ސަރުކާރުން އޮތީ މެޑިކަލް މާފިއާއަށް ބޭނުންވަރަކަށް ފުރުސަތުދީފާ

ހަވާއީގެ މެޑިކެއިޑް ނިޒާމުގެ ތެރޭގައި ހިންގާ މަކަރާއި ހީލަތުގެ މައްސަލަތަކަށް އެ ސްޓޭޓުން ފަރުވާކުޑަކުރާ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވުމުން، އެ ސްޓޭޓުގެ އެޓާނީ ޖެނެރަލްއާއި އެންޓި-ފްރޯޑް ޔުނިޓުގެ ޑައިރެކްޓަރު ވަނީ އެކަމަށް ރައްދު ދެއްވާފައެވެ.
ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މެޑިކެއިޑް މަކަރާއި ހީލަތުގެ އެއްވެސް މައްސަލައެއް ސާބިތުވެފައި ނުވާކަމަށް ބުނެ، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ފާޑުވިދާޅުވުމާ ގުޅިގެން، އެޓާނީ ޖެނެރަލް އޭން ލޮޕޭޒް މޭ މަހުގެ މެދުތެރޭގައި ވިދާޅުވީ، އެ ޔުނިޓުން މިހާތަނަށް 14 މިލިއަން ޑޮލަރު އަނބުރާ ހޯދާފައިވާ ކަމަށެވެ.
ވެންސް ވިދާޅުވީ، "ހަވާއީގެ މެޑިކެއިޑް ނިޒާމުގެ ތެރެއިން މަކަރު ހަދާ މީހުންނަށް، މިހާތަނަށް އެ ސްޓޭޓުގެ ސަރުކާރުން އޮތީ ބޭނުން ވަރަކަށް އެކަން ކުރުމުގެ މިނިވަން ފުރުސަތު ދީފައި" ކަމަށެވެ.
ލޮޕޭޒް މިކަމަށް ރައްދު ދެއްވަމުން ވިދާޅުވީ، ޒިންމާދާރުކުރުވުމަށް މަރުހަބާ ކިޔާ ކަމަށާއި، ނަމަވެސް އެ ޔުނިޓުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ބުނެ ކަން އޮތްގޮތް އޮޅުވާލުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ހަގީގަތުގައި އަނބުރާލިބުނު ކަމަށް އެބުނާ ފައިސާގެ ބޮޑު ބައެއް، ކަމަށްވާ 13 މިލިއަން ޑޮލަރަކީ، މީގެ ދިހަ އަހަރަށްވުރެ ކުރިން ފެށިގެން ކުރިއަށް ގޮސް 2023 ވަނަ އަހަރު ނިމުނު އެންމެ މައްސަލައަކުން ލިބުނު ފައިސާއެވެ.
ސްޓޭޓް ސެނެޓަރު އަދި ރިޕަބްލިކަން ޕާޓީގެ މައިނޯރިޓީ ލީޑަރު ބްރެންޓަން އަވާ ސުވާލު އުފެއްދެވީ، "14 މިލިއަން ޑޮލަރުގެ ތެރެއިން 13 މިލިއަން ޑޮލަރަކީ 2010 ގެ އަހަރުތަކުގައި ފެށުނު އެންމެ މައްސަލައެއް ކަމަށްވާނަމަ، އެ ޔުނިޓުން ހަގީގަތުގައި ކުރަނީ ކޮން މަސައްކަތެއްތޯ؟" އެވެ. އަދި މިއީ ކުރަންޖެހޭ އިންސާފުވެރި ސުވާލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ހިއުމަން ސާވިސަސްގެ އިންސްޕެކްޓަރ ޖެނެރަލް ދެއްވި ޖަވާބަކީ، މެޑިކެއިޑް ފްރޯޑް ކޮންޓްރޯލް ޔުނިޓުގެ މަސައްކަތްތައް އެކަށީގެންވާ މިންވަރަށްވުރެ މާ ބޮޑަށް ވެސް ދަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ