ނަތަންޔާހޫގެ އަމުރަށް އިސްރާއީލް ސިފައިން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީފި

އިސްރާއީލްގެ ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ބެނަޔަމިން ނަތަންޔާހޫގެ އަމުރަށް އިސްރާއީލް ސިފައިން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
އިއްޔެ ދިން މި ހަމަލާތަކަކީ އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިފަހުން ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާތަކެވެ. އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި މި ހަމަލާތައް ދީފައިވަނީ ހަމާސްއިން އެމީހުންގެ ސިފައިންގެ މީހަކަށް ހަމަލާދިނުމުންނެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެތްކެއް އިސްރާއީލަކަށް ދެއްކިފައެއް ނުވެއެވެ. އިސްރާއީލުން ދަނީ ޖަރީމާތައް ހުއްޓާލިފަހުންވެސް ފަލަސްތީނުގެ ޣައްޒާގެ އިތުރުންވެސް އިތުރު ސިޓީތަކަށް ހަމަލާތައް ދެމުންނެވެ. 
މިފަހުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 18 މީހަކު ޝަހީދުވެފައިވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. އިސްރާއީލުން ދިން މި ހަމަލާތަކާ ގުޅިގެން ހަމާސްއިން ވަނީ އަސީރުން ހަވާލުކުރަން މަޑުޖައްސާލަން ޖެހިދާނެކަމަށް އިންޒާރުދީފައެވެ.
އިސްރާއީލުން ދިން މި ހަމަލާތަކާ ގުޅިގެން އެމެރިކާއިން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަދިވެސް ދެމިއޮތް ކަމަށާއި، އެކަން އެހެން އޮތެއްކަމަކު ދެފަރާތުގެ ދެމެދުގައި ކުދިކުދި ހަމަލާތައް ހިނގާނޭކަން ދަންނަކަމަށެވެ. އެހެން އެވަނީ ހަމާސްގެ ހަނގުރާމަވެރިންގެ ސަބަބުންކަމަށް އެމެރިކާއިން ވަނީ ތުހުމަތުކޮށްފައެވެ.
އިސްރާއީލުން ދިން އެ ހަމަލާތަކާއެކު ޣައްޒާގެ ހާލަތު އިތުރަށް ގޯސްވާނޭކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ