ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓޫނުތަކެއް އެތަނުން ނެރުނު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން މުހައްމަދު މުއިއްޒުއަށް ދެއްވި މައުލޫމާތާއި ލަފަޔާ އެއްގޮތަށް މިއަދު ވަކިކުރީ ކަސްޓަމުގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒްކަން އެނގިއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ކަސްޓަމުގައި ވަޒީފާ އަދާކުރާތާ 35 އަހަރުވެފައިވާ އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް ވަކިކުރީ އެއްވެސް ތަހުގީގެއް ނުކޮށް، ޖަވާބުދާރީވާން ފުރުސަތު ވެސް ނުދީ އެވެ.
މުއިއްޒު މިއަދު ވިދާޅުވީ ބޮންޑެޑް ވެއާހައުސްއިން ސިނގިރޭޓު ބޭރުކުރި މައްސަލައާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ދިން ލަފަޔާއެކު ކަސްޓަމުގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކި ކުރުމުގެ އިތުރުން ތިން މުވައްޒަފަކަށް ފިޔަވަޅު އެޅުމަށް އަންގަފައިވާ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން މިހާތަނަށް ވަކިކުރި ކަސްޓަމުގެ މުވައްޒަފުންނާއި ފިޔަވަޅު އެޅި ކަސްޓަމުގެ މުވައްޒަފުންގެ މައުލޫމާތު މިހާތަނަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ގާނޫނުގައި އޮންނަ ގޮތުން ކަސްޓަމުގެ ޑެޕިއުޓީ ކޮމިޝަނަރުން އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެގޮތުން އެ މަގާމަށް އައްޔަންކުރާ ބޭފުޅުން ވަކިކުރުމުގެ ބާރު ވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބެ އެވެ.
ދަ ހޯކްސްގެ ތެޔޮ ބޯޓެއްގައި ރާއްޖެއަށް ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ އެ ސިނގިރޭޓް ކާޓޫނުތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް ބެހެއްޓީ ބޮންޑެޑް ވެއާހައުސްއެއްގަ އެވެ. ނަމަވެސް ކަސްޓަމަށް ނޭނގި އެ ބޮންޑެޑް ވެއާހައުސް ސިނގިރޭޓުތައް އިން ވަނީ ނެރެފަ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެ ކުރަން އުޅުނު 8475 ސިނގިރޭޓު ކާޓޫނެވެ. އެއީ 84،000 ފޮށި ނުވަތަ 1.695 މިލިއަން ސިނގިރޭޓެވެ. އެ ސިނގިރޭޓުތައް އަތުލައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހެވެ.
ސަރުކާރުން ވަނީ ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް މިދިޔަ އަހަރު ނޮވެމްބަރު 1، އިން ފެށިގެން ބޮޑުކޮށް، ކުރިން ނަގި 3ރ. ގެ ޓެކްސް އަށް ރުފިޔާއަށް ބަދަލުކޮށް، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ބޮޑުކޮށްފަ އެވެ.
ސަރުކާރުން ސިނގިރޭޓު ޑިއުޓީގެ އަގުބޮޑުކުރުމާ ގުޅިގެން ރާއްޖޭގައި ސިނގިރޭޓުގެ ވަގު ވިޔަފާރި ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. އެގޮތުން އެކި ބްރޭންޑްތަކުގެ ސިނގިރޭޓްތައް ފަހަކަށް އައިސް އަގުހެޔޮކޮށް ލިބޭކަން ފާހަގަކުރެވެ އެވެެ.
ކަސްޓަމުން ވަކިކުރީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް ކަސްޓަމުން ވަކިކުރީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ