ހަވީރު ނޫހާއި ހަވީރު އޮންލައިން އަދި ލޯމާފާނު ޕްރިންޓްސް އަދިވެސް އިތުރު ވިޔަފާރީތަކަކީ ހަވީރު މީޑިއާ ގުރޫޕްގެ ވިޔަފާރީތަކެއް ކަމަށް ނުބުނެވޭނެ ކަމަށް ފާރޫގު ހަސަނާއި އިބްރާހިމް ރަޝީދު މޫސާ އާއި މުހައްމަދު ނައީމްގެ ވަކީލް ވިދާޅުވެއްޖެ އެވެ. އެ ތިން ބޭފުޅުންނަކީ ހަވީރު ނިއުސް އެޖެންސީގެ ހިއްސާ އޮންނަ ތިން ބޭފުޅުންނެވެ.
ހައިކޯޓުގައި ހަވީރު ނިއުސް އެޖެންސީގެ މިލްކިއްޔާތާ ގުޅޭ ގޮތުން ކޮށްފައިވާ ހުކުމުގައިވާ ކަންކަން ތަންފީޒުކޮށްދިނުމަށް އެދި ހަވީރުގެ ތިން ހިއްސާދާރުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ މިއަދުގެ އަޑުއެހުމުގައި މައްސަލައިގެ ތެރެއަށް ހަވީރު މީޑިއާ ގުރޫޕުން ތަދައްހުލުވުމުން ދައުވާކުރާ ފަރާތުން ވަނީ ޖަވާބުދާރީވެފަ އެވެ.
އެގޮތުން ޖަވާބުދާރީވުމުގެ ގޮތުން ދައުވާކުރާ ފަރާތުގެ ވަކީލު ވިދާޅުވީ، ހަވީރު ނޫހުގެ މިލްކިއްޔާތާ ގުޅޭ ގޮތުން ހައިކޯޓުން ވަނީ ހުކުމްކޮށްފައި ކަމަށާއި އެ ހުކުމަށް ދަށު ކޯޓެއްގައި ޗެލެންޖް ނުކުރެވޭނެ ކަމަށެވެ. އަދި ހައިކޯޓުން ވަނީ އެ ނޫހުގެ ހަތަރު ބޭފުޅެއްގެ ހިއްސާ އޮންނަ ކަމަށް ނިންމާފައި ކަމަށެވެ. މިލްކުވެރި ފަރާތަކީ ވަކި ފަރާތެއް ކަމަށް ކަނޑައެޅުމުން އެހެން ފަރާތަކަށް އެ މިލްކިއްޔާތަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.
ވަކީލު ވިދާޅުވީ، ހަވީރު އޮންލައިނަކީ ވެސް ހަވީރު މީޑިއާ ގުރޫޕް ވުޖޫދަށް އައުމުގެ ކުރިން ހަވީރު ނޫސް ޒަމާނީ ކުރުމަށް އާ މީޑިއަމެއްގައި ފެށުމަށް ހަވީރު ނިއުސް އެޖެންސީ އުފެއްދުމަށްވި އެއްބަސްވުމުގެ ދަށުން ހެދިފައިވާ އޮންލައިނެއް ކަމަށެވެ. އަދި ހަވީރު އޮންލައިން ހިންގާފައިވަނީ ހަވީރު ނޫހުގެ މުވައްޒަފުން ބޭނުންކޮށްގެން ކަމަށެވެ.
"ހަވީރު ނޫސް އެޖެންސީގެ އެއްބަސްވުމުގައި އެތަނުގެ އެންމެ އިސް ފަރާތަކީ ފައުންޑަރުންގެ ބޯޑުކަމާއި އެޖެންސީއިން ނެރޭ މަޖައްލާއެއް ނުނެރުމަށް ނުވަތަ ކުރަމުންދާ ކަމެއް ހުއްޓާލުމަށް ކަނޑައަޅާނީ ބޯޑުން ކަމަށާއި އެފަދަ ކަމެއް ކުރުމަށް މަސްއޫލުވެރިޔާއަށް ބާރު ލިބިފައިނުވާ ކަމަށާއި ނޫސް އެހެން ފަރާތަކަށް ބަދަލުކުރުމަށް ނުވަތަ ހަވީރު ނޫސް އުވާލުމަށް އެޖެންސީގެ ފައުންޑަރުން ނިންމާފައިނުވާކަން ހައިކޯޓުންގެ ފަނޑިޔާރުން ވަނީ ފާހަގަކޮށްފައި،" ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ، އެޖެންސީ އުފެއްދި އެއްބަސްވުމާ ހިލާފަށް އެއްވެސް މުއާމަލާތެއް ނުވަތަ އެއްވެސް ކަމެއް ކޮށްފައިވާނަމަ އެކަމަކީ ފެށުމުގައި ވެސް ބާތިލު ކަމެއް ކަމަށާއި އެފަދަ ބާތިލު މުއާމަލާތްތަކުގެ ޒިންމާ އުފުލަންޖެހޭނީ ދައުވާ ލިބޭ މުހައްމަދު ޒާހިރު ހުސެއިން ކަމަށެވެ. އެހެންކަމުން ހަވީރު ނޫހާއި އޮންލައިނަކީ ހަވީރު މީޑިއާ ގުރޫޕްގެ މިލްކެއް ކަމަށް އެ ކުންފުނިން ބުނި ނަމަވެސް އެ ކުންފުންޏަށް ނޫސް ބަދަލުކޮށްފައިވަނީ ބޯޑުން ނިންމައިގެން ނޫން ކަމަށްވާތީ އެ މުއާމަލާތަކީ ބާތިލު މުއާމަލާތެއް ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ހަވީރު މީޑިއާ ގުރޫޕްގެ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވީ، ޖަވާބުދާރީވުމަށް ބޭނުން ވަނީ ލިޔުމުން ކަމަށެވެ. ޝަރީއަތުން ވަނީ އެ ފުރުސަތުދީފަ އެވެ.
ޒާހިރު ހުސެއިން ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ ހަވީރު ނިއުސް އެޖެންސީއިން ކޮށްފައިވާ ހަރަދުތަކާއި އާމްދަނީ އެނގޭނީ ފާރޫގު ހަސަނާއި އިބްރާހިމް ރަޝީދު މޫސާ އާއި މުހައްމަދު ނައީމް ކަމަށް ވިދާޅުވެފަ އެވެ. އެކަން ޒާހިރު ހުސެއިންއަށް ނޭނގޭނެ ކަމަށެވެ. ސުއޫދުގެ މިވާހަކަތައް ގާޒީ ވަނީ ހުއްޓުވާފަ އެވެ. ހައިކޯޓުން ހިއްސާދާރުންނާމެދު ގޮތެއް ނިންމާފައިވަނިކޮށް ދަށު ކޯޓުގައި އެވާހަކަ ނުދެއްކޭނެ ކަމަށާއި ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ގާޒީ ވިދާޅުވި އެވެ.
ފާރޫގު ހަސަނާއި އިބްރާހިމް ރަޝީދު މޫސާ އާއި މުހައްމަދު ނައީމްގެ ފަރާތުން މިއަދު ވަނީ މިނިވަން އޮޑިޓެއް ކުރުމަށް އެ ފަރާތްތަކުން އުޒުރުވެރިނުވާ އޮޑިޓް ފާމްތަކުގެ ނަންތައް ހުށަހަޅާފަ އެވެ. ވަކީލް ވިދާޅުވީ، އެ ފާމްތަކުގެ ތެރެއިން ޒާހިރު ހުސެއިން ހިންހަމަޖެހޭ ފާމަކުން އޮޑިޓްކުރުމުގައި އިއުތިރާޒެއް ނެތް ކަމަށެވެ.
ޒާހިރުގެ ވަކީލް ސުއޫދު ވިދާޅުވީ އެ ފާމްތަކާމެދު ޖެހޭނީ ޒާހިރުއާއެކު މަޝްވަރާކުރަން ކަމަށާއި އެއަށްފަހު ފާމެއްގެ ނަން ހުށަހަޅާނެ ކަމަށެވެ. ގާޒީ ވިދާޅުވީ، އޮޑިޓްކުރާނެ އޮޑިޓު ފާމެއްގެ ނަން 15 ދުވަސް ތެރޭގައި ކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. މައްސަލާގެ އަޑުއެހުމެއް ދެން އޮންނާނީ 15 ދުވަސް ފަހުންނެވެ.
ހަވީރު ނޫހަކީ ހަވީރު މީޑިއާ ގްރޫޕުގެ މިލްކެކޭ ނުބުނެވޭނެ: ވަކީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ