މާރިޔާގެ ނުރުހުން ޝަހީމާއި ސައީދަށް: މި ނޫނީ މަޖިލީހުގައި ވަޒީރުން ރުންކުރުކޮށް ޖަވާބެއް ނުދެއްވާ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަޒީރުން ރުންކުރުކޮށް ޖަވާބުދެއްވާ މަންޒަރު މި ނޫނިއްޔާ ނުފެންނަ ކަމަށް ވިދާޅުވެ، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދި, އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެއްޖެއެވެ. މީގެ ކުރިން މާލޭ ދާއިރާގެ މެންބަރުކަން ކުރެއްވުމަށް ފަހު، 2008 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރު އައި އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރުކަން ކުރެއްވި މާރިޔާ 'އެކްސް'ގައި ލިޔުއްވި ގޮތުގައި، އޭނާ މަޖިލީހުގައި ހޭދަކުރެއްވި ހަތަރު ދައުރުގައި ވެސް ވަޒީރުން ރުންކުރުކޮށް މަޖިލީހުގައި ޖަވާބުދެއްވާ މަންޒަރު ފެނިވަޑައިގެންފައިނުވެއެވެ. https://x.com/MariyaDidi/status/1983034629465542757 ނަމަވެސް، ކޮންމެ ޕާޓީއެއް އިދިކޮޅުގައި އޮތް ކަމުގައިވިޔަސް އަބަދު ވެސް އިދިކޮޅުގައި ތިއްބަވާ މެންބަރުން އިދިކޮޅުގެ އަޑުއިއްވަން އެކި މަސައްކަތް ކުރައްވާކަން މާރިޔާ ފާހަގަކުރެއްވިއެވެ. "ނަމަވެސް މި ފަހުން އިސްލާމިކް މިނިސްޓަރާއި، އަދި މިއަދު އިކޮނޮމިކް މިނިސްޓަރު، ސުވާލުގެ ވަގުތު މެންބަރުންނާ ރުންކުރުކޮށް މުއާމަލާތްކުރެއްވިކަން ފެނިފައިވޭ،" އޭނާ ވިދާޅުވިއެވެ. މި މަންޒަރު އާންމު ކަމަކަށް ނުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، ވަކިން ޚާއްސަކޮށް އެމްޑީޕީން އަލުން ވެރިކަމަށް އައުމަށް ފަހު މި މަންޒަރު އާންމު ކަމަކަށް ނުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މާރިޔާ ލިޔުއްވާފައިވެއެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ: އޭނާ ވިދާޅުވީ މި ނޫނީ ވަޒީރުން ރުންކުރުކޮށް ޖަވާބުނުދެއްވާ ކަމަށް --- ސަންފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ މާރިޔާ މިފަދައިން ލިޔުއްވާފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަން ތަޅުމަށް ހާޒިރުކުރުމުން، ޝަހީމް ދެއްވި ހޫނު ރައްދަކާ ގުޅިގެންނެވެ. އެ ރައްދުތަކާ ގުޅިގެން އެ ދުވަހު އިދިކޮޅު މެންބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ. އަދި، މިއަދުގެ ޖަލްސާގައި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުން ސައީދު ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފައެވެ. ނަމަވެސް، ގިނަ ސުވާލުތަކަކަށް ސައީދު ފުރިހަމަ ޖަވާބެއް ނުދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ