ބޮސްޓަން, ޔުނައިޓެޑް ސްޓޭޓްސް (ޖޫން 17) - އާލިން ބްރައުޓް ހާލަންޑްގެ ލަނޑުތަކާ އެކު, 3-1 އިން އިރާގު ބަލިކޮށް, ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް 28 އަހަރު ފަހުން އެނބުރި އައި މެޗުން ނޯވޭ މޮޅުވެއްޖެ އެވެ.
މިއީ، 1998 ވަނަ އަހަރު ފްރާންސްގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ނޯވޭ އިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.
އަނެއްކޮޅުން، މިއީ، 40 އަހަރަށް ފަހު، އިރާގުން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗެވެ. އިރާގުން އެންމެ ފަހުން ވޯލްޑް ކަޕްގައި މެޗެއް ކުޅެފައިވަނީ، 1986 ވަަނަ އަހަރު މެކްސިކޯގައި ކުރިއަށްދިޔަ މުބާރާތުގަ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި، އެންމެ ގިނަ ގޯލު ޖެހި ނޯވޭ އިން ވޯލްޑް ކަޕްގައި ފުރަތަމަ ލަނޑު ޖެހީ ފުރަތަަމަ މެޗު ފަށައިގެން 29 ވަނަ މިނިޓްގަ އެވެ. މިއީ، ޑޭވިޑް މޮލާ ވޯލްފާ ނަގައިދިން ހުރަހަކަށް އޭރިއާތެރެއިން އަރައި، ހާލަންޑް ޖެހި ގޯލެކެވެ. އެކަމަކު، މި ލަނޑު ޖަހައިގެން ލީޑުގައި ނޯވޭ އަށް މާ ގިނައިރު އޮވެވޭ ގޮތެއްނުވި އެވެ.
މެޗުގެ 39 ވަނަ މިނިޓްގައި، އިރާގުގެ ކެޕްޓަން، އައިމަން ހުސެއިން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މިއީ، އަމީރު އަލް އައްމާރީ ނަގައިދިން ހުރަހަކުން އައިމަން ބޮލުން ޖެހި ގޯލެކެވެ. ނަތީޖާ ހަމަހަމަކޮށްލައިގެން އިރާގަށް ހާފު ނިންމާލެވޭ ގޮތެއްނުވީ އެ ޓީމުގެ ފަހަތުން ހެދުނު ގޯހަކުންނެވެ. އެ ގޮތުން، އިރާގުގެ ކީޕަރު، ޖަލާލް ހުސެއިން ޖެހި ބޯޅައަކަށް އަރައި، ހާލަންޑް ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.
އިރާގަށް ދެ ވަނަ ލަނޑެއް ޖަހައިދޭން، އަކަމް ހަޝީމް، އޭރިއާބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.
ދެ ވަނަ ހާފުގައި ނޯވޭ އިން މެޗުގެ ކޮންޓްރޯލް ނަގައިގެން ޖުމްލަކޮށް ރަނގަޅު ކުޅުމެއް ދެއްކި އެވެ. މެޗުގައި ނޯވޭ އިން ތިން ވަނަ ލަނޑެއް ޖެހީ މެޗުގެ 76 ވަނަ މިނިޓްގަ އެވެ. މިއީ، މާޓިން އޮޑެގާޑް ނެގި ބޯޅައަކުން ލެއޯ އޮސްޓިގާޑް ބޮލުން ޖެހި ގޯލެކެވެ. އޭގެ ފަހުން، ހާލަންޑަށް ހެޓްރިކް ހަދަން ލިބުނު ފުރުސަތެއްގައި އޭރިއާތެރެއިން ޖެހި ބޯޅަ ކީޕަރު، ޖަލާލް ވަނީ މަތަކޮށްފަ އެވެ.
ހާލަންޑު ތަފާތު ދައްކައި ވޯލްޑް ކަޕަށް ނޯވޭގެ އެނބުރި އައުން އުފާވެރިކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ