ބައެއް އަންހެން ދަރިން ޢުމުރުން ދުވަސްވާއިރުވެސް ކައިވެނި ނުކުރަން ތިބޭ ސަބަބެއް ކަމަށް ބުނަނީ މަންމަ ބަލަންޖެހުމެވެ. މަންމަ ބަލާނެ އެހެން އަންހެން ދަރިއަކު ނެތުމެވެ. މަންމަ ދޫކޮށްލާފައި ދެވެން ނެތުމެވެ. އެހެންވެ މިޙާލަތުގައި ޢަމަލުކުރާނެ ގޮތަކާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ.
މިފަދަ ޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ތިބާ މަންމައަށް ކުރާ ޚިދުމަތަށް ހުރަސް ނުއެޅޭނެ ގޮތަކަށް ކައިވެނިކުރުމެވެ. މިޘާލަކަށް ތިބާއާއި މަންމައާއި ދުރުކުރުވާނެ މީހަކާއި ކައިވެނިކުރުމުގެ ބަދަލުގައި މަންމަ ގާތުގައި ތިބާ ހުންނަން ރުހޭ މީހަކާއި ކައިވެނިކުރުމެވެ.
ކައިވެނިކޮށްގެން ހުއްޓައިވެސް މަންމަ ބަލަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ ޖެހޭނީ އެކަންކުރާށެވެ! އަދި ތިއަހުރީ ކައިވެނިނުކޮށެވެ. ވީމާ ކައިވެނިކުރާއިރު އެކަމަށް ވިސްނައިގެން ކައިވެނިކުރާށެވެ.
މަންމަ ބެލޭނެ އެހެން ގޮތެއް ނެތް ޙާލުގައި ކައިވެނިކުރާ ގޮތަށް ތިބާ މަންމައާއި ވަކިކުރުވަން ބޭނުންވާނަމަ އެމީހަކި ތިބާދެކެ ޙަޤީޤީ ލޯބިވާ މީހެއް ނޫނެވެ. ސަބަބަކީ މަންމައާއި ތިބާ ވަކިކުރުވުމުން ތިބާއަށް ލިބޭނެ ހިތްދަތިކަން އޭނާއަށް އިޙްޞާޞް ނުކުރެވޭތީއެވެ. ޙަޤީޤީ ލޯބިވާނަމަ އެއިޙްޞާޞްތައް ކުރެވޭނެއެވެ.
މިޙާލަތުގައި ބަލަންވީ ތިބާ އެމީހަކު ދެކެ ލޯބިވާ މީހަކަށް ނޫނެވެ. ތިބާގެ ޙާލަތާއިއެކު ތިބާދެކެ ލޯބިވާ މީހަކަށެވެ. ޙަޤީޤީ ލޯބިވުމަކީއެއީއެވެ. އަންހެނުންނަކީ ޢުމުރުން މަތިވުމުން ކައިވެނިކުރަން ހުރަސްތައް ކުރިމަތިވާ ބައެކެވެ. ސަބަބަކީ ގުޅޭ ޢުމުރުގެ ކައިވެނިނުކޮށް ތިބޭ ފިރިހެނުން މަދުކަމެވެ. ނަތީޖާއަކަށްވަނީ (ގިނަފަހަރު) ދެއަންތބަށް ކައިވެނިކުރަން މަޖުބޫރުކުރުމެވެ. ނުވަތަ މަންމަ ނުވެ ދަރިންތަކެއްގެ ދޮންމަންމައަކަށްވާން ޖެހުމެވެ. ވީމާ ކައިވެނިކުރާ ޢުމުރުގައި ކައިވެނިކުރަން ކަނބަލުން ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ.
މިފަދަ މައްސަލައެއްގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބުވެސް ހިމަނައިލާނަމެވެ.
މަންމަމެން ބެލުމަށްޓަކައި މުޅި ޢުމުރު ކައިވެންޏެއް ނުކޮށް ދޫކޮށްލުމަކީ ރަގަޅު ކަމެއް ނޫނެވެ. ކައިވެނި ކުރަން އުޅޭ މީހާއާއި އެކުގައި އެއްބަސްވުމަކަށް އައުން މުހިންމެވެ. ތިމަންނާގެ ޙާލަތު ހުރިގޮތުން މަންމަ ދޫކޮށްފައި ދެވެން ނެތްވާހަކަ ރަގަޅަށް ބަޔާންކޮށްދީ އެކަން ގަބޫލު ކުރާފަދަ ފިރިޔަކާއި ކައިވެނި ކުރުން ރަގަޅެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މަންމަ ބަލަންޖެހުމަކީ ކައިވެނި ނުކޮށް ހުންނަން އޮތް ސަބަބަކަށް ނުހަށާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ