ވައި ނުސާފުވުމާއި އުރަމަތީ ކެންސަރާ ގުޅުމެއް އޮތް ކަމަށް މީގެ ކުރިއަކުން ނުބުނެއެވެ. އަދިވެސް އެކަން މުޅިން ކަށަވަރެއް ނުވެއެވެ. ނަމަވެސް، އެމެރިކާގައި ދާދި ފަހުން ޝާއިއުކުރި ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ވައި ނުސާފު ސަރަހައްދުތަކުގައި އުޅޭ މީހުންގެ ހަށިގަނޑުގައި އުރަމަތީ ކެންސަރު އުފެދުމުގެ ނުރައްކާ، އެހެން ސަރަހައްދުތަކާ އަޅައި ބަލާއިރު ބޮޑެވެ.
އެމެރިކާގެ އޮރިގަން ސްޓޭޓް ޔުނިވަސިޓީގެ ކޮލެޖް އޮފް ހެލްތުގެ ފަރާތުން ކުރި ދިރާސާއެއް، އެމެރިކަން ޖާނަލް އޮފް ޕަބްލިކް ހެލްތުގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުން، އެއްގަމު އުޅަނދުތައް ގިނައިން ދުއްވާ ސަރަހައްދުތަކުގަޔާއި އެހެން ސަބަބުތަކާ ހުރެ ވައި ނުސާފުވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ އަންހެނުންނަށް އުރަމަތީ ކެންސަރު ޖެހުމުގެ ނުރައްކާ ވަރަށް ބޮޑެވެ.
އަހަރުތަކެއް ވަންދެން ކުރި މި ދިރާސާގައި ހަތަރު ލައްކަ އަންހެނުން ބައިވެރިކުރި އިރު، އޭގެ ތެރޭގައި އުރަމަތީ ކެންސަރު ޖެހިފައިވާ 28000 އަންހެނުން ވެސް ހިމެނެއެވެ. މިއެންމެން ބައިވެރިކޮށްގެން ކުރި މި ދިރާސާގައި އެމީހުންގެ ސިއްހަތަށް އައި ބަދަލުތައް އެތައް އަހަރެއް (40-50 އަހަރު) ވަންދެން ދިރާސާކޮށް ބެލިއެވެ. އޭގެ ތެރެއިން ބައެއް އަންހެނުން އެކި އަހަރުތަކުގައި ތަފާތު ސަރަހައްދުތަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ އިރު، އެކަމުގެ ސަބަބުން އެމީހުންގެ ހާލަތަށް އައި ބަދަލުތައް ވެސް ދެނެގަނެފައިވެއެވެ.
މި ދިރާސާގައި އިސްވެ އުޅުނު ސައެންސްވެރިން ބުނާ ގޮތުގައި ވައިގެ ތެރޭގައި ނައިޓްރޮޖަން ޑައިއޮކްސައިޑް އެކުލެވޭ މިންވަރު 10 "ޕާޓްސް-ޕާ-ބިލިއަން" ގައި ހުންނަ ސަރަހައްދުތަކުގައި ދިރިއުޅޭ އަންހެނުންނަށް، އުރަމަތީ ކެންސަރު ޖެހޭ މިންވަރު، އެހެން ސަރަހައްދުތަކާ އަޅައި ބަލާއިރު، ތިން ޕަސެންޓް އިތުރެވެ. ނައިޓްރޮޖަން ޑައިއޮކްސައިޑްއަކީ ކާރުތަކުން އެންމެ ގިނައިން ވައިގެ ތެރެއަށް ބޭރުވާ ގެދަބުޅިއެވެ.
"ވައި ނުސާފު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން، ނުރައްކާތެރިކަން އެއަށް ވުރެ ކުޑަ މާހައުލެއްގައި ދިރިއުޅޭށޭ ކިޔާފައި، މިހާރު އުޅޭ ގެއިން ނުކުމެގެން ގޮސް އެހެން ގެއެއް ހޯދުމަކީ، ހަގީގަތުގައި ކުރެވޭ ވަރުގެ ކަމެއް ނޫން. އެހެންވީމާ، އަހަރެމެން ކުރަންޖެހިފައިވާ ކަމަކީ، މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ ވައި މިހާރަށް ވުރެ ސާފުކުރެވޭނެ ފަދަ ގޮތަކަށް، ގާނޫނުތައް އިސްލާހުކުރުން،" މި ދިރާސާގައި ބައިވެރިވި އޮރިގަން ސްޓޭޓް ޔުނިވަސިޓީގެ ތަޖުރިބާކާރު ސައެންސްވެރިޔާ ވެރޮނިކާ އިރްވީން ވިދާޅުވިއެވެ.
"އެހެންވީމާ، އެއްގަމު ދަތުރުފަތުރުގައި ކާރުތައް ބޭނުންކުރާ މިންވަރު މަދުކޮށް، ދަތުރުފަތުރުގެ އެހެން ވަސީލަތްތައް ތައާރަފްކޮށް ގިނަ މީހުންގެ މަގުބޫލުކަން އެފަދަ ވަސީލަތްތަކަށް ހޯދަން އެބަޖެހޭ."
މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ވައި ނުސާފު ސަރަހައްދުތަކުގައި ދިރިއުޅޭ އަންހެނުންނަށް އުރަމަތީ ކެންސަރު ޖެހޭ މިންވަރު އިތުރުވާން ފަށާފައިވަނީ މީގެ ސާޅީހަކަށް އަހަރު ކުރިން ފެށިގެންނެވެ. ފުއްޕާމޭގެ ކެންސަރަށް ފަހުގައި، އެންމެ ގިނަ އަދަދަކަށް އަންހެނުން މަރުވާ ކެންސަރުގެ ބާވަތަކީ އުރަމަތީ ކެންސަރެވެ. މިކަމާ ބެހޭ ގޮތުން ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، އެމެރިކާގެ ކޮންމެ އަށް އަންހެނެއްގެ ތެރެއިން އެކަކަށް، އޭނާގެ އުމުރުގެ ކޮންމެވެސް ހިސާބެއްގައި އުރަމަތީ ކެންސަރާ ކުރިމަތިލާން ޖެހެއެވެ.
ވައި ނުސާފު ސަރަހައްދުތަކުގައި އުރަމަތީ ކެންސަރު ގިނަ ވައި ނުސާފު ސަރަހައްދުތަކުގައި އުރަމަތީ ކެންސަރު ގިނަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ