މިދިޔަ ހަފްތާގައި ދެކުނު އެފްރިކާގައި ހިނގި ބަޑިޖެހުމުގެ ހާދިސާއަކީ އެ ގައުމުގެ ފަގީރު ސަރަހައްދުތަކުގައި އިތުރުވަމުންދާ ނުރައްކާތެރި މަރާމާރީތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާއެވެ. މާހިރުން ފާހަގަކުރާ ގޮތުގައި މިއީ ފުލުހުންގެ ނުކުޅެދުންތެރިކަމާއި، ބައެއް ހާލަތްތަކުގައި ފުލުހުންގެ އެއްވެސް ބާރެއް ނެތް ސަރަހައްދު ތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން، އިންތިޒާމުވެގެން ހިންގާ ކުށްވެރި ގްރޫޕުތަކުން ހިންގާ އަމަލުތަކެކެވެ.
ޖޮހަނަސްބާގްގެ ފަގީރު އަވަށެއްގައި ގިނަ ބަޔަކު ބައިވެރިވެގެން ދިން މި ހަމަލާގައި 12 މީހުން މަރުވެ، މަދުވެގެން 15 މީހުން ޒަހަމްވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
އިންތިޒާމުވެގެން ހިންގާ މިފަދަ ބޮޑެތި ކުށްތައް ކޮންޓްރޯލް ކުރުމަށްޓަކައި، ދެކުނު އެފްރިކާގެ ރައީސް ވަނީ މި އަހަރުގެ ކުރީކޮޅު ނުރައްކާތެރި ބައެއް ސަރަހައްދަށް ސިފައިން ނެރުއްވާފައެވެ. މިއީ ވަރަށް މަދުން ނޫނީ ނާޅާ ފިޔަވަޅަކަށް ވާއިރު، ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ އެފްރިކާގެ އެންމެ ކުރިއަރާފައިވާ ގައުމުގެ ފުލުހުންނަށް އެ ސަރަހައްދުތަކުގެ އަމާންކަން ގާއިމުނުކުރެވި، ކުށްވެރިންގެ ކުރިމަތީގައި ބަލިވެފައިވާކަން ހާމަވާ ކަމެކެވެ.
މީގެ އިތުރުން، ދެކުނު އެފްރިކާގެ ފުލުހުންގެ ތެރޭގައި ކޮރަޕްޝަން އާންމުވުމާއި، ކުށްވެރި ގްރޫޕުތަކާ ގުޅުން އޮންނަ ކަމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން ފުލުހުންގެ އިސް ބައެއް އޮފިސަރުން ހައްޔަރުކޮށްފައިވާއިރު، ފުލުހުންނާ ބެހޭ ވަޒީރާއި ނޭޝަނަލް ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް ބައެއް ބޭފުޅުން ވަނީ މަގާމުން އެކަހެރިކޮށްފައެވެ.
ފަގީރު ސަރަހައްދުތަކުގެ ނާޖާއިޒު ފައިދާ ކުށްވެރިން ނެގުން
މާހިރުން ވިދާޅުވާ ގޮތުގައި، މިދިޔަ ޑިސެމްބަރު މަހު ހިނގި ދެ ހާދިސާއެއްގައި 20އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާތަކާއި، ފަހަކަށްއައިސް ހިނގަމުންދާ މިފަދަ ހަމަލާތައް އަމާޒުވަނީ ސިޓީތަކާ ދުރުގައި ހުންނަ ފަގީރު އަވަށްތަކަށެވެ. އެ ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ބަލިކަށިވުމާއި، މަގުބައްތިތައް ނެތުމާއި، އަދި ފުލުހުން އައުމަށް ގިނަ ވަގުތު ނަގާތީ، އިންތިޒާމުވެގެން ހިންގާ ކުށްވެރި ގްރޫޕުތަކުން އެކަމުގެ ފައިދާ ނަގައެވެ.
ޔުނިވަރސިޓީ އޮފް ސައުތު އެފްރިކާގެ ކްރިމިނޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ ޖޭކަބް މޮފޮކެންގް "ދަ އެސޯސިއޭޓެޑް ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހަތިޔާރު ފޮރުވުމަށާއި، ހަމަލާތައް ދިނުމަށްފަހު ފަސޭހައިން ފިލުމަށް ކުށްވެރި ގްރޫޕުތަކުން މިފަދަ ސަރަހައްދުތަކުގެ ހާލަތުގެ ބޭނުން ހިފާ ކަމަށެވެ.
ދެކުނު އެފްރިކާއަކީ އަނިޔާވެރި ކުށްތައް އާދަޔާ ހިލާފަށް ގިނަ ގައުމެކެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގައި ދުވާލަކު އެވްރެޖްކޮށް 60 އަށް ވުރެ ގިނަ މީހުން މަރާލައެވެ. ނަމަވެސް، މިފަދަ ގިނަ މަރުތައް ހިނގަނީ ފަގީރު އަވަށްތަކުގައެވެ. މިއީ އެ ގައުމުގައި އޮތް މުއްސަނދިންނާއި ފަގީރުންގެ މެދުގައިވާ ބޮޑު ތަފާތު ދައްކުވައިދޭ ކަމެކެވެ. މުއްސަނދިން ދިރިއުޅޭ ސަރަހައްދުތަކުގައި މިފަދަ ނުރައްކާތެރި ކުށްތައް ހިނގާ މިންވަރު ނިސްބަތުން ވަރަށް މަދެވެ.
އޮގަނައިޒްޑް ކްރައިމް ގްރޫޕްތަކަށް ފުލުހުންގެ ބާރެއް ނުހިނގާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ