18 މީޑިއާއަކަށް ބަޖެޓުން 28 މިލިއަން ރުފިޔާ

ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭން އިއުލާނުކުރި ފައިސާއަށް 18 މީޑިއާއެއްގެ ޝަރުތު ހަމަވެ، ޖުމުލަ 28 މިލިއަން ރުފިޔާ ދޫކުރާނެކަން މިއަދު އިއުލާނުކޮށްފިއެވެ. ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ޔޫތު މިނިސްޓްރީން މިއަދު އިއުލާނުކޮށްފައިވާ ލިސްޓުން އެނގޭ ގޮތުގައި ބަޖެޓުން ދޭ ފައިސާއަށް ޖުމުލަ 18 މީޑިއާއެއްގެ ވަނީ ޝަރުތު ހަމަވެފައެވެ. އެ މީޑިއާތަކަށް ޖުމުލަ ދޫކުރަން ނިންމާފައިވަނީ 27.9 މިލިއަން ރުފިޔާއެވެ. ލިސްޓުން އެނގޭ ގޮތުގައި އެއް މީޑިއާއަކަށް އެންމެ ގިނައިން ފައިސާ ލިބެނީ ޔޫތު މިނިސްޓަރު މުހައްމަދު ވަހީދު (އަސްވާޑް) ހިންގަވާ ސަންގު ޓީވީއަށެވެ. އެ ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު ސަންގު އޮންލައިނަށް ވަކިން 1.3 މިލިއަން ރުފިޔާ ލިބެއެވެ. އެއީ ސަންގަށް ޖުމުލަ 5.1 މިލިއަން ރުފިޔާއެވެ. https://sun.mv/210514 މީގެ އިތުރުން އެސްއެސް މީޑިއާއަށް ޖުމުލަ 4.3 މިލިއަން ރުފިޔާ ލިބެއެވެ. އެއީ، ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫސް 'ސަން އޮންލައިން'އަށް 1.3 މިލިއަން ރުފިޔާ އަދި އެސްއެސް ޓީވީއަށް 2.9 މިލިއަން ރުފިޔާއެވެ. އެހެން މީޑިއާތަކަށް ލިބުނު ފައިސާގެ ތަފުސީލު: ވީޓީވީއަށް ތިން މިލިއަން ރުފިޔާ ވީނިއުސް އެމްވީއަށް 1.1 މިލިއަން ރުފިޔާ ވަން އޮންލައިނަށް 1.37 މިލިއަން ރުފިޔާ ވޮއިސް އެމްވީއަށް 1.36 މިލިއަން ރުފިޔާ ދަ ޕްރެސްއަށް 1.34 މިލިއަން ރުފިޔާ ދައުރު ނޫހަށް 1.3 މިލިއަން ރުފިޔާ މިހާރު ނޫހަށް 1.29 މިލިއަން ރުފިޔާ މިހާރުގެ އިނގިރޭސި އެޑިޝަންއަށް 1.17 މިލިއަން ރުފިޔާ ތިލަދުންއަށް 1.2 މިލިއަން ރުފިޔާ އަދަދު ނޫހަށް 1.17 މިލިއަން ރުފިޔާ ތީރު މީޑިއާއަށް 1.14 މިލިއަން ރުފިޔާ ދިޔަރެސްއަށް 1.1 މިލިއަން ރުފިޔާ ގާފު އޮންލައިނަށް އެއް މިލިއަން ރުފިޔާ މާލްދީފް އޮންލައިނަށް 899،197.77 ރުފިޔާ ސަރުކާރުން މީގެ ކުރިން ބުނި ގޮތުގައި ދައުލަތުން މީޑިއާތަކަށް މާލީ އެހީ ދޭން ނިންމީ މީޑިއާތައް ބާރުވެރިކޮށް، މާލީ މިނިވަންކަން ހޯދައިދީ، ނުފޫޒުން އެއްކިބާކޮށް، ޒިންމާދާރު ބަޔަކަށް ހެދުމުގެ މަގުސަދުގައެވެ. މީޑިއާތަކަށް ބަޖެޓުން ދޫކުރަނީ ޖުމުލަ ބަޖެޓުގެ 0.1 އިންސައްތައެވެ. މީޑިއާތަކަށް ފައިސާ ދިނުމަށް ޕޮއިންޓްދޭ އުސޫލެއް ކަނޑައަޅާފައިވާއިރު އެ އުސޫލުން ބަލާ ކަންތައްތަކުގެ ތެރޭގައި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި މިންތީގެ ހަމަހަމަކަމާއި ތަޖުރިބާ ހިމެނެއެވެ. https://sun.mv/213258 ފާހަގަކޮށްލެވޭ ގޮތުގައި ޖުމުލަ 27.9 މިލިއަން ރުފިޔާ ލިބޭ މީޑިއާތަކުގެ ލިސްޓު އާންމުކޮށްފައިވާއިރު، ނޫސްވެރިންގެ ކަންބޮޑުވުން އޮތް ހެއްކާ ބެހޭ ގާނޫނަށް ސަރުކާރަށް ނިސްބަތްވާ މެންބަރަކު ވަނީ އިސްލާހުތަކެއް ހުށަހަޅާފައެވެ. އެ އިސްލާހުތަކުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ. ހެއްކާ ބެހޭ ގާނޫނުގައި ހުރި ބައެއް މާއްދާތައް މިދިޔަ 19 ވަނަ މަޖިލީހުން ފާސްކުރީ ނޫސްވެރިން އިހުތިޖާޖު ކޮށްކޮށް އޮއްވައެވެ. ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު އަސްލަމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހުކުރަން ހުށަހަޅާފައެވެ. އެގޮތުން، ނޫސްވެރިޔާ މަސްދަރު ހާމަކުރުމަކީ ކުށަކާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ހުއްޓުވުމަށް ކޮންމެހެން މުހިންމު ކަމެއް ކަމުގައިވާނަމަ، މަސްދަރު ހާމަކުރުމަށް އަމުރެއް ނެރެދިނުމަށް ހައިކޯޓަށް ހުށަހެޅިދާނެ ކަމަށް ބިލުގައިވެއެވެ. އިސްލާހުގައިވާ ގޮތުން، ހައިކޯޓުގައި އެފަދަ އަމުރަކަށް އެދޭތާ 24 ގަޑިއިރު ތެރޭގައި އެ ކޯޓުން ގޮތެއް ކަނޑައަޅަން ޖެހެއެވެ. އަދި، އެ ނިންމުމެއް އިސްތިއުނާފު ކުރާނަމަ ގިނަވެގެން 10 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށް އިސްލާހުގައިވެއެވެ. މީގެ އިތުރުން، މި އިސްލާހުގައި ވަނީ ނޫސްވެރިންނަށް މަސްދަރު ހާމަކުރަން އެންގޭ ހާލަތްތައް އިތުރުކޮށްފައެވެ. އެއީ، ޓެރަޒިމްގެ ކުށާއި ގާނޫނުލް އުގޫބާތުގެ ދަށުން ކަނޑައަޅާފައިވާ ކުށެއްގެ ހުއްދަ ނޫން ސިއްރު މައުލޫމާތު ހާމަކުރުމާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމާއި ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތައް ކަމުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ