އައިފޯން 17ގެ ކާމިޔާބީއާއެކު، އެޕަލްގެ އަގު ހަތަރު ޓްރިލިއަން ޑޮލަރަށް!
ޓެކްނޮލޮޖީގެ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި އެޕަލްގެ އަގު ހަތަރު ޓްރިލިއަން ޑޮލަރަށް އަރައިފިއެވެ. އެޕަލްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ އައިފޯން 17އަށް ލިބެމުންދާ ބޮޑު ތަރުހީބާއެކު، އެޕަލްގެ ބާޒާރުގެ އަގު (މާކެޓް ވެލިއު) ވަނީ ހަތަރު ޓްރިލިއަން ޑޮލަރަށް އަރާފައެވެ. މީގެ ކުރިން އެ އަދަދަށް އަގު އަރައިފައިވާ ހަމައެކަނި ކުންފުނިތަކަކީ އެޕަލްއާއި އެންވީޑިއާއެވެ. ހޯމަ ދުވަހުގެ ވިޔަފާރި ނިމުނުއިރު އެޕަލްގެ ޝެއާގެ އަގު ވަނީ 0.1 އިންސައްތަ މައްޗަށް ގޮސްފައެވެ. މާހިރުން ފާހަގަކުރާ ގޮތުގައި، މި އަގު އުފުލުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، އައިފޯން 17 ވިކޭ މިންވަރު، ލަފާކޮށްފައިވާ ވަރަށްވުރެ މާ ބޮޑަށް ރަނގަޅުވުމެވެ. ޚާއްސަކޮށް، ކުރިން އެޕަލްއަށް ގޮންޖެހުންތަކެއް ކުރިމަތިވި ޗައިނާގެ ބާޒާރުގައި ވެސް އައިފޯން 17 އަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. https://sun.mv/212624 މި އަހަރުގެ މިހާ ހިސާބަކީ އެޕަލްއަށް އުފާވެރި ދުވަސްތަކެއް ކަމަށް ވީ ނަމަވެސް، އަހަރުގެ ކުރީކޮޅު ކުންފުނި އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެރިފްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އުފެއްދުންތައް ނެރުން ލަސްވުމާއި، އެމެރިކާގައި އުފެއްދުންތެރިކަން އިތުރުކުރުމަށް އޮތް ފިއްތުންތަކުގެ ސަބަބުން އެޕަލްގެ ހިއްސާގެ އަގު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. އެގޮތުން، އެޕްރީލް މަހުގެ އެއް ދުވަހެއްގެ ވިޔަފާރީގައި އެކަނިވެސް އެޕަލްގެ ބާޒާރުގެ އަގުން 310 ބިލިއަން ޑޮލަރު ގެއްލުނެވެ. މި އަހަރަކީ ޓެކްނޮލޮޖީގެ ބާޒާރަށް، ޚާއްސަކޮށް އޭއައި އާ ގުޅުން ހުރި ކުންފުނިތަކަށް ރަނުގެ އަހަރެކެވެ. އެންވީޑިއާ އާއި މައިކްރޮސޮފްޓް ފަދަ ކުންފުނިތަކުން އެޕަލްއަށް ވުރެ ކުރިން ހަތަރު ޓްރިލިއަން ޑޮލަރަށް ވާސިލްވުމުން، އޭއައި އަކީ ބާޒާރަށް ކިހާ މުހިންމު އެއްޗެއްކަން ހާމަވެއެވެ. އެހެންނަމަވެސް، އެޕަލްގެ މި ކާމިޔާބީން ދައްކުވައިދެނީ، އޭއައިގެ ރޭހުގައި އެ ކުންފުނި ފަހަތުގައި އޮތް ކަމަށް ބެލެވުނަސް، އައިފޯނަކީ އަދިވެސް ކަސްޓަމަރުންގެ ލޯތްބާއި ވޯލް ސްޓްރީޓްގެ އިތުބާރު ހޯދައިދޭ ވަރުގަދަ އުފެއްދުމެއް ކަމެވެ. އެޕަލްގެ ތާރީޚީ މަރުހަލާތައް: 1 ޓްރިލިއަން ޑޮލަރު: އޮގަސްޓް 20182 ޓްރިލިއަން ޑޮލަރު: އޮގަސްޓް 20203 ޓްރިލިއަން ޑޮލަރު: ޖަނަވަރީ 2022 މިހާރު ވޯލް ސްޓްރީޓްގެ އިންވެސްޓަރުން އިންތިޒާރު ކުރަމުން ދަނީ، އެޕަލްގެ ސީއީއޯ ޓިމް ކުކް، ކުންފުނީގެ އޭއައި ސްޓްރެޓެޖީ އާ ގުޅޭ ތަފުސީލީ މަގުޗާޓު ހާމަކުރާނެ ދުވަހަކަށެވެ. ނަމަވެސް، މި ވަގުތުގެ ހަގީގަތަކީ، އެޕަލްގެ ކާމިޔާބީގެ މިސްރާބު އަދިވެސް ކަނޑައަޅާ މައިގަނޑު ބާރަކީ އެ ކުންފުނީގެ އައިކޮނިކް އުފެއްދުން ކަމަށްވާ އައިފޯން ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ