ޖޭއެސްސީގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް ހުސްނީ އިންތިޚާބުކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ހުސްވެފައިވާ ރައީސްކަމުގެ މަޤާމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އައްޔަންކުރަން އެ ކޮމިޝަނުން ނިންމައިފިއެވެ. ޖޭއެސްސީން ބުނީ، އެ ކޮމިޝަންގެ ރައީސަކު ހޮވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ނިންމީ އެ ކޮމިޝަންގެ ރައީސްކަމަށް ހުސްނީ އައްޔަންކުރުމަށް ކަމަށެވެ. ޖޭއެސްސީގެ ހުސްވެފައިވާ މެންބަރުކަމަށް ހުސްނީގެ ނަން މިދިޔަ ހޯމަ ދުވަހު ހުށަހެޅީ އެ ކޮމިޝަންގެ ރައީސްކަމުންނާއި މެންބަރުކަމުން މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އަދި ހުސްނީ އައްޔަންކުރަން ފެންނަ ކަމަށް ހަމަ އެ ދުވަހުގެ ޖަލްސާގައި، ވޯޓުގައި ބައިވެރިވި 58 މެންބަރުން ވެސް ވަނީ ރުހުންދީފައެވެ. ރިޒާ، ޖޭއެސްސީން އިސްތިއުފާދެއްވީ މިދިޔަ ހުކުރު ދުވަހެވެ. ނަމަވެސް އޭނާ އިސްތިއުފާދެއްވި ސަބަބެއް ހާމަ ނުކުރައްވައެވެ. ރިޒާ ޖޭއެސްސީން އިސްތިއުފާ ދެއްވިއިރު، ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒު ވަނީ މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވާފައެވެ. ނިޔާޒް އިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމަށް މިދިޔަ ބުރާސްފަތި ދުވަހު ރައީސްގެ ފަރާތުން ކޮމިޝަންގައި އިންނަވާ މެންބަރު ޔަޒްމީދު މުޙައްމަދު ވަނީ އެ މަގާމަށް އިންތިޚާބުކޮށްފައެވެ. ގާނޫނީ ދާއިރާއިން ތައުލީމު ހާސިލްކުރައްވައި، އަދި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ހުސްނީ ވަނީ، ޖޭއެސްސީއަށް އައްޔަންކުރުމާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވައިފައެވެ. ޖޭއެސްސީގެ މެންބަރަކަށްވުމުން އެ މަގާމުން އޭނާ ވަނީ އިސްތިއުފާދެއްވައިފައެވެ. އެހެންވެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރުކަމަށް ހޮވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ