ރާއްޖެއަށް އައިއޭއީއޭގެ މެންބަރުކަން ދޭން ފުރިހަމަ އަޣުލަބިއްޔަތުން ފާސްކޮށްފި

އިންޓާނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ މެންބަރު ގައުމަކަށްވުމަށް އެދި ރާއްޖެއިން ހުށަހެޅި އެޕްލިކޭޝަން ބަލައިގަތުމަށް އެޖަމިއްޔާއިން މިއަދު ފާސްކޮށްފި އެވެ.
އައިއޭއީއޭގެ ސިޔާސަތުތައް ކަނޑައަޅާ އެ އެޖެންސީގެ އެންމެ މަތީ ގުނަވަންކަމުގައިވާ ޖެނެރަލް ކޮންފަރެންސް އިން މިނިންމުން ނިންމާފައިވަނީ މިމަހުގެ 15 އިން 19 އަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ އެ ކޮންފަރެންސްގެ 69 ވަނަ ޢާންމު ބައްދަލުވުމުގައެވެ. މިއީ އައިއޭއީއޭގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ދިވެހިރާއްޖެއިން ފުރިހަމަކުރަންޖެހޭ ފުރަތަމަ ފިޔަވަޅެވެ.
އައިއޭއީއޭގެ ޖެނެރަލް ކޮންފަރެންސްގެ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ. އެގޮތުން، އައިއޭއީއޭގެ މެންބަރު ގައުމުތަކުގެ ފުރިހަމަ އަޣުލަބިއްޔަތުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ އެޕްލިކޭޝަން ބަލައިގަތުމާއެކު، އެމްބެސެޑާ ޑރ. ސަލްމާ ރަޝީދު ވަނީ ކޮންފަރެންސްގެ ބައިވެރިންނާ މުޚާތަބުކުރައްވައި ތަގުރީރު ކުރައްވާފަ އެވެ.
އެމްބެސެޑާ ޑރ. ސަލްމާ ރަޝީދު ވަނީ، އެކަމަނާގެ ވާހަކަފުޅުގައި، ތަރައްގީ ވަމުން އަންނަ ކުދިޖަޒީރާ ގައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހިއްސާކުރައްވައި އެކަންކަމުން އަރައިގަތުމަށް ސައިންސްގެ ޒަރިއްޔާއިން ހައްލު ހޯދުމަށް، ބައިނަލްއަގްވާމީ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަ ކުރައްވާފަ އެވެ.
ރާއްޖެއަށް އައިއޭއީއޭގެ މެންބަރުކަން ދޭން ފުރިހަމަ އަޣުލަބިއްޔަތުން ފާސްކުރުން --
އެގޮތުން އެކަމަނާ ވަނީ އައިއޭއީއޭގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބުމަކީ ގައުމީ ފެންވަރުގައި ހާސިލުކުރެވޭ މުހިންމު ކުރިއެރުމެއް ކަމަށް ބަޔާންކުރައްވައި، މިކަމަކީ ދުނިޔޭގެ ސަލާމަތާއި ތަރައްގީ ކަށަވަރު ކުރުމަށް ކުދި ގައުމުތަކުން އަދާކުރަމުންދާ ދައުރު ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގަންނަކަމުގެ ހެއްކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. މީގެ އިތުރުން އެމްބެސެޑަރ ޑރ. ސަލްމާ ރަޝީދު ވަނީ އައިއޭއީއޭއާ ގުޅުމާއެކު، ސިއްހަތާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާތަކުގެ އިތުރުން މީހުން ބިނާކުރުމުގެ ދާއިރާއިން އެ އެޖެންސީގެ ފަންނީ އެހީ ހޯދުމަށް ފުރުސަތުތައް ހުޅުވިގެންދާނެ ކަން ވެސް ފާހަގަ ކުރައްވާފަ އެވެ.
ދިވެހިރާއްޖެއިން އައިއޭއީއޭގެ މެންބަރު ގައުމަކަށް ވުމަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ދިވެހިރާއްޖެއިން އައިއޭއީއޭގެ މެންބަރަކަށްވުމުގެ މަގްސަދުތަކުގެ ތެރޭގައި ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ނިއުކްލިއާ މެޑިސިން އަދި ރޭޑިއޭޝަން މެޑިސިން ފުޅާކޮށް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަސީލަތްތައް ހޯދުމަށް އެ އޭޖެންސީގެ އެހީ ހޯދުން ހިމެނެ އެވެ.
އައިއޭއީއޭ އަކީ އަސްކަރީ މަގްސަދުތަކަށް ނިއުކްލިއާ ހަކަތައާއި ޓެކްނޮލޮޖީ ބޭނުންކުރުން ހުއްޓުވުމަށް ބައިނަލްއަގްވާމީ މިންގަނޑުތައް ކަނޑައަޅައި، ސައިންސްގެ ދާއިރާއިން ދޭދޭ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް1957 ވަނަ އަހަރު ގާއިމުކުރެވުނު ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ