ހިޔާލު ހޯދުމުގެ ބިލު ފާސްކުރީ އޮޅުވާލައިގެން ސަރުކާރުން ބޭނުންވާ ކަންކަން ކުރަން: އެމްޑީޕީ

'ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓް ނެގުމުގެ ބިލު' ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޮޅުވާލައިގެން ސަރުކާރުން ބޭނުން ކަންކަން ކުރަން ކަމަށާއި ރައްޔިތުން ބޭނުންވަނީ ކަމުގައި ބުނެ، ރިޔާސީ ދައުރު ދަންމާލުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި އެވެ.
ވީ ކިހިނެއް؟ - ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް މިދިޔަ ޖުލައިގައި ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. 
އެ ބިލު ފާސްކުރުމާ މެދު މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި މި ބިލު ފާސްކޮށްފައިވަނީ:
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ ވޯޓުން
ބިލާ ދެކޮޅަށް 12 މެންބަރުން ވޯޓު ދެއްވި
ބުނީ ކީކޭ؟ - އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި އަދި ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ދެނެގަތުން ނުވަތަ ރައްޔިތުންގެ ބަސް ހޯދުމަކީ، ރާއްޖެ ފަދަ ޑެމޮކްރެޓިކް އަދި ޖުމްހޫރީ ދައުލަތެއްގައި ވަރަށް މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށެވެ.
އެކަމަކު މިއަދު ފާސްކުރި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުގައި ބައިވެރިވެފައި ނުވަނީ، އެ ބިލާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށް އެ ބަޔާނުގައިވެ އެވެ. 
އެގޮތުން، އެމްޑީޕީން ބުނީ:
ގާނޫނުއަސާސީން މިހާރު ވެސް ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައީސްއަށް ވެސް އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ބާރު ދީފައިވޭ 
ނަމަވެސް ވަކި ގާނޫނެއް އެކަމަށް ފާސްކޮށްގެން ކުރަން ރާވާ ކަމަކީ ހިޔާލު ހޯދުމުގެ މުޅި ނިޒާމު ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް ގެންގޮސް، ރައްޔިތުންގެ ބާރު ހަނިކުރުން 
މީގެ ބޭނުމަކީ ރައްޔިތުންގެ ބޭނުންވާ ކަންކަން ކަމަށް ބުނެ ސަރުކާރުން ބޭނުންވާ ކަންކަން ކުރަމުން ގެންދިން؛ މިގޮތުން، ރިޔާސީ ދައުރު އިތުރު އަހަރުތަކަކަށް ދިގު ދަންމާލުމަކީ މިކަމުގެ އަޑީގައި ފޮރުވިފައިވާ ކަމެއް
ބިލުގައި މިހާރު ކަނޑައަޅައިފައިވާ މުއްދަތުތަކަކީ، ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި ހޭލުންތެރިކުރުމަށާ އަދި ކެމްޕޭންކުރުމަށް، އެކަށީގެންވާ މުއްދަތުތަކެއް ނޫން 
އެކަށީގެންވާ މުއްދަތު ނުދިނުމަކީ، އަވަސް އަރުވާލައިގެން ސަރުކާރުން ކުރަން ބޭނުންވާ ބައެއް ކަންކަން ކުރުމަށް ކޮށާފައިވާ މަގެއް؛ އެކަމުގެ ސަބަބުން މުޅި ޕްރޮސެސްގެ ހާމަކަމާއި އިތުބާރު ގެއްލިގެންދޭ
މަޖިލީހުގެ އިސްނެގުމަށް އެފަދަ ވޯޓަކަށް ދާން ހުށަހަޅާ ހާލަތުގައި، ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވާންޖެހޭ ގޮތަށް އޮތުމަކީ ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި އިހްތިޔާރުތައް ހަނިވާނެ ސަބަބެއް
މި ބިލު ދަށުން ހަދާ ގަވާއިދުތަކަކާއި އުސޫލުތަކުގެ ތަފްސީލެއް ބިލަކު ނެތް؛ އެހެންވެ މުޅި ޕްރޮސެސްއަށް ގިނަ ބަދަލުތަކެއް ގެނައުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންދޭ 
އިލެކްޝަންސް ކޮމިޝަންގެ ރައީސަކީ ރައީސް އައްޔަނުކުރާ ފަރާތެއް ކަމަށްވީއިރު، މިއީ ނުސީދާކޮށް ބާރުތައް ނަގައިގެން، މުޅި ޕްރޮސެސްއަށް ނުފޫޒު ހިންގުމުގެ ހީލަތްތެރި ރޭވުމެއްކަން އެނގޭ
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފަސް އަހަރުގެ ދައުރަކަށް ރައްޔިތުން އިންތިހާބުކުރި ކައުންސިލުތަކުގެ ދައުރުގެ ތެރެއިން، މަސްއޫލިއްޔަތުތައް އަދާކުރުމުގެ އެއް އަހަރު އުނިވާ ގޮތަށް ގާނޫނެއް ފާސްކުރިއިރު، އެކަމަށް ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާ ކަމަށެވެ.
"އެހެންކަމުން މި ބިލުގެ ބޭނުމަކީ ކޮންމެހެން ރައްޔިތުންގެ ހިޔާލު ހޯދުން ނޫން ކަމާއި އަދި ސަރުކާރުން ބޭނުންވާ ކަންކަން ވަކި ގޮތަކަށް ނިންމުންކަން ސާފުކޮށް އެނގެ އެވެ. ނަތީޖާއަކީ، ގައުމީ މުހިންމު ކަންކަމުގައި ރައްޔިތުންގެ ބަސް އިއްވުމަށް އޮތް ފުރުސަތު ހަނިވުމެވެ،" ބަޔާނުގައިވެ އެވެ.
އެނގުން މުހިންމު - ރައީސް މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެ މަނިކުފާނު ވިސްނަވާ ބައެއް ކަންކަން މީގެ ކުރިން ހާމަކުރައްވައިފަ އެވެ. އެ ކަންކަމުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި އެއް ބުރުން ވެރިއަކު ހޮވާ ގޮތަށް ހެދުމާއި ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ވެރިޔަކު ހޮވާ ގޮތަށް ހެދުން ހިމެނެ އެވެ.
މިއަދު ފާސްކުރި ބިލުގައި ބުނަނީ:
ވަކި ސަރަހައްދަކާ ގުޅުންހުރި މުހިންމު މައްސަލައެއް ނިންމުމުގައި އެކަމަކީ އެކަމަކީ ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމު ކަމެއް ކަމަށް ރައީސްއަށް ފެނިވަޑައިގެންފި ނަމަ، އެ ސަރަހައްދަކަށް ނިސްބަތްވާ ރައްޔިތުންގެ މެދުގައި ހިޔާލު ހޯދުމުގެ ވޯޓެއް ނެގިދާނެ
އާންމު ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ފެނިއްޖެ ހާލަތެއްގައި ވެސް، މި ގާނޫނާ ފުށޫނާރާނެ ގޮތަކަށް މަޖިލީހުގެ ގަވާއިދުގެ ދަށުން އެފަދަ ވޯޓެއް ނެގިދާނެ
ހިޔާލު ހޯދުމުގެ ވޯޓު ނަގަން މަޖިލީހަށް ފެނިއްޖެ ނަމަ އެ ވޯޓެއް ނަގަން ކަނޑައަޅާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުން
ހިޔާލު ހޯދުމުގެ ވޯޓު ނަގަން މަޖިލީހަށް ލާޒިމުވާ ހާލަތުގައި އެކަން ކަނޑައަޅާނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުން
ހިޔާލު ހޯދުމުގެ ވޯޓުގެ އަގުލަބިއްޔަތު ބަލާނީ އިންތިހާބުގައި ވޯޓްދިން މީހުންގެ ތެރެއިން ސައްހަ ވޯޓުގެ %50އަށް ވުރެ ގިނަ ވޯޓް ނިންމުމަށް ލިބުމުން
ވޯޓް ނެގުމުގެ 21 ދުވަހުގެ ކުރިން އެ ވޯޓާ ގުޅޭ މައުލޫމާތު ކަރުދާސް އާންމުކޮށް އާންމުން ހޭލުންތެރިކުރުުވަން ކައުންސިލަށް ލާޒިމުކުރުން
ވޯޓް ނަގަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އެ ވޯޓް ނަގަން ޖެހޭ؛ ވަކި ސަރަހައްދަކަށް ނަގާ ވޯޓްގައި 45 ދުވަހަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި ވެސް އެފަދަ ވޯޓެއް ނެގިދާނެ
ފެންނަ ނުފެންނަ ވޯޓް ނަގަން މަޖިލީހުން ނިންމާނީ ޖަލްސާއަށް ހާޒިރުވެ ވޯޓްގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން
އިލެކްޝަންސް ކޮމިޝަނުން ބަޖެޓަށް އެދޭތާ 10 ދުވަހުގެ ތެރޭގައި ވޯޓަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުން ލާޒިމްކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ