މި ވުޖޫދުގައިވާ އަޑުތަކުގެ ތެރޭގައި އިންސާނުންނަށް އިވޭ އަޑުތަކާއި ނުއިވޭ އެތައް އަޑެއް ހިމެނެއެވެ. ބައެއް އަޑުތައް ނުއިވެނީ އެ އަޑު މާ މަޑުވުމުންނެވެ. އަދި މާ ބޮޑަށް ގަދަވުމުން ވެސް އެ އަޑެއް އިންސާނުންގެ ކަންފަތްތަކަށް ނުއިވިދާނެއެވެ. ނަމަވެސް އަޑަކީ ވެސް، ޒަމާނީ ބޭސްވެރިކަމުގެ ދާއިރާގައި މިހާރު ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.
މިހާތަނަށް އައި އިރު، ޒަމާނީ ޑޮކްޓަރީ ބޭސްވެރިކަމުގައި އަލްޓްރާސައުންޑް ބޭނުންކުރަމުން އައީ، އިންސާނާގެ ހަށިގަނޑު ފަޅާނުލައި ހަށިގަނޑުގެ އެތެރެ ބަލައިލަން ޑޮކްޓަރުން ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައެވެ. ނަމަވެސް، މަތީ ފްރިކުއެންސީގެ އަޑުގެ ބާނިތައް (ސައުންޑް ވޭވްސް) ބޭނުންކޮށްގެން ކެންސަރާ ހަނގުރާމަކުރެވިދާނެ ކަމަށް ސައެންސްވެރިން މިހާރު އެބަ ބުނެއެވެ.
ދާދި ފަހުން ޝާއިއުކުރި ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ހަށިގަނޑުގެ އެތެރޭގައި މަރުވެފައި ހުންނަ ޓިޝޫތައް ފަނާކޮށްލައި ހަށިގަނޑާ ވަކިކޮށްލުމަށް، ހަށިގަނޑު ނުފަޅައި ވާނެ ގޮތެއް އޮތްތޯ ބަލަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އެ ގޮތުން އެމެރިކާގެ ޔުނިވަސިޓީ އޮފް މިޗިގަންގެ ޕީއެޗްޑީ ދަރިވަރެއް ކަމަށްވާ ޒެން ޝޫ، 2000ގެ ކުރީކޮޅުގެ އަހަރުތަކުގައި ދިރާސާކުރުމުގެ ތެރެއިން އޭނާއަށް ފާހަގަކުރެވުނީ، މަތީ ފްރިކުއެންސީގެ އަޑުގެ ބާނިތައް ނުވަތަ އަލްޓްރާސައުންޑް ބޭނުންކޮށްގެން އެކަން ކުރެވިދާނެ ކަމަށެވެ.
އޭނާ އަޖުމަބެލުމުގެ ގޮތުން އެކަން ތަޖުރިބާކުރީ އޫރުގެ ހިތުގައެވެ. ކެންސަރު ޓިޝޫތައް ހުރި އޫރުގެ ހިތަށް އަމާޒުކޮށް އަލްޓްރާސައުންޑް ފޮނުވުމުން، ދާދި ފަސޭހައިން އެ ޓިޝޫތަކަށް އެނގުން ވާން ފެށިއެވެ. އެހެންކަމުން، މިއީ މުޖައްރިބު ގޮތެއް ކަމަށް އޭނާއަށް ވިސްނުނެވެ.
ހަގީގަތަށް ބަލާއިރު، އަލްޓްރާސައުންޑްގެ އަޑުތަކަކީ އިންސާނީ ކަންފަތްތަކަށް އިވޭނެ އަޑުތަކެއް ނޫނެވެ. ނަމަވެސް މި ދިރާސާގައި ޒެން ޝޫ ބޭނުންކުރީ ވަރަށް ބާރުގަދަ އެމްޕްލިފަޔަރެއް ކަމަށްވާތީ، އޭނާއާ އެކު ލެބޯޓްރީ ހިއްސާކުރި އެހެން ބައެއް ދަރިވަރުންގެ ކަންފަތްތަކަށް އުނދަގޫވެގެން އެކަމުގެ ޝަކުވާ ކުރަން ފެށިއެވެ.
އެ އުނދަގޫ ފިލުވުމަށްޓަކައި ޒެން ޝޫ ކުރިކަމަކީ، ސިކުންތެއްގެ ތެރޭގައި އަޑުގެ ވިންދުތައް އުފެދޭ ނިސްބަތް މަތިކުރުމަށެވެ. މީގެ މާނައަކީ އަޑުގެ ވިންދެއްގެ ދިގުމިން މައިކްރޯ ސިކުންތެއްގެ މިންވަރަށް ކުރުވެގެން ދިޔުމެވެ. މިހެން ހެދުމުން އެ އަޑުތައް އިންސާނުންގެ ކަންފަތްތަކަށް ނަގައިގަނެވޭ ވަރަށް ވުރެ ގަދަވެގެން ދެއެވެ.
މިގޮތަށް އަލްޓްރާސައުންޑްގެ ރާޅު ބާނިތައް ފޮނުވުމުން، ކައިރީގައި ތިބޭ މީހުންގެ ކަންފަތްތަކަށް އުނދަގުލެއް ނުފޯރިޔަސް، އެ އަޑު އަމާޒުކުރާ އެއްޗެއްގެ ސެލްތަކަށް އޭގެ އަސަރު ފޯރަން ފަށައެވެ. އެ ގޮތުން ކެންސަރު ޖެހިފައިވާ އޫރުގެ ހިތަށް އަމާޒުކޮށް އަލްޓްރާސައުންޑް ބާނިތައް ފޮނުވުމުން، ޒެން ޝޫ ބަލަބަލަ ހުއްޓައި، އޫރުގެ ހިތުގެ ޓީޝޫތަކުގައި ލޯވަޅެއް އެޅިގެން ދިޔައެވެ.
މި މުހިންމު ދިރާސާއިން އީޖާދުކުރި ފަރުވާއަށް މިހާރު ދީފައިވާ ނަމަކީ ހިސްޓޯޓްރިޕްސީ (histotripsy) އެވެ. މި މުހިންމު ހޯދުމަށް 20 އަހަރު ވެގެން ދިޔައިރު، މިހާރު މި ފަރުވާ އެންމެ ގިނައިން ބޭނުންކުރަނީ ފުރަމޭގެ ކެންސަރަށް ފަރުވާ ކުރުމަށެވެ.
މި ގޮތަށް ފަރުވާ ދޭއިރު، އެކަމަށް ހާއްސަކޮށް އުފައްދާފައި ހުންނަ އާލާތަކުން، ކެންސަރު ޓިއުމަރު ހުންނަ ތަނަށް އަމާޒުކޮށް އަޑުގެ ބާނިތައް ފޮނުވާނެއެވެ. މި އަޑު ބާނިތައް ފޮނުވާނީ އާންމު ގޮތެއްގައި ދެ މިލިމީޓަރު ފުޅާ ހަތަރު މިލިމީޓަރު ދިގު ތަންކޮޅަކަށެވެ. އެއަށް ފަހު ރޮބޮޓް އަތްދަނޑިއެއްގެ އެހީގައި ސީދާ ކެންސަރު ޓިއުމަރުން ހަލާކުކޮށްލަން ބޭނުންވާ ތަނަށް އެ އާލާތް އަމާޒުކުރާނެއެވެ.
ސީދާ ޕޮއިންޓަށް އަމާޒުވުމުން، ކުއްލި ކުއްލިއަށް އަޑުތައް ފޮނުވަން ފަށާނެއެވެ. އެއާއެކު ޓިއުމަރުގެ ތެރޭގައި ވަރަށް ކުދިކުދި ވައިބޮކިތަކެއް އުފެދެން ފަށާނެއެވެ. އެ ބޮކިތައް ބޮޑުވަމުން ގޮސް މައިކްރޯ ސިކުންތެއްގެ ތެރޭގައި ފަޅައިގެން ދާނެއެވެ. މި ބޮކިތައް ފަޅައިގެންދާއިރު ޓިއުމަރުގެ ޓިޝޫތައް ހުންނާނީ ބުރިބުރިވެ ކުދިކުދިވެފައެވެ. ކެންސަރު ޓިއުމަރު މިގޮތަށް ހަލާކުކޮށްލުމުން، ހަށިގަނޑުގެ ދިފާއީ ނިޒާމުން، އެ ތަކެތި ސާފުކޮށް ހަށިގަނޑުން ބޭރުކޮށްލުމުގެ މަސައްކަތް ފަށާނެއެވެ.
މި ގޮތަށް ކެންސަރު ޓިއުމަރު ހަލާކުކޮށްލުމުން، ބަލިމީހާ ހަމަ އެ ދުވަހު ހޮސްޕިޓަލުން ގެއަށް ދޫކޮށްލާނެއެވެ. މިއީ ބަލިމީހާގެ ހަށިގަނޑަށް އިތުރު ވިހައެއް ފޮނުވަން ނުޖެހި، ހަށިގަނޑުން ތަނެއް ކަފާލަން ވެސް ނުޖެހި ކުރެވޭ ފަރުވާއެކެވެ.
އޮޕަރޭޝަން ނުކޮށް، އަޑަކުން ކެންސަރު ހަލާކުކޮށްލެވިދާނެ އޮޕަރޭޝަން ނުކޮށް، އަޑަކުން ކެންސަރު ހަލާކުކޮށްލެވިދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ