދައްކަވައިފައިވާއިރު، ބަންޑާރަނައިބުގެ އޮފީހުން ވަނީ ނޫސްވެރިންގެ ކަންބޮޑުުވުންތަކާ ގުޅިގެން ބިލަށް 14 އިސްލާހެއް ހުށަހަޅައިފައެވެ. https://sun.mv/211356 އެ އިސްލާހުތަކާއި އިތުރު އިސްލާހުތަކެއް ހިމެނޭ ގޮތަށް، މިއަދު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ބިލް ފާސްކޮށްފައެވެ. އެއީ ކޮމިޓީއަށް ވަދެ ތިއްބެވި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އިތުރުން ނޫސްވެރިން ވެސް އަޑުހަރުކޮށް، ކަންބޮޑުވުން ފާޅުކުރަނިކޮށެވެ. އެ ބިލް ފާސްކުރި ފަހުން، ޕީއެންސީގެ ސީނިއާ މަޖިލިސް މެންބަރަކު "ސަން"އަށް ވިދާޅުވީ އެ ޕާޓީގެ ވިސްނުމަކީ އެ ބިލް ވީ އެންމެ އަވަހަކަށް ފާސް ކުރުން ކަމަށެވެ. އެހެންކަމުން މާދަމާ ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ޖަލްސާއަށް މި ބިލު ހުށަހަޅައި ފާސް ކުރަން އެ ޕާޓީން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. "ބިލު އެ އޮތީ މައިގަނޑު ކަންބޮޑުވުންތަކަށް ހައްލު ގެނެސް ކޮމެޓީން ފާސްކޮށްފައި. މާދަމާ ބިލް ފާސްކުރުން ވިސްނުމަކީ،" މެންބަރު ވިދާޅުވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި، މީޑިއާ ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު: އެ ބިލް ފާސްކުރުމުގެ މަސައްކަތް މާދަމާ ޕީއެންސީން ކުރާނެ -- ފޮޓޯ/ ރައީސް އޮފީސް މާދަމާގެ ޖަލްސާގެ އެޖެންޑާ އަދި މަޖިލީހުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެ މެންބަރު ވިދާޅުވީ މިރޭ އެޖެންޑާ އާއްމު ކުރާއިރު އެ ބިލުގެ މަައްސަލަ މާދަމާއަށް އެޖެންޑާ ކުރާނެ ކަމަށެވެ. މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިއްބަވާއިރު، ބިލް ފާސްކުރަން ބޭނުންވަނީ ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތު ކަމުން އެ ޕާޓީއަށް ފަސޭހައިން ބިލު ފާސްކުރެވޭނެއެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ ބިލް ފާސްކުރީ، ބިލް ބޭރުކުރުމަށް ގޮވާލައި 151 ނޫސްވެރިންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ. މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަނާއި މީޑިއާ ކައުންސިލް، އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބޭރުގެ ޖަމިއްޔާތަކުން ވެސް ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާތަކުން ވަނީ މިއީ މިނިވަން ނޫސްވެރިކަން 'ނެތިކޮށްލާނެ ބިލެއް'ގެ ގޮތުގައި ސިފަކޮށްފައެވެ. އެކަމަކު، ސަރުކާރުގެ ފަރާތުން އަންނަނީ ބިލު ދިފާއުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ