ދުޅަހެޔޮ އިސްތަށިގަނޑަކަށް ރޯސްމެރީ ތެޔޮ
ރޯސްމެރީއޭ ބުނުމުން އެންމެ ފުރަތަމަ ވެސް ސިފަކުރެވެނީ ކޮންމެ ވެސް ކަހަލަ ކެއުމުގެ ބާވަތެކެވެ. މިއީ ކެއްކުމުގައި ބޭނުންކުރާ ފަތްޕިލާވެލީގެ ނުވަތަ ހާބްގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުދާ އެއްވައްތަރު ނަމަވެސް މި ބާވަތުން ތައްޔާރުކުރާ ތެލަކީ ބޮލުގެ އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ވަރަށް މުހިއްމު ބާވަތެއްގެ ތެލެކެވެ. އެމެރިކާއަށް ނިސްބަތްވާ ސަޓިފައިޑް ހާބަލިސްޓް އެޑްރިއަން ވައިޓް ވިދާޅުވެފައިވާ ގޮތުގައި ރޯސްމެރީއަކީ އޭގައި އެކުލެވޭ އެންޓިއޮކްސިޑެންޓް، އެންޓި-އިންފްލެމެންޓްރީ އަދި އެންޓިމައިކްރޯބަޔަލް މާއްދާތަކުގެ ސަބަބުން އިސްތަށިގަނޑު ދިގުކޮށްދިނުމަށް އެހީތެރިވެދޭ ބާވަތެކެވެ. އިސްތަށިގަނޑު ދިގުކޮށްދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ބޮލުގެ ހަމަށް ލިބޭ ކުދި ކުދި ޒަޚަމުތައް އަވަހަށް ރަނގަޅުކޮށްދީ ނާރުތައް ހެދިބޮޑުވުމުގައި ރޯސްމެރީ ތެޔޮ މުހިއްމު ދައުރެއް ކުޅޭ ކަމަށް އެޑްރިއަން ވައިޓް ވަނީ ވިދާޅުވެފައެވެ. ރޯސްމެރީ ތެޔޮ އެއްފަހަރާ މާގިނައި ބޭނުންކޮށްފިނަމަ ބޮލުގެ ހަންގަނޑު ހިރުވާ ހަންގަނޑު ހަލާކުވުމަށް މަގުފަހިކުރުވާ--ފޮޓޯ/ހެއަކްލަބް ރޯސްމެރީއިން އުފައްދާ ތެލަކީ ގިނަ ބައެއްގެ އިސްތަށިގަނޑު ވަރުގަދަކޮށްދީ އިސްތަށިގަނޑު ދިގުކޮށްދިނުމަށް އެހީވެދޭ ބާވަތަކަށްވާއިރު ބައެއް މީހުންނަށް އެ ތެލުން އަސަރު ނުކުރަނީ ނުވަތަ މަސައްކަތް ނުކުރަނީ ކީއްވެކަން ހޯދުމަށް އިތުރު ދިރާސާތަކެއް ކުރަންޖެހޭ ކަމަށް އެޑްރިއަން ވައިޓް ވިދާޅުވެފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރު 100 މީހުން ބައިވެރިކޮށްގެން ކުރެވުނު ދިރާސާގެ ނަތީޖާއިން އެނގުނު ގޮތުގައި ރޯސްމެރީ ތެލަކީ ބޮލުން އިސްތަށި ފޭބުން ހުއްޓުވައި ދިނުމަށް ވެސް އެހީވެދޭ ބާވަތެއް ކަމަށް އެނގުނުކަން އެޑްރިއަން ވައިޓް މިކަމާ ގުޅޭގޮތުން ލިޔުއްވާފައިވާ ލިޔުމެއްގައި ފާހަގަކުރައްވާފައިވެއެވެ. ރޯސްމެރީ ތެލަކީ ގޭގައި ވެސް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ތެލެއް--ފޮޓޯ/ވިކީހައު ބޮލުން އިސްތަށިފޭބުން ހުއްޓުވުމަށް ރޯސްމެރީ ބޭނުންކުރުމަށް ހަފްތާ އަކު ދެ ފަހަރު ނުވަތަ އެއްފަހަރު ރޯސްމެރީ ތެޔޮ ކާށި ތެލާއި ނުވަތަ ޖޮޖޯބާ ތެލާއި އެއްކުރުމަށްފަހު އޭގެ ފަސް ތިކި ބޮލުގެ ހަންގަނޑުގައި ރަނގަޅަށް އުނގުޅާލާށެވެ. ރޯސްމެރީ ތެޔޮ ބޯ ދޮންނަން ބޭނުންކުރާ ޝޭމްޕޫ، ކޮންޑިޝަނަ، ހެއަ މާސްކް ނުވަތަ ސްޓައިލް ކުރަން ބޭނުންކުރާ ބާވަތަކާ ވެސް އެއް ކުރެވިދާނެ ކަމަށް އެޑްރިއަން ވައިޓްގެ ލިޔުމުގައި ލަފާދެއްވާފައިވެއެވެ. މި ތެޔޮ ބޭނުންކުރުމުގައި ސަމާލުކަން ދިނުން މުހިއްމު ކަންކަމުގެ ތެރޭ އެއްފަހަރާ މާގިނައިން ތެޔޮ ބޮލުގައި ނުހޭކުން، އަދި ލޮލަށް ތެޔޮ އެޅުނަނުދިމަށް މަސައްކަތް ކުރުން ހިމެނެއެވެ. ރޯސްމެރީ އަކީ މިހާރު ރާއްޖޭގެ ބާޒާރުން ވެސް ފަސޭހަކަމާ އެކު ލިބެން ހުންނަ ބާވަތަކަށް ވެފައި މި ތެޔޮ އަމިއްލައަށް ވެސް ގޭގައި ތައްޔާރުކުރާ މީހުން މިހާރު މަދެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ