އޭޝިއަން ޔޫތު ގޭމްސް: 3 އޮން 3 އަންހެން ބާސްކެޓްބޯޅަ ޓީމުން ދައްކައިދިނީ ރާއްޖެ ކުރިއަރަމުންދާކަން
        ބަޙްރެއިންގައި މިހާރު ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގެ 3 އޮން 3 ބާސްކެޓްބޯޅަ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން މުބާރާތް ނިންމާލީ 11 ވަނާގައެވެ.  ޖުމުލަ 14 ޓީމު ވާދަކުރި މިމުބާރާތުގައި ދިވެހި ޓީމުން ކުޅުނު މެޗުތަކުގެ ތެރެއިން ފަލަސްތީނާ ބައްދަލުކުރި މެޗު ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 16-8 އިންނެވެ.  މެޗުގައި ރާއްޖެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ކެޕްޓަން ކައިލީން ޝިރުހާންއެވެ. ކައިލީން ވަނީ މިމެޗުގައި 10 ޕޮއިންޓް ހޯދައިދީފައެވެ. މީގެ އިތުރުން ލައިރާ ފިރާޝް ވަނީ ހަތަރު ޕޮއިންޓް އަދި ޒާޝާ ވަނީ ދެ ޕޮއިންޓް ހޯދައިދީފައެވެ.    އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ އަންހެން ތްރީ އޮން ތްރީ ޓީމު ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ: އެމްއޯސީ   ދެވަނަ މެޗުގައި ދިވެހި ޓީމު ބައްދަލުކުރީ މޮންގޯލިއާއާއެވެ. މި މެޗު މޮންގޯލިއާ ކާމިޔާބުކުރީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. އެއީ، 11 - 10 އިންނެވެ.  މި މެޗުގައި ވެސް ކައިލީން ވަނީ ހަތް ޕޮއިންޓް ޓީމަށް ހޯދައިދީފައެވެ. މީގެ އިތުރުން، މަލަކް ދެ ޕޮއިންޓް އަދި ޒާޝާ އެއް ޕޮއިންޓް ހޯދައިދިނެވެ.  މުބާރާތުގައި ދިވެހި ޓީމު ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ އިންޑޮނޭޝިއާއާއެވެ. މި މެޗު 21-6 ކާމިޔާބުކުރީ އިންޑޮނޭޝިއާއެވެ. މި މެޗުގައި ވެސް ކައިލީން ވަނީ ރާއްޖެ ޓީމުން ހޯދި ހަ ޕޮއިންޓްގެ ތެރެއިން ފަސް ޕޮއިންޓް ހޯދައިދީފައެވެ.    އޭޝިއަން ޔޫތު ގޭމްސްގައި ދިވެހި އަންހެން ބާސްކެޓްބޯޅަ ޓީމު-- ފޮޓޯ: އެމްއޯސީ   މުބާރާތުގެ މެޗުތަކަށް ފަހު މަލަކް މުހައްމަދު ބުނީ ނަތީޖާތައް އެންމެ ބޭނުންވިގޮތަށް ނުނިކުތް ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭކަމަށެވެ. އަދި، ކުޑަ ހިތްވަރެއްލާ އިތުރަށް މަސައްކަތް ކޮށްލައިގެން ކޮންމެ ޓީމެއް ވެސް ބަލިކުރެވިދާނެކަން އެނގިގެންދިޔަ ކަމަށް މަލަކް ފާހަގަކުރިއެވެ.  ދިވެހި 3 އޮން 3 އަންހެން ޓީމު މެނޭޖަރު ހައުމާ އުބެއިދުﷲ ބުނީ، މިއީ ދިވެހި ކުޅުންތެރިންނަށް ލިބުނު ރަނގަޅު ތަޖުރިބާއެއް ކަމަށާއި ބޭނުންވީ އޯގަނައިޒް ބާސްކެޓްބޯޅައެއް ކުޅެން ކަމަށާއި އެކަން މިމުބާރާތުގައި ވަރަށް ރަނގަޅަށް ހާސިލްކުރެވުނު ކަމަށެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
            