ބީއެމްއެލްގެ 3 ވަނަ ކުއާޓަރުގެ ހިންގުމުގެ ފައިދާ %10 މައްޗަށް؛ 791 މިލިއަން ރުފިޔާ

މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު، މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިންގުމުގެ ފައިދާ %10 ކުރިއަރައި 791 މިލިއަން ރުފިޔާ ހޯދައިފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލް އިން މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދައި މިއަދު ވަނީ އެ ކުއާޓަރުގެ ނަތީޖާ ހާމަކޮށްފަ އެވެ.
ތަފްސީލް - ބީއެމްއެލް އިން ބުނި ގޮތުގައި:
ހިންގުމުގެ ފައިދާގެ ގޮތުގައި 791 މިލިއަން ރުފިޔާ ހޯދި؛ މިއީ މި އަހަރުގެ ދެ ވަނަ ކުއާޓަރާ ދާދި އެއްވަރުގެ ނަތީޖާއެއް
މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %10 ކުރިއެރި 
ސާފު ފައިދާގެ ގޮތުގައި 475 މިލިއަން ރުފިޔާ ލިބުނު
މީގެ އިތުރުން:
ބީއެމްއެލް އިން ދޫކޮށްފައިވާ ޖުމްލަ ލޯނު އިތުރުވަމުން އަންނައިރު، މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާ ދޫކޮށްފައިވޭ
ތިންވަނަ ކުއާޓަރުގެ ނިޔަލަށް ބީއެމްއެލްގެ ޖުމްލަ އެސެޓް 51.1 ބިލިއަން ރުފިޔާއަށް އަރާފައިވޭ
ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ރުފިޔާއަށް އަރާފައިވޭ
ބީއެމްއެލްގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށް ވުރެ މަތީގައި ދަމަހައްޓާފައިވެ އެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑުމެން ފަހުރުވެރިވަނީ ހަމައެކަނި މި ހަރުދަނާ ނަތީޖާއަކަށް ނޫން. މީގެ އިތުރުން އެކި މުޖުތަމައުތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދީ ކުރިއެރުންތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތާ މެދު ވެސް އަޅުގަނޑުމެން ފަހުރުވެރިވޭ،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
ޖުލައިން ސެޕްޓެމްބަރަށް ހިނގާ ތިން ވަނަ ކުއާޓަރުގައި ބީއެމްއެލް އިން ވަނީ މުޅި ރާއްޖެއަށް ހިދުމަތްތައް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ވެސް މާލީ ހިދުމަތްތަކަށް ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކޮށްފަ އެވެ. އެގޮތުން:
'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން، މިދިޔަ ފެބްރުއަރީން ފެށިގެން އެންމެ 9 މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، މި މަހު މި މަޝްރޫއު ކާމިޔާބުކަމާ އެކު ވަނީ ނިންމާލާފައި
ބީއެމްއެލް އިން ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަނެފައި؛ މި ނިންމުމާ އެކު، އެސްޑީއެފްސީއަކީ ޝަރީއާ ކޮމްޕްލައިންޓް ހިދުމަތެއް ފޯރުކޮށްދޭ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާ އެކު އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ހިދުމަތް ފޯރުކޮށްދޭ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީއަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ