ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުންނަ'އިބްރާހިމީ މިސްކިތް' ހިމެނޭ މުގައްދަސް ބިމުގެ ބާރުތައް ފަލަސްތީނުގެ ކިބައިން އަތުލާފައިވާ ކަމަށް އިޒްރޭލުގެ ހައްދުފަހަނައެޅި ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އަންގާރަ ދުވަހު ބުނެފި އެވެ.
އިޒްރޭލުގެ ކަނާތު ފިޔައިގެ ހަރުކަށި މިނިސްޓަރުގެ ކޮންޓްރޯލް އޮންނަ ކޮމިޓީއަކަށް މި ސަރަހައްދުގެ މެނޭޖްމަންޓް ބަދަލުކުރުމަށް ނިންމި ނިންމުމާ އެކު، ފަލަސްތީނު ސަރުކާރުން ވަނީ އެކަން ވަގުތުން ކުށްވެރިކޮށްފަ އެވެ.
ސްމޮޓްރިޗް އޭނާގެ ޓެލެގްރާމް ޗެނަލްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ހުޅަނގު އައްސޭރީގެ އަލް ޚަލީލް (ހިބްރޮން) ސިޓީގެ މުނިސިޕަލް އޮތޯރިޓީން ދެން 'ކޭވް އޮފް ޕެޓްރިއާކްސް' ނުބަލަހައްޓާނެ ކަމަށެވެ.
"މި ނިންމުމުގެ މާނައަކީ މީގެ ކުރިން ހިބްރޮން އަށާއި މުގައްދަސް ބިމަށް — އަދި އަހަރެމެންގެ ދިރިއުޅުމުގެ އަސްލު ކަމަށްވާ ކޭވް އޮފް ޕެޓްރިއާކްސް ހިމެނޭހެން — ދީފައިވާ ގިނަ ބާރުތަކެއް ދެން ހިބްރޮން މުނިސިޕަލްޓީގެ ދަށުގައި ނޯންނާނެކަން،" އިބްރާހިމީ މިސްކިތަށް އިޝާރާތްކޮށް ސްމޮޓްރިޗް ބުންޏެވެ.
ސްމޮޓްރިޗް މިހެން ބުނެފައިވަނީ އަލް ޚަލީލް ކައިރީގައި އިޒްރޭލުން އަލަށް މީހުން ވަޒަންވެރިކުރުވާ ސަރަހައްދެއްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތެއްގަ އެވެ.
"މިއީ ހަމައެކަނި ޕްލޭނުގައިވާ ފިޔަވަޅެއް ނޫން، މިއީ އަމަލީ ގޮތުން ސިޔާދަތީ ބާރުވެރިކަން ދެއްކުމުގެ ފިޔަވަޅެއް،" އޭނާގެ ޕާޓީން އާންމުކުރި ވީޑިއޯއެއްގައި ސްމޮޓްރިޗް ބުނެފައިވެ އެވެ.
ހިބްރޮން އަކީ 1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިމެއް ކަމަށްވާ ހުޅަނގު އައްސޭރީގެ އެންމެ ބޮޑު ސިޓީ އެވެ.
އިބްރާހީމީ މިސްކިތް ހުންނަނީ އިޒްރޭލުގެ ކޮންޓްރޯލް އޮންނަ H2 ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި ފަލަސްތީނުގެ 40،000 އެއްހާ ރައްޔިތުންނާ އެކު އިޒްރޭލުގެ 200 އެއްހާ އާއިލާ ދިރިއުޅެ އެވެ.
އިބްރާހީމީ މިސްކިތަކީ މުސްލިމުންނާއި ޔަހޫދީން އަދި ނަސާރާއިންގެ ވެސް އެންމެ މުގައްދަސް ބިނާތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.
ވޭތުވެދިޔަ 1،400 އަށްވުރެ ގިނަ އަހަރު އެތަން ބަލަހައްޓަމުން ގޮސްފައިވަނީ ފަލަސްތީނުގެ ރައްޔިތުންނެވެ. އަދި އެތަން ބޭނުންކުރަމުން އައީ މިސްކިތެއްގެ ގޮތުގަ އެވެ. ނަމަވެސް، ފަހަކަށް އައިސް އިޒްރޭލުން ދަނީ އެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، ޒަމާނުއްސުރެ އަމަލުކުރަމުން އައި އުސޫލުތަކާ ހިލާފަށް، މިދިޔަ ޖެނުއަރީ މަހު އިޒްރޭލުން ވަނީ އެ މިސްކިތް ބަލަހައްޓާ ފަލަސްތީނުގެ ޑިރެކްޓަރުން އެތަނަށް ވަނުން މަނާކޮށް، އެ ސަރަހައްދުގެ ބައެއްގެ އިމާރާތްކުރުމާއި ޕްލޭނިން ބާރުތައް އަތުލާފަ އެވެ.
މިކަން މިގޮތަށް ހިނގާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން، ފަލަސްތީނުގެ މުގައްދަސް ބިނާތަކަށް އަމާޒުކޮށް ޔަހޫދީ ވަޒަންވެރިންދޭ ހަމަލާތައް އިތުރުވެ، އެތަންތަނަށް ވަނުން މަނާކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މީގެ ތެރޭގައި އިރުމަތީ ގުދުސްގައި ހުންނަ އަލް-އަގްސާ މިސްކިތާއި، ނާބުލުސްގައި ހުންނަ ޔޫސުފްގެފާނުގެ މަގްބަރާ (ޖޯސެފްސް ޓޫމް) ހިމެނެ އެވެ.
މީގެ އިތުރުން، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އިޒްރޭލު ސިފައިން ވަނީ ޚަލީލްގެ އިތުރުން ހުޅަނގު އައްސޭރީގެ އެހެން ރަށްތަކާއި އަވަށްތަކަށް ވަދެގަނެ، ފަލަސްތީނު މީހުންގެ ގެދޮރާއި ވިޔަފާރިތަކަށް އަރައިގަނެ ހަމަލާ ދޭން ފަށައިފަ އެވެ.
އިބްރާހީމީ މިސްކިތް ބިނާކޮށްފައިވަނީ 2،000 އަށްވުރެ ގިނަ އަހަރުވީ ގަދީމީ މަގްބަރާތަކެއް ހިމެނޭ ހޮހަޅަތަކެއްގެ މަތީގަ އެވެ.
މި މިސްކިތް ހުންނަނީ 1967 ވަނަ އަހަރުން ފެށިގެން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ވެރިވެގަނެ، ފޭރިގެންފައިވާ ސަރަހައްދެކެވެ.
މި ސަރަހައްދަކީ އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ އާއިލާގެ ބޭފުޅުން ފަސްދާނުލެވިފައިވާ ބިމުގެ ގޮތުގައި މުސްލިމުންނާއި ޔަހޫދީންނާއި ނަސާރާއިން ވެސް ގަބޫލުކުރެ އެވެ. އެ ބިމުގައި ފަސްދާނުލާފައިވާ ބޭފުޅުންގެ ތެރޭގައި އިބްރާހިމްގެފާނުގެ ދަރިކަލުން އިސްހާގުގެފާނާއި، ކާފަދަރިކަލުން ޔައުގޫބުގެފާނު ހިމެނިވަޑައިގަންނަވަ އެވެ.
ޔަހޫދީންގެ ތަލްމޫދު އަދި އޯލްޑް ޓެސްޓަމެންޓްގައި މިތަނަށް ކިޔަނީ "ކޭވް އޮފް މަކްޕެލާ" އެވެ. ޒަމާނީ ނަސާރާއިންނާއި ޔަހޫދީން "ކޭވް އޮފް ދަ ޕޭޓްރިއާކްސް" ގެ ނަމުން މުހާތަބުކުރާއިރު، މުސްލިމުންނަށް މިއީ "އިބްރާހީމީ މިސްކިތް" އެވެ.
އެތަނުގައި މިހާރު ފެންނަން ހުރި އިމާރާތުގެ ބޮޑު ބަޔަކީ 12 ވަނަ ގަރުނުގެ ތެރޭގައި ބިނާކޮށްފައިވާ ރޯމަނެސްކް ސްޓައިލްގެ ނަސާރާ ފައްޅިއެކެވެ. އެ ފައްޅި ބިނާކުރީ އޭގެ ކުރިން އެތަނުގައި ހުރި، އަދި ސަލީބީ ހަނގުރާމަވެރިން ހަލާކުކޮށްލި މިސްކިތެއްގެ މަތީގަ އެވެ.
އޭގެ ފަހުން، 12 ވަނަ ގަރުނުގެ ފަހުކޮޅު މުސްލިމް އައްޔޫބީ ދަރިކޮޅުގެ ވެރިކަމުގައި މިތަން އަލުން މިސްކިތަކަށް ބަދަލުކުރި އެވެ. އަދި އޭގެ ފަހުން ފަލަސްތީނަށް އައި މަމްލޫކް (1250-1517) އަދި އުސްމާނީ (1516-1917) ވެރިކަމުގެ ތެރޭގައި، އެތައް ގަރުނެއް ވަންދެން އެތަނަށް ވަނުމުގެ ހުއްދަ އޮތީ ހަމައެކަނި މުސްލިމުންނަށެވެ.
ޔުނެސްކޯގެ މި ނިންމުން އިޒްރޭލާއި އެމެރިކާއިން ކުށްވެރިކުރި އެވެ. އަދި އޭގެ ފަހުން އެމެރިކާ އާއި އިޒްރޭލު ވަނީ އދ. ގެ އެ އިދާރާއިން ވަކިވެފަ އެވެ.
ކީރިތި ރަސޫލާ ﷺ މައްކާއިން މަސްޖިދުލް އަގްސާއަށް ކުރެއްވި އިސްރާގެ ދަތުރުފުޅުގައި، ބުރާޤު ކަނޑުއްވައި މި ސަރަހައްދަށް މަޑުކުރައްވައި، އިބްރާހީމްގެފާނުގެ މަގާމާ ދިމާލުގައި ނަމާދުކުރެއްވި ކަމަށް ބައެއް އިސްލާމީ ރިވާޔަތްތަކުގައި ބަޔާންވެގެންވެ އެވެ.
ތާރީހި އަދި ދީނީ ރިވާޔަތްތަކުން އެނގޭ، އިބްރާހީމްގެފާނުގެ އަނބިކަނބަލުން ސާރާގެފާނު އަވަހާރަވުމުން ފަސްދާނުލާނެ ބިމެއްގެ ގޮތުގައި މި ހޮހަޅަ އާއި އެ ބިން އެކަލޭގެފާނު ބައްލަވައިގަތީ ހިއްތީ ގަބީލާގެ އިފްރޯން ބިން ސޫހަރުގެ އަތުން 400 ރިހި ފައިސާ ފޮއްޗަށެވެ. ފަހުން މި ބިން ބަދަލުވެގެންދިޔައީ އިބްރާހީމްގެފާނުގެ އާއިލީ މަގްބަރާއަށެވެ. މިތަނުގައި އިބްރާހީމްގެފާނާއި ސާރާގެފާނުގެ އިތުރުން، އިސްހާގުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ރިފްގާ އަދި ޔައުގޫބުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ލީޔާ ފަސްދާނުލެވިފައިވާ ކަމަށް ޒަމާނުއްސުރެ ގަބޫލުކުރެވެ އެވެ.
މިއަދު މި ބިނާގެ މަތީގައި ހުރި ތާރީހީ އިމާރާތް ބޭނުންކުރަނީ މުސްލިމުން އަޅުކަންކުރާ މިސްކިތެއްގެ ގޮތުގަ އާއި ޔަހޫދީންގެ ސިނަގޮގެއްގެ ގޮތުގަ އެވެ.
މި ސަރަހައްދުގެ ބޮޑު ބައެއް ބެލެހެއްޓުން 1997 ވަނަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ފަލަސްތީނުގެ އަތްމައްޗަށް ދޫކޮށްލާފައި އޮތް ނަމަވެސް، ފަލަސްތީނުގެ އޮފިޝަލުން ބުނާ ގޮތުގައި އިޒްރޭލުން ދަނީ ފާއިތުވި އަހަރުތަކުގައި މަޑުމަޑުން އެ ބާރުތައް ނަގަމުންނެވެ.
އިޒްރޭލުގެ އާބާދުވުންތަކަށް ފާރަވެރިވާ ޖަމާއަތެއް ކަމަށްވާ 'ޕީސް ނައު' ގެ ކޯ-ޑިރެކްޓަރު ޔޮނަތަން މިޒްރާހީ އޭއެފްޕީއަށް ކިޔައިދިން ގޮތުގައި، ސްމޮޓްރިޗް ކޮންޓްރޯލްކުރާ 'ހަޔަ ޕްލޭނިން ކައުންސިލް' އިން މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވަނީ އަލް ޚަލީލްގެ މި ޒިންމާތައް ފަލަސްތީނުގެ މުނިސިޕަލްޓީން އިޒްރޭލަށް ބަދަލުކުރުމަށް ނިންމައިފަ އެވެ. ބައްދަލުވުމުގެ ޔައުމިއްޔާއިން ވެސް މިކަން ކަށަވަރުވެ އެވެ.
ރާމަﷲ ގައި ހުންނަ، ރައީސް މަހްމޫދު އައްބާސް އިސްކޮށް ހުންނަވާ ފަލަސްތީނުގެ އޮތޯރިޓީން ވަނީ މި ނިންމުމާ ދެކޮޅު ހަދައިފަ އެވެ.
"މިފަދަ އެއްފަރާތްތަކުން ނިންމާ ނިންމުންތައް ބަލައެއް ނުގަނެވޭނެ. މިއީ އިޒްރޭލާ އެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ހިލާފު އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފު ކަމެއް،" އައްބާސްގެ އޮފީހުން ބުނެފައިވެ އެވެ.
ހިޖުރީ އާ އަހަރު ފެށުނު ދުވަހު ސްމޮޓްރިޗް ކުރި މި އިއުލާނު ކުށްވެރިކޮށް އަލް ޚަލީލް މުނިސިޕަލްޓީން ބަޔާނެއް ނެރެފައިވެ އެވެ.
މޭޔަރު ޔޫސުފް އަލް-ޖައުބަރީ ވިދާޅުވީ، އިޒްރޭލުގެ މި ފިޔަވަޅަކީ "ޚަލީލް ސިޓީގެ ތާރީހީ މައި މަރުކަޒަށް އަތްގަދަކުރުމަށް ކުރި އާ މަސައްކަތެއް" ކަމަށެވެ. އަދި ސިޓީގެ އެތެރޭގައި ދަތުރުފަތުރުގެ ހުރަސްތައް ހުރި ނަމަވެސް، ފަލަސްތީނުގެ ރައްޔިތުން އިބްރާހީމީ މިސްކިތުގައި ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިފާފައިވާ ބިމެއްގައި އުޅޭ ސްމޮޓްރިޗް އަކީ ހުޅަނގު އައްސޭރި އިޒްރޭލުގެ ބައެއްގެ ގޮތުގައި ހެދުމަށް ފާޅުގައި ވަކާލާތުކުރާ މީހަކަށް ވާތީ، ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑެތި ފާޑުކިޔުންތަކެއް އޭނާއަށް ވަނީ އަމާޒުވެފަ އެވެ.
އާބާދީތައް ފުޅާކުރުމަކީ އިޒްރޭލުގެ ކުރީގެ ސަރުކާރުތަކުން ވެސް ގެންގުޅުނު ސިޔާސަތެކެވެ. ނަމަވެސް ބެންޖމިން ނަތަންޔާހޫގެ ކޯލިޝަން ސަރުކާރުގެ ދަށުން މިކަން ވަނީ ވަރަށް ބޮޑަށް ހަލުވިކޮށްފަ އެވެ. މި ސަރުކާރަށް އެހީތެރިވަނީ ސްމޮޓްރިޗް ފަދަ ހަރުކަށި ކަނާތު ފިޔައިގެ ބައިވެރިންނެވެ.
މިހާރު ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ތިން މިލިއަނެއްހާ ރައްޔިތުންގެ މެދުގައި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހަދާފައިވާ އާބާދުވުންތަކުގައި އިޒްރޭލުގެ 500،000 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ. މީގެ ތެރޭގައި އިރުމަތީ ގުދުސްއެއް ނުހިމެނެ އެވެ.
އިބްރާހިމްގެފާނާއި އާއިލާއަށް ނިސްބަތްވާ މުގައްދަސް ބިމުގެ ބާރުތައް އިޒްރޭލުން ފޭރިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ