އެމްބާޕޭގެ ޖާދުލާ އެކު، ފްރާންސުން 24 އަހަރު ފަހުން ވޯލްޑް ކަޕްގައި ސެެނެގާލް ކައިރިން ބަދަލުހިފައިފި

ނިއު ޖާޒީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 17) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ފްރާންސް އިން 3-1 އިން ސެނެގާލް ބަލިކޮށްފި އެވެ. 
މިއީ، މީގެ 24 އަހަރު ކުރިން، 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސެނެގާލުން 1-0 އިން ފްރާންސް ބަލިކުރި ފަހުން، މި ދެ ޓީމުން ވޯލްޑް ކަޕެއްގައި ބައްދަލުކުރި ފުރަތަމަ ފަހަރެވެ. އެ ފަހަރު ވޯލްޑް ކަޕަށް ފްރާންސް ނުކުތީ އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި ނަމަވެސް އަލަށް އައި ސެެނެގާލުން ވަނީ ފްރާންސް ބަލިކޮށް ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ހައިރާންކުރަނިވި ނަތީޖާއެއް ނެރެފަ އެވެ. 
މިރޭގެ މެޗު ފަށައިގެން ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ އަށް ލިބުނު ފުރުސަތެއްގައި ރަނގަޅަށް ބޯޅަ ކޮންޓްރޯލް ނުކުރެވި އެޓޭކް ކުރަން ލިބުނު ޖާގަ ގެއްލުނީ އެެވެ. އޭގެ ފަހުން ފްރާންސަށް ފުރަތަމަ ހާފުގައި މާ އެދެވޭ ކަމެއް ހާސިލްނުކުރެވިދިޔައިރު، ސެނެގާލުން ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދައި، ރަނގަޅު ހަމަލާތަކެއް ވެސް ފޮނުވާލައިފަ އެވެ. 
އެ ގޮތުން، ފްރާންސްގެ ޑިފެންސް ލައިން ފަހަތަށް އައި ބޯޅައަކަށް އަރައި ސެނެގާލްގެ ފޯވާޑް، ނިކޮލަސް ޖެކްސަން ޖެހި ޝޮޓް ބޭރުވީ ދަނޑީގައި ޖެހިފައި، ފްރާންސްގެ ކީޕަރު، މައިކް މައިންނޯން ފައިގައި ޖެހިފަ އެވެ. އޭގެ ފަހުން، ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ވެސް ފަހު ވަގުތު ސެެނެގާލަށް ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. ސެނެގާލްގެ ތަރި، ސަޑިއޯ މާނޭ، އޭރިއާތެރެއަށް ބޯޅަ ހިފައިގެން ދެމިގަތުމަށް ފަހު، ގޯލު ކުރިމައްޗަށް ހުސްކޮށް ނެގި ހުރަހަަށް އަރައި، ކުޑަ އޭރިއާ ރޮނގުމަތީގައި ހުރި އިސްމާއިލާ ސާ ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ. 
ފްރާންސަށް ފުރަތަމަ ހާފުގައި ގޯސްކޮށްދިޔަތަން ދެ ވަނަ ހާފުގެ ފުރަތަމަ މިނިޓުން ފެށިގެން ރަނގަޅު ކުރި އެވެ. އެ ގޮތުން، މި ހާފުގެ ފުރަތަމަ ވަގުތުން ފެށިގެން ފްރާންސުން އެޓޭކްކުރަމުންދިޔަ އެވެ. އަދި، ރަނގަޅު ހަމަލާތަކެއް ވެސް ފޮނުވާލި އެވެ. އެ ގޮތުން، ސެނެގާލްގެ އޭރިއާތެރެއިން، ފްރާންސްގެ މައިކަލް އޮލީސޭ އާއި އެމްބާޕޭ، އަށް ލިބުނު ފުރުސަތުތަކުގައި ޖެހި ޝޮޓްތައް ސެނެގާލްގެ ކީޕަރު، އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފަ އެވެ. 
އޭގެ ފަހުން، ސެނެގާލްގެ އޭރިއާތެރެއިން އެމްބާޕޭ އަށް މާނޭ ފައުލުކުރި ކަމަށް ބުނެ، ފްރާންސް އިން އެޕީލްކުރި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން ދަނޑުގެ މޮނީޓަރުން ބަލާފައި ވެސް، މެޗުގެ ރެފްރީ، އޮސްޓްރޭލިއާގެ އަލީ ރެޒާ ފަގާނީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެެވެ. 
ފްރާންސުން ދެ ވަަނަ ހާފުގައި ތަކުރާރުކޮށް ރަނގަޅު އެޓޭކްތަކެއް ކުރަމުންދިއުމުގެ ނަތީޖާ އަކަށްވީ 66 ވަނަ މިނިޓްގައި އެމްބާޕޭ އެ ޓީމަށް ލީޑުނަގައިދިނުމެވެ. މިއީ، އޮލީސޭ ދިން ހިތްގައިމު ޕާހަކަށް އަރައި، އެމްބާޕޭ ވަނީ ތިރިތިރިން ގޯލަށް ވައްދާލައިފަ އެވެ. މި ލަނޑާ އެކު، އޮލިވިއޭ ޖިރޫ، ފްރާންސަށް އެންމެ ގިނަ ލަނޑު ޖަހައިގެން ހަދާފައިވާ ރެކޯޑާ އެމްބާޕޭ ވަނީ ހަަމަކޮށްފަ އެވެ. ޖިރޫ އާއި އެމްބާޕޭ ވެސް ވަނީ 57 ލަނޑު ފްރާންސަށް ޖަހައިދީފަ އެވެ. 
ފްރާންސުން ލީޑުނެގިތާ ދެ މިނިޓް ފަހުން، ސާ ވަނީ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު، ސާ އެ ލަނޑު ޖެހީ އޮފްސައިޑްގައި ހުރެ ކަމަށް ވުމުން ނުގުނަ އެވެ. 
އޭގެ ފަހުން، ބަދަލަކަށް ކުޅެން އަރައި، ބްރެޑްލީ ބާކޮލާ ވަނީ ކުޅެން އެރިތާ ދެ މިނިޓް ތެރޭ ފްރާންސްގެ ލީޑުފުޅާކޮށްދީފަ އެވެ. 
އެކަމަކު، އިތުރު ވަގުތުގެ ތެރޭގައި، ސެނެގާލްގެ އިބްރާހިމް އެމްބާއޭ، 18، ވަނީ ލަނޑެއް ޖަހައި، ސެނެގާލަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، އެމްބާޕޭ ވަނީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައި، ޖިރޫގެ ރެކޯޑް މުގުރާލި ގޯލާ އެކު، ފްރާންސަށް ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެެވެ. 
މި މެޗުގައި ޖެހި ދެ ގޯލާ އެކު އެމްބާޕޭ ވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖަހައިގެން، ރެކޯޑް ހަދާފައި އޮތް ޖަރުމަނުގެ ލެޖެންޑަރީ ފޯވާޑް މިރޮސްލާވް ކްލޯސާގެ ރެކޯޑާ ގާތަށް ޖެހިލައިފަ އެވެ. ކްލޯސާ ވަނީ ވޯލްޑް ކަޕްތަކުގައި 16 ލަނޑު ޖަހައިފަ އެވެ. މި މެޗުގައި އެމްބާޕޭ ޖެހި ދެ ލަނޑާ އެކު، ތިން ވޯލްޑް ކަޕްގައި ކުޅެގެން މިހާތަނަށް 15 ލަނޑު ވަނީ ޖަހައިފަ އެވެ. އަދި، އެމްބާޕޭގެ އިތުރުން، ބްރެޒިލްގެ ރޮނާލްޑޯ އާއި ވެސްޓް ޖަރުމަނުގެ ގާޑް މުލާ ވަނީ ވޯލްޑް ކަޕްތަކުގައި 15 ލަނޑު ޖަހައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ