ބޭންކް އޮފް މޯލްޑިވްސްގެ ކޯޕަރޭޓް ކެމްޕޭން "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" އިފްތިތާޙުކޮށްފި އެވެ.
މި ކެމްޕޭން އިފްތިތާހު ކޮށްދެއްވީ ބާސެލޮސް ނަސައްނަދުރާ ގައި މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ.
މި ހަފުލާއަކީ ބޭންކް އޮފް މޯލްޑިވްސްގެ ކޯޕަރޭޓް ކެމްޕޭން "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" އިފްތިތާހުކުރުމަށާއި ބައެއް އައު ޕްރޮޑަކްޓް އިފްތިތާހު ކުރުމަށާއި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ ބިޔަ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ހަފްލާއެކެވެ.
ބީއެމްއެލްގެ ކޯޕަރޭޓް ކެމްޕޭން "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" އިފްތިތާހުކުރުން -- ފޮޓޯ: ރައީސް އޮފީސް
މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ކޯޕަރޭޓް ކެމްޕޭން 'ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް' އިފްތިތާހްކޮށްދެއްވައި ބީއެމްއެލް އިން އަލަށް ތައާރަފުކުރާ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
ބީއެމްއެލްގެ ކޯޕަރޭޓް ކެމްޕޭން "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" އިފްތިތާހުކުރުން -- ފޮޓޯ: ރައީސް އޮފީސް
މި ހަފްލާގައި ބީއެމްއެލް އިން ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިން ކޮމްޕެނީ (އެސްޑީއެފްސީ) ގެ މައިގަނޑު ހިއްސާ ބޭންކުން ގަތުމަށްފަހު، އެކުންފުނި ރީބްރޭންޑްކޮށްފަ އެވެ. އަދި ބޭންކުން އަލަށް ތައާރަފުކުރާ ވިސާ ޕްލެޓިނަމް އެމެރިކާ ޑޮލަރު ކާޑު މިހަފުލާގައި އިފްތިތާހު ކޮށްފައިވެ އެވެ. މިހަފުލާގައި ބޭންކުގެ ހިދުމަތްތައް ފުޅާކުރެވި މުޅިރާއްޖެއަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތާ ގުޅިގެން އެ ބޭންކަށް، "އައުޓްސްޓޭންޑިން އެޗީވްމަންޓް އޮފް ދަ އިޔާ އިން ފައިނޭނަޝިއަލް އިންކްލޫޝަން" އެވޯޑް ލިބިފައިވާތީ އެކަން ވަނީ ފާހަގަކޮށްފަ އެވެ.
ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ވިހި އަތޮޅެއްގެ 105 ރަށެއްގައި ބީއެމްއެލް އިން ވަނީ އެ ބޭންކުގެ އޭޓީއެމް ބަހައްޓާފަ އެވެ. މި ހަފުލާގައި އޭޓީއެމް ތައް ބެހެއްޓުމުގައި ހަރަކާތްތެރިވި ޓީމުގެ މެންބަރުންގެ އަގުވަޒަންކުރައްވައި ދެއްވި ހަނދާނީ ފިލާ އެ ފަރާތްތަކާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ބީއެމްއެލްގެ ކޯޕަރޭޓް ކެމްޕޭން "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" އިފްތިތާހުކުރުން -- ފޮޓޯ: ރައީސް އޮފީސް
މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވަވާ އިސްކަމާއި އެހީތެރިކަން ފާހަގަކުރައްވައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ. މި ފިލާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ވީހާވެސް ގާތުން، ފަސޭހަކަމާއެކު ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ މަނިކުފާނު އިސްނަންގަވައިގެން ފެއްޓެވި މި މަޝްރޫއު ކާމިޔާބުކުރުމަށްޓަކައި ދެއްވި އިސްކަމާއި، އެހީތެރިކަން ފާހަގަކުރުމުގެ ގޮތުންކަމުގައި އެ ބޭންކުން ފާހަގަކުރެއްވި އެވެ.
ބީއެމްއެލްގެ ކޯޕަރޭޓް ކެމްޕޭން "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" އިފްތިތާހުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ