އެމްބާޕޭގެ ރެކޯޑް ގޯލާއެކު ފީފާ ވަރލްޑްކަޕް 2026 ގައި ސެނެގާލް އަތުން ފްރާންސް ފުރިހަމަ ފެށުމެއް ހޯދައިފިއެވެ.
ތަރިންގެ ފްރާންސް ފީފާ ވަރލްޑްކަޕް ފެށީ 3-1 ން ސެނެގާލް ބަލިކޮށްގެންނެވެ. އެމެރިކާގެ ނިއުޔޯކްގެ ނިއުޖަރޒީ ސްޓޭޑިއަމްގައި ފްރާންސްގެ ފުރަތަމަ ލަނޑާއި ތިންވަނަ ލަނޑުވެސް ޖެހީ އެމްބާޕޭ އެވެ. ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފަށްފަހު، ރެއާލް މެޑްރިޑްގެ ފޯވާޑް ފްރާންސަށް ގޯލް ހުޅުވާލަ ދިނީ 66 ވަނަ މިނިޓްގައެވެ. ފްރާންސްގެ ތިންވަނަ ލަނޑު ޖަހާ އެމްބާޕޭ ރެކޯޑް ހެދީ 90 މިނިޓްގެ ކުޅުން ނިމި، ދެއްކި އިތުރު ވަގުތުގެ ތެރެއިން ހަވަނަ މިނިޓްގައެވެ. އޭގެކުރިން ފްރާންސްގެ ދެވަނަ ލަނޑު 82 ވަނަ މިނިޓްގައި ބާކޯލާ ވަނީ ޖަހާފައެވެ. އަދި އިތުރު ވަގުތުގެ ފަސްވަނަ މިނިޓްގައި ސެނެގާލްގެ އިބްރާހީމް އެމްބާޔޭ ލަނޑު ޖަހާ އޮތީ ފަރަގު ކުޑަކޮށްދީފައެވެ.
މެޗުގައި އެމްބާޕޭ ޖެހި ފްރާންސްގެ ފުރަތަމަ ގޯލާއެކު ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ އެމްބާޕޭ އަރާ ހަމަކުރިއެވެ. ޖިރޫޑް އަތުގައި އޮތް ރެކޯޑާ އެމްބާޕޭ އަރާ ހަމަކުރީ 57 ލަނޑު ހަމަކޮށްގެންނެވެ. އިތުރު ވަގުތުގައި އެމްބާޕޭ ޖެހި ފްރާންސްގެ ތިންވަނަ ލަނޑާއެކު އެމްބާޕޭ ވަނީ އެރެކޯޑް މުގުރާލާ އަމިއްލަ ކޮށްފައެވެ. އެއީ 58 ލަނޑާއެކުއެވެ. އެމްބާޕޭ 58 ލަނޑު ހަމަކުރީ 99 މެޗުންނެވެ.
27 އަހަރުގައި އެމްބާޕޭ އެރެކޯޑް މުގުރާލުމުން ޖިރޫޑް ވަނީ އެމްބާޕޭއަށް މަރުހަބާ ކިޔާފައެވެ. ޖިރޫޑް ބުނީ އެއީ ގަބޫލުކުރެވޭ އަދި އުއްމީދުކުރި ކަމެއް ކަމަށެވެ.
އެމްބާޕޭ ވަރލްޑްކަޕްގައި ޖެހި ގޯލްގެ އަދަދު މިހާރު ވަނީ 14 އަށް އަރާފައެވެ. އޭނާއަށްވުރެ އިތުރަށް ވަރލްޑްކަޕްގައި ގޯލް ޖަހާފައިވަނީ ބްރެޒިލް ރޮނާލްޑޯ އާއި ޖަރުމަނުގެ މިރޮސްލާވް ކްލޯސާއެވެ.
ޖިރޫޑް އިތުރަށް ބުނީ އެމްބާޕޭ އަކީ ދަނޑު މަތީގައާއި ދަނޑު ބޭރުގައިވެސް ލީޑަރެއް ކަމަށާއި، ޒުވާން އުމުރުގައި ތަސައްރަފް ފުދިފައިވާކަމަށެވެ. އެމްބާޕޭއަށް ތައުރީފް އޮއްސަމުން ޖިރޫޑް ބުނީ އެއީ ތަފާތު ހުނަރުވެރި، ފުރިހަމަ ޓީމް މޭޓެއް ކަމަށެވެ. ފްރާންސްގެ ފުޓްބޯޅަ ތަޖުރިބާކާރު ހޫލިއަން ލައުރަންސްވެސް ބުނީ އަދިވެސް އެމްބާޕޭ ވަރަށްގިނަ ކަންކަން ހާސިލްކުރާނެ ކަމަށާއި، ކެރިއަރު ނިންމާލާނީ އެއްވަނައިގައި ކަމަށް ދެކޭ ކަމަށެވެ.
އެމްބާޕޭގެ ފަހަތުން ފްރާންސްގެ ލަނޑު ލިސްޓްގައި ތިބީ ޖިރޫޑްގެ އިތުރުން ތިއަރީ އޮންރީ އާއި ގްރިޒްމަން އާއި ޕްލެޓިނީ އެވެ.
ގްރޫޕް އައިގަ ފްރާންސާއެކު ދެން ހިމެނެނީ ނޯވޭ އާއި އިރާގެވެ.
އެމްބާޕޭގެ ރެކޯޑް ގޯލާއެކު ފްރާންސަށް ފުރިހަމަ ފެށުމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ