ފޯރިގަދަކޮށް ދިޔަ ސާއިދު ސްޕޯޓްސްގެ "ސްޓްރީކް ހީޓްސް" ކާމިޔާބު ފޯރިގަދަކޮށް ދިޔަ ސާއިދު ސްޕޯޓްސްގެ "ސްޓްރީކް ހީޓްސް" ކާމިޔާބު

އެތުލެޓިކްސް ކްލަބް، ސާއިދު ސްޕޯޓްސް އިން އެ ޖަމިއްޔާގެ އެތުލީޓުންނަށް ހާއްސަކޮށް، "ސްޓްރީކް ހީޓްސް" ނަމުގައި ބޭއްވި މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައިފި އެެވެ.
ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި އިއްޔެ ކުރިއަށްދިޔަ މި މުބާރާތަކީ، 2017 ވަނަ އަހަރުގެ ފަހުން ސާއިދު ސްޕޯޓްސްގެ އެތުލީޓުންނަށް ހާއްސަކޮށް ބޭއްވި ފުރަތަމަ މުބާރާތެވެެ.
ސާއިދު ސްޕޯޓްސް ވުޖޫދުވި، އެ އަހަރު ބޭއްވި މުބާރާތަކީ، "ސާއިދު ސްޕޯޓްސް ލިޓްލް ޗޭމްޕް ފިއެސްޓާ" އެވެ.
އެ ގޮތުން، ސިލްސިލާކޮށް ބޭއްވުމަށް ނިންމާފައިވާ "ސްޓްރީކް ހީޓްސް" ގެ ފުރަތަމަ މުބާރާތުގައި 100 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވިއިރު، މިއީ އެ ކްލަބްގައި ތަމްރީން ހަދަމުން އަންނަ ނިސްބަތަށް ބަލާއިރު ބޮޑު ޕަސެންޓެކެވެ.
ސާއިދު ސްޕޯޓްސްގެ ހާޑްލް އިވެންޓްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ
ސާއިދު ސްޕޯޓްސް އިން ބުނީ، އިއްޔެގެ އިވެންޓް ކާމިޔާބުވި އެންމެ ބޮޑު ސަބަބަކީ އެތުލީޓުން، އިވެންޓްތަކުގައި ބައިވެރިވެ، އިވެންޓް ފުރިހަމަކުރަން އެ ބެހެއްޓި ޝައުގުވެރިކަން ކަމަށެވެ. ވާދަވެރި މާހައުލެއްގައި ކުރިއަށްދިޔަ މި އިވެންޓްގައި އެތުލީޓުންގެ ބައިވެރިވުން ފާހަގަކުރުމަށް، ވާދަކުރި ކޮންމެ ކުއްޖަކަށް ވަނީ މެޑަލެއް ދީފަ އެވެ.
"ސްޓްރީކް ހީޓްސް"ގެ އިވެންޓްތައް ކުރިއަށްދިޔަ ގޮތަށް ބަލާއިރު، 2019، 2020 އަދި 2021 ވަނަ އަހަރު އުފަންވެފައިވާ 4-6 އަހަރުގެ ކުދިންނަށް ވަކި އިވެންޓްތަކެއް، 2016، 2017 އަދި 2018 ގައި އުފަންވެފައިވާ 7-9 އަހަރުގެ ކުދިންނަށް ވަކި އިވެންޓްތަކެއް ކުރިއަށްދިޔަ އެވެ. އަދި، 2013، 2014 އަދި 2015 ވަނަ އަހަރު އުފަންވި، ކުދިންނަށް ވަކި އިވެންޓްތަކެއް ބާއްވައި، "ސްޓްރީކް ހީޓްސް" ގެ ސީނިއާ ކެޓަގަރީ އަކަށް އޮތް، 13-15 އަހަރުގެ އުމުރުފުރާ ހާއްސަވެފައި އޮތީ، 2010، 2011 އަދި 2012 ވަނަ އަހަރު އުފަންވި ކުދިންނަށެވެ. އެ އުމުރުފުރާގެ ކުދިންނަށް ވެސް ވާދަވެރި އިވެންޓްތަކެއް ބޭއްވި އެވެ.
"ސްޓްރީކް ހީޓްސް"ގައި އެންމެ ފޯރީގައި ކުރިއަށްދިޔައީ ކްރޮސް ކަންޓްރީ ރޭހާއި 60، 80، އަދި 100 މީޓަރު ޝަޓްލް ރިލޭ އެވެ.
ސާއިދު ސްޕޯޓްސްގެ ސްޓްރީކް ހީޓްސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ
ގާތްގަނޑަކަށް އަށް ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު ސާއިދު ސްޕޯޓްސް އިން އެ ކްލަބްގެ އެތުލީޓުންނަށް ހާއްސަކޮށްގެން މުބާރާތެއް ބޭއްވުމަށް ނިންމި އެންމެ ބޮޑު ސަބަބަކީ، ކްލަބްގައި ޓްރެއިނިންތަކެއް ހެދުމަށް ފަހު، ވާދަވެރި މާހައުލެއްގައި ކުޅުންތެރިންގެ ހުނަރު ވަޒަންކުރުމުގެ ބޭނުމުގަ އެވެ. މީގެ ފައިދާ ކުރިއަށް އޮތްތަނުގައި، ސާއިދު ސްޕޯޓްސްގެ އެތުލީޓުން ގައުމީ ލެވަލްގެ މުބާރާތްތަކުގައި ވާދަކުރާއިރު ކުރާނެ ކަމަށް އެ ކްލަބުން ދެކެ އެވެ.
އިވެންޓްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، ހުސެއިން ނިހާދު އާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރު، އަހުމަދު ފާއިލް އެވެ.
މި އަހަރުގެ ސްޓްރީކް ހީޓްސް ކާމިޔާބުވުމުގެ އެންމެ ބޮޑު އަސްލު ކަމަށްވާ ސްޕޮންސަރުންނަށް ސާއިދު ސްޕޯޓްސް އިން ވަނީ ހާއްސަ ޝުކުރެއް އަދަކޮށްފަ އެވެ. ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވީ، ޖޮޒްޓީ، ކުއިކްއީޒީ މެރިން، 3އެޗްލޮޖިސްޓިކްސް، ހަސަން މެރިން، ފިލާ ފެކްޓްރީ، ހޯކްސް، އިމޭޖަސް.އެމްވީ، ރިވައިވަލް ސްޕޯޓްސް އަދި އަދަދު ސްޕޯޓްސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ