ވޯލްޑް ކަޕް 2026: އެމްބާޕޭގެ ތާރީޚީ ދެ ލަނޑާއެކު ފްރާންސަށް ރަނގަޅު ފެށުމެއް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ތާރީޚީ ދެ ލަނޑާއެކު ސެނެގާލް އަތުން 3-1 އިން މޮޅުވެ، ފްރާންސުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. އެމެރިކާގެ ނިއު ޖާޒީގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑްގެ ފޯވާޑް އެމްބާޕޭ ޖެހި ދެވަނަ ލަނޑާއެކު އޭނާ ވަނީ ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް ކުރީގެ ފޯވާޑް އޮލިވިއޭ ޖިރޫ އަތުން އަތުލާފައެވެ. އެމްބާޕޭ މިހާރު ވަނީ ގައުމީ ޓީމަށް 58 ލަނޑު ޖަހައިދީފައެވެ. މީގެ އިތުރުން އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި ޖުމްލަ 14 ލަނޑު ހަމަކޮށް، ޖަރުމަނުގެ ކުރީގެ މަޝްހޫރު ފޯވާޑް ގާޑް މުލާގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ފްރާންސްގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. އޭގެ ބަދަލުގައި ސެނެގާލުން ވަނީ ވަރުގަދަ ކުޅުމެއް ދައްކައި، ފްރާންސްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ސެނެގާލްގެ ނިކޮލަސް ޖެކްސަން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، ފުރަތަމަ ހާފު ނިމެން ދަނިކޮށް އިސްމާއިލާ ސާއަށް ލިބުނު ފުރުސަތެއްގައި އޭނާއަށް ބޯޅަ ގޯލަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ. ނަމަވެސް ދެވަނަ ހާފަށް ފްރާންސް ނުކުތީ އާ ރޫހެއްގައެވެ. މި ހާފުގައި އެމްބާޕޭއަށް އޭރިއާ ތެރެއިން ސާޑިއޯ މާނޭ ކުރި ފައުލަކަށް ވީއޭއާރް ބެލުމަށްފަހުވެސް ރެފްރީ ޕެނަލްޓީއެއް ނުދޭން ނިންމުމުން ބޮޑު ބަހުސެއް އުފެދުނެވެ. ފީފާ ވޯލްޑް ކަޕުގައި ފްރާންސްއާއި ސެނެގާލް ކުޅުނު މެޗުގައި އެމްބާޕޭ ލަނޑު ޖެހުމަށްފަހު-- ފްރާންސުން މެޗުގެ ލީޑު ނެގީ 66 ވަނަ މިނެޓުގައެވެ. މިއީ އެމްބާޕޭ ކާމިޔާބުކުރި ރީތި ލަނޑެކެވެ. އޭގެ ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބްރެޑްލީ ބާކޯލާ ވަނީ ހިތްގައިމު ގޯލެއް ޖަހައި ފްރާންސްގެ ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސެނެގާލްގެ އުމުރުން އެންމެ 18 އަހަރުގެ އިބްރާހިމް އެމްބާޔޭ ބާރު ހަމަލާއަކުން ލަނޑެއް ޖަހައި ސެނެގާލަށް އުންމީދެއް ހޯދައިދީފައެވެ. ނަމަވެސް ފްރާންސުން ސެނަގާލގެ އެ އުންމީދުތައް ފުނޑުފުނޑުކޮށްލީ އޭގެ ކުޑައިރުކޮޅެއް ފަހުން އެމްބާޕޭ އޭރިއާ ބޭރުން ފޮނުވާލި ބޯޅައިން ލަނޑު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ ގްރޫޕް އައިގައި ހިމެނޭ ފްރާންސް ދެން ނުކުންނާނީ އިރާގާ ދެކޮޅަށެވެ. އަދި ސެނެގާލް ނުކުންނާނީ ނޯވޭއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ