ދަތުރު ހަދާފައި ބާމައިކާ ގެރިބޯ ފޮނުވިޔަސް ތިލަދުންމައްޗަކު ބާމައިކެއް ގެރިބޮލެއް މިހާރަކު ނުވިކޭނެއެވެ. ހުސްވި ހަފްތާގައި ކުރި ދަތުރުން އެކަން ނިކަން ރަނގަޅަށް ސާފުވާނެއެވެ. ބާމައިކަކަސް ގެރިބޮލަކަސް ވިކުނީހީ މީހުންގަނޑު ރުޅިއަރާފައި ނެތްތަމަތާއެވެ. މުއިއްޒު ސަރުކާރު ދެކެ މީހުންގަނޑު އަރާފައި ތިބީ އަމަށަކު ރުޅިއެއް ނޫނެވެ. ރައްޔިތުން ސަރުކާރުދެކެ ރުޅިއަރައިގެން އުޅެނީ އެހެން ބަޔަކު ކުރާ ކަމަކުން ނޫނެވެ.
ރައްޔިތުން ސަރުކާރުދެކެ ރުޅިއަރައިގެން އުޅެނީ މުއިއްޒު ސަރުކާރާއި ޕީއެންސީން ކުރަމުންދާ ނޭއްގާނި ކަންކަމުންނެވެ. ތިލަދުންމަތީ ދަތުރު ނިންމާފައި އައިސް ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު އޮހެނީ ކަމަށް ދައްކަން ދައްކާ ވާހަކައަކުން ކުރާކަމަކުން ފަތުރާ ޕްރަޕަގެންޑާއަކުން ރައްޔިތުންގެ ހަގީގަތް ބަދަލެއް ނުކުރެވެއެވެ. މުއިއްޒު ލޮލުގައި އަދުން އަޅުވައިގެން ނަޖާއިޒު ފައިދާ ނަގާ ބަޔަކަށް ފައިދާ ނެގިދާނެއެވެ. މުއިއްޒަށް ނޭނގުނަސް ނުވަތަ އެނގޭ ކަމަށް ނުހެދިޔަސް ހަގީގަތް އުޑާ ބިމާހާ ތަފާތެވެ.
ޓޭމޫ އާއި އަލީ އެކްސްޕްރެސްއާއި ޝޭން ފަދަ ސައިޓް ތަކުން އެއްޗެއް ގަންނަ ކޮންމެ ފަހަރަކު %30ގެ ޗާޖެއް އެބަކުރެއެވެ. ރާއްޖޭން ބޭރަށް ދަތުރު ކުރާ ކޮންމެ ޓިކެޓަކަށް ބޮޑު ޓެކްހެއް އެބަ ނަގައެވެ. ކޮތަޅު ޓެކްސް ކަނޑަންއައިސް ކޮތަޅު ޓެކްސް ކަޑާނުލިތާ ޖީއެސްޓީ، ޓީޖީއެސްޓީ އާއި ގްރީން ޓެކްސްވެސް ކުރީ ބޮޑެވެ. ބޮޑުންގެ ފައުޖުތައް ފޫގަޅާފައި ވަފުދު ހަދައިގެން ރާއްޖޭން ބޭރަށްގޮސް ޓެކްސް ދައްކާ މީހުންގެ ލާރިކޮޅު އިސްރާފު ކޮށް ތަޅާ ބުރުއްސަނީއެވެ.
އާދައިގެ މީހާ ބަލިހާލު ބޮޑުވެ ހަތަރު އުދަރެސް ފެނުޖެހިގެން އާސަންދައަށް ސަލާން ޖަހަމުން ދުވަނީއެވެ. ރާއްޖޭ ނުކުރެވޭ ފަރުވާއެއް އޮންނަކަމަކަށް ނުހަދައެވެ. ރާއްޖޭގައި ތިބި މަދު ސްޕެސިލިސްޓުންކުރެ މީހަކަށް އެޕޮއިންޓްމެންޓެއް ލިބެނީ ބަލިމީހާ ގަދަވެ ނުވަތަ މަރުވާފަހުންނެވެ. އެޕޮއިންޓްމެންޓް ލިބިގެން ފަރުވާ ކުރެވުނަސް މަދު ފަހަރެއްގައި ނޫނީ ރާއްޖޭން ލިބޭ ފަރުވާއަކުން ޝިފާއެއް ނުލިބެއެވެ. ރާއްޖޭން ލިބޭ ފަރުވާއަކުން ޝިފާއެއް ނުލިބި މަރުފުށު ހާލަތަށް ދިޔުމުންނޫނީ ބޭރުން ފަރުވާކުރުމަށް އާދައިގެ މީހަކަށް ފުރުސަތެއް ނެތެވެ. އެހެނެއް ކަމަކު ރައީސާއި ސިޔާސީވެރިން ދައުލަތުގެ ފައިސާއިން ކުރަން ބޭނުންވީމާ ނުކުރެވޭ އެއްކަމެއްވެސް ނެތެވެ.
ސަރުކާރުގެ އަމަލުތައް ހުރިގޮތުން ޑޮލަރުގެ އަގު އުފުލިގެން ގޮސް ޑޮލަރު ކަޅު ބާޒާރުންވެސް ޑޮލަރެއް ނުލިބެއެވެ. ތަކެތީގެ އަގުތައް އުފުލި އަނގަޔާ އަތާ ދިމާވަނީއެއް ނޫނެވެ. ކަރަންޓާއި ފެން ބިލުތައް ތިން ހަތަރު ގުނައަށް ބޮޑުވެ ނުދެއްްކި ލަސްވެލާއިރަށް ކަރަންޓާއި ފެން ކަޑަނީއެވެ. ރަށަކަށް ކަމެއް ކޮށްނުދެއެވެ.
މިނިސްޓަރުންނާއި މެމްބަރުން ތިންހަތަރު މީހުނާއި އިދެ، ކޮންމެ މީހަކު މާލެއާއި ހުޅުމާލެއިންނާއި ރާއްޖެއިން ބޭރުން ބިންބިމާ ފުލެޓުތައް ގަނެފިއެވެ. އެކަމަކު ރައްޔިތުންތިބީ ދެ ގުޅަ ޕެނެޑޯލްގައި ތާށިވެފައި ވިކްސް ބާމުފުޅިއެއް ގަނަނަން ދަރަންޏަށް -/20 ވެސް ނުލިބިފައެވެ.
ގައުމުގެ ތަރައްގީއަށް ބައިރުފިޔާއެއްވެސް ހަރަދު ކުރުމެއްނެތި ވޯޓަށް ސަލާން ޖަހަން ދިޔައިމާ ސަރުކާރުގެ ވަޒީފާ ދީފާ ތިބި މީހުންގެ އަދަދުގެ ބޮޑުކަމުން މަޖުބޫރުވެގެން ނިކުންނަ މީހަކު ރަށަކުން ނުފެންނަ ވާހަކައެއް ނޫނެވެ. އިހުލާސްތެރި ކަމާއި އެކު ސަރުކާރުވެގެން ސަރުކާރުގެ މަސައްކަތް ކަމުގޮސްގެން ވާަހަކައެއް ބުނާ މީހަކު އަދި ސަރުކާރުގެ ވަފުދުތަކަށް ހަލޯ ޖަހާލަން ނިކުންނާނެ މީހަކު ނެތެވެ.
ބާމައިކާ ގެރިބޯ ތިލަދުންމައްޗަކަށް މިހާރަކު ނުވިކޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ