ރިޕޯޓަކާ ގުޅިގެން ރެހެންދި ސްކޫލުގައި ފުލުހުން ހަރަކާތްތެރިވަނީ، ނުރައްކަލެއް ނެތް

ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން, ރެހެންދި ސްކޫލުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް, ރެހެންދި ސްކޫލުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ. "ސަން" އަށް އެނގިފައިވާގޮތުގައި މިއަދު ހެނދުނު ދަންފަޅީގެ ކިޔެވުން ކުރިއަށް ދަނިކޮށް ފުލުހުން އެ ސްކޫލަށް ދިޔައީ ފުލުހުންނަށް ލިބުނު އިންޒާރުގެ ރިޕޯޓަކާ ގުޅިގެންނެވެ. އާއްމު އުސޫލުން އެފަދަ ރިޕޯޓެއް ލިބިއްޖެނަމަ ސަލާމަތީ ކަންކަން ޔަގީން ކުރުމަށް ފުލުހުން ގޮސް ބަލައި ހަދައެވެ. ފުލުހުން ރެހެންދި ސްކޫލުގައި ހަރަކާތްތެރިވަމުން އަންނައިރު އެއްވެސް ނުރައްކާތެރި ކަމެއް އަދި ފާހަގަ ވެފައި ނުވާކަން ވަނީ އެނގިފައެވެ. އަދި ކިޔަވައި ދިނުމުގެ ކަންކަން ވެސް މެދުނުކެނޑި އެ ސްކޫލުގައި މިހާރު ވެސް ކުރިއަށް އެބަދެއެވެ. ރާއްޖޭގެ ސްކޫލުތަކަކީ އާއްމުކޮށް ވަރަށް ރަނގަޅަށް, ކިޔަވާ ކުދިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްގެން ހިންގަމުން އަންނަ ތަންތަނެވެ. ނުރައްކާތެރި ހާދިސާއެއް ނުވަތަ ކަމެއް ހިނގާފައިވަނީ ވަރަށް މަދުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ