އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދޭ ޖެނެރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އަނެއްކާ ވެސް އައްޑޫއިން ކަރަންޓު ކަނޑަން ފަށައިފި އެވެ.
ހިތަދޫގައި ހުންނަ ފެނަކަ ބްރާންޗުގެ ވައިބާ ގްރޫޕުގައި މިދިޔަ ސެޕްޓެމްބަރު 23، އިން ފެށިގެން އިއްޔެއާ ހަމައަށް ވެސް ފެނަކައިން ދަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭނެ ކަމަށް ބުނެ މެސެޖުތައް ހިއްސާ ކުރަމުންނެވެ.
އެގޮތުން ސެޕްޓެމްބަރު 23، އަދި 24، ގައި ފެނަކައިން ހިއްސާ ކޮށްފައިވާ މެސެޖުގައި ބުނެފައި ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން ލޯޑު މަތިވާ ވަގުތުތަކުގައި ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އޭގެފަހުން ސެޕްޓެމްބަރު 28، އިން ފެށިގެން އިއްޔެއާ ހަމައަށް އެ ގްރޫޕްގައި ހިއްސާ ކުރަމުންދާ މެސެޖުގައި ބުނެފައި ވަނީ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ހިންގާ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ލޯޑު މަތިވާ ގަޑިތަކުގައި ލޯޑު މެނޭޖު ކުރުމަށްޓަކައި ކަރަންޓު ކަނޑަންޖެހޭނެ ކަމަށެވެ.
އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލެއް ނުލިބި މިދިޔަ އަހަރުން ފެށިގެން އެ ސިޓީން ދަނީ ދޭތެރެދޭތެރެއިން ކަރަންޓު ކަނޑަމުންނެވެ. އެގޮތުން މިދިޔަ ރޯދަ މަހުގެ ވެސް ބޮޑުބައި އައްޑޫ ރައްޔިތުން ހޭދަކުރީ ކަނު އަނދިރީގަ އެވެ.
އެ މައްސަލަ ހައްލު ކުރުމަށް އެކި މަސައްކަތްތައް ކުރަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް މިއަދާ ހަމައަށް ވެސް މައްސަލަ ހައްލުވެފައެއް ނުވެ އެވެ. އަދި އެކަން އެގޮތަށް ދިމާވާ ސަބަބެއް ވެސް ފެނަކައިން މިހައިތަނަށް ހާމައެއް ނުކުރެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ތަހުގީގު ކުރުމަށް އަދަދު އިން ކުރި މަސައްކަތުން ވަނީ އައްޑޫ ހިމެނޭހެން ރާއްޖޭގެ ތަފާތު އެކި ރަށްތަކަށް ދިމާވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގެނެސްފައި ހުރީ ބާ ޖެނެރޭޓަރުތަކެއްކަން އެނގިފަ އެވެ.
އެހެންނަމަވެސް އެކަމާ ގުޅިގެން ވެސް މިހައިތަނަށް ފެނަކައިން އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް އެޅިކަން ނުވަތަ ނޫން ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
ޖެނެރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އަނެއްކާވެސް އައްޑޫއިން ކަރަންޓު ކަނޑަނީ ޖެނެރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އަނެއްކާވެސް އައްޑޫއިން ކަރަންޓު ކަނޑަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ