އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރާނެ ތަކެތި ދިރާސާކުރާނެ ބަޔަކު ހޯދަނީ

އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޒާތުގެ، ނުވަތަ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރެވިދާނެ ތަކެތީގެ ދިރާސާއެއްކުރާނެ ފަރާތެއް ހޯދަން ތިމާވެއްޓާ ބެހޭ ވުޒާރާއިން އިއްޔެ އިއުލާނުކޮށްފިއެވެ. މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން މި ދިރާސާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12ވަނަ ދުވަހުގެ ހެނދުނު 10 ޖެހުމުގެ ކުރިން ދަރުބާރުގޭގައި ހުންނަ އެ މިނިސްޓްރީގެ އޮފީހަށް ހުށަހަޅަންޖެހޭނެއެވެ. ހަމަ އެ ދުވަހު 10:05 ގައި، ހުށަހަޅާފައިވާ ބީލަންތައް ހާޒިރުވި ފަރާތްތަކުގެ ހާޒިރުގައި ހުޅުވާނެކަމަށް ވެސް އެ އިއުލާނުގައިވެއެވެ. މީގެ އިތުރުން ޕްލާސްޓިކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާ މެދު ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ޓަކައި މުދައްރިސުންގެ އަތްމަތީ ފޮތެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށާއި، ސިންގަލް ޔޫޒް ޕްލާސްޓިކް ނައްތާލުވުމާއި ދެމެހެއްޓެނިވި ވިޔަފާރި މޮޑެލްތައް ތައްޔާރުކުރާނެ ބަޔަކު ހޯދަން ވެސް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ. ރާއްޖެއަށް އެތެރެކޮށް ގެންގުޅުން މަނާ، ސިންގަލް ޔޫޒް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓެއް ކުރީގެ ރައީސް އިބްރާހީމް ސޯލިހުގެ ވެރިކަމުގައި އެކުލަވާލައި އޭގެ ދަށުން 13 ބާވަތެއް މިހާރު ވަނީ ރާއްޖޭގައި މަނާކޮށްފައެވެ. ސިންގަލް ޔޫޒް ޕްލާސްޓިކް މަނާކުރުމުގެ ލިސްޓުގައިވާ އެންމެ ފަހު ބާވަތްކަމަށްވާ ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރަން ނިންމާފައިވަނީ އަންނަ އަހަރުން ފެށިގެންނެވެ. މީގެ ދެ އަހަރުކުރިން 2023ވަނަ އަހަރު އއ. އުކުޅަހުގައި ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސޯލިހު އޭރު ވިދާޅުވީ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ބާވަތްތައް އެއްގޮތަކަށްވެސް ބޭނުންނުކުރާ ގައުމަކަށް ރާއްޖެ ހެދުމަކީ އަމާޒެއް ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން ވަނީ ޒީރޯ ޕްލާސްޓިކް ގައުމަކަށް 2023ގެ ކުރިން ރާއްޖެ ހެދުމަށް އަމާޒު ހިފައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ