ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ 'ކަންޓާރާ 2' އެމެޒޯން ޕްރައިމްއަށް
އިންޑިއާގެ ބޮކްސް އޮފީހުގައި ރިކޯޑު އަދަދަކަށް އާމްދަނީ ހޯދަމުން އަންނަ ކަންނާޑާ ފިލްމު "ކަންޓާރާ: އަ ލެޖެންޑް - ޗެޕްޓަ 1" މި އަންނަ ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯގައި ސްޓްރީމްކުރަން ފަށާނެކަން އިއުލާނުކޮށްފިއެވެ. މި ފިލްމު އެމެޒޯން ޕްރައިމް ވީޑިއޯއަށް ދޫކޮށްލާނެކަން އެ ޕްލެޓްފޯމްއިން ވެސް އިއުލާނުކޮށްފައިވާއިރު ފިލްމު ޑިޖިޓަލީ ސްޓްރީމްކުރާގޮތަށް ނިންމާފައި ވަނީ ފިލްމު ރިލީޒްކުރިތާ ހަތަރު ހަފްތާ ފަހުންނެވެ. މި ފިލްމުގެ ހިންދީ ވާޝަން އެމެޒޯންގައި ރިލީޒްކުރާ ގޮތަށް ނިންމާފައިވަނީ ފިލްމު ރިލީޒްކުރާތާ އަށް ހަފުތާ ފަހުންނެވެ. އެކަމާ ގުޅިގެން ބައެއް މީހުން ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް ފާޑުކިޔާފައިވާއިރު އެއީ މި ވަގުތަށް ފިލްމަށް ފައިދާވާނެ އެންމެ ރަނގަޅުގޮތް ކަމަށްވާތީ އެގޮތަށް އެކަން ނިންމީ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު "ކަންޓާރާ: އަ ލެޖެންޑް - ޗެޕްޓަ 1"ގެ ލީޑް އެކްޓަރު އަދި ފިލްމުގެ ޑައިރެކްޓަރު ރިޝަބް ޝެޓީ--ފޮޓޯ/ބޮލީވުޑްހަންގާމާ ދެހާސް ބާވީސްވަނަ އަހަރު ގެނެސްދިން "ކަންޓާރާ"ގެ ސީކުއަލް ފިލްމު "ކަންޓާރާ: އަ ލެޖެންޑް - ޗެޕްޓަ 1"އަކީ ވެސް ފިލްމުގެ ލީޑް އެކްޓަރު ރިޝަބް ޝެޓީގެ އަމިއްލަ ސްކްރިޕްޓަކަށް ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ޖުމްލަ 125 ކްރޯޑު ރުޕީސް (14.2 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް އިންޑިއާ އަދި ބޭރުގެ މާކެޓްތަކުން މިހާތަނަށް ލިބުނު އާމްދަނީގެ އަދަދު 900 ކްރޯޑު ރުޕީސް (102 މިލިއަން ޑޮލަރަ)ށް ވަނީ އަރާފައެވެ. ވަރަށް ވަރުގަދަ މިތޮލޮޖިކަލް އެކްޝަން ފިލްމެއް ކަމަށްވާ "ކަންޓާރާ: އަ ލެޖެންޑް - ޗެޕްޓަ 1"ގެ ކާމިޔާބީ އަދި ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބަށް ބަލާފައި މި ފްރެންޗައިސްގެ ތިންވަނަ ފިލްމެއް ވެސް ގެނެސްދޭން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފްރެންޗައިސްގެ ފުރަތަމަ ފިލްމުން ރިޝަބްއަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑު ވެސް ލިބިފައިވާއިރު އޭނާ ފިލްމަށް ކޮށްފައިވާ މަސައްކަތަށް ކްރިޓިކުން ވެސް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. މި ފިލްމުން ފެންނާނެ އިތުރު ތަރިންގެތެރޭ ރުކްމިނީ ވަސާންތު، ޖަޔާރާމް، ޕްރަމޯދު ޝެޓީގެ އިތުރުން ބައެއް ބޮލީވުޑް ފިލްމުތަކުންނާއި ސީރީސްތަކުން ފެނިފައިވާ ގުލްޝަން ދެވިއާ ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ