އިސްމާއިލް ނައީމް (އިއްސެ)ގެ އެންމެ ބޮޑު ހުވަފެނަކީ ރިސޯޓެއްގެ ޖެނެރަލް
މެނޭޖަރަކަށް ވުމެވެ. އޭނާ އެކަން ހިތުލީ 2009ގައި، ފޯ ސީޒަންސް ލަނޑާ
ގިރާވަރުގައި އުޅެމުންނެވެ. އެ ހުވަފެން ހަގީގަތަކަށް ހަދާ ނަމަ އޭނާއަށް އޮތީ
އެންމެ ގޮތެކެވެ: އަލުންބަލުން، ސުމަކުން، މުޅިން ތަފާތު ކަމަކުން ފެށުމެވެ. މައްސަލައެއް ނެތެވެ. އިސްމާއިލްއަކީ ޗެލެންޖެއް
ވެއްޖެއްޔާ ފަހަތަށް ޖެހޭނެ މީހެއް ނޫނެވެ.
"އެއީ ނިންމުނު އެންމެ ރަނގަޅު ނިންމުން،"
މީގެ 16 އަހަރު ކުރިން ދެވަނަ ފަހަރަށް ސުމަކުން ކެރިއަރު ފަށައިގަތް ހަނދާން އާކުރަމުން އިސްމާއިލް ބުންޏެވެ.
އެއީ ހުރި މަގާމާއި މަސައްކަތްކުރި ޑިޕާޓްމަންޓް ދޫކޮށްލުމެވެ. މުސާރަ ވެސް ވާނީ ކުޑަ އެވެ. އެކަމަކު ވެސް
އިސްމާއިލްއަށް ވަރިހަމަ އެވެ. ހައުސްކީޕިން ސުޕަވައިޒަރަކުން ރިސެޕްޝަނިސްޓަކަށް ބަދަލުވެ، މުޅިން އާ ފެށުމަކުން
ފަށައިގަތީ އޭނާގެ ބޮޑު ހުވަފެން ހަގީގަތަކަށް ހެދުމަށެވެ.
އިސްމާއިލްގެ ހިތް ޓޫރިޒަމަށް ޖެއްސުވީ މި ދާއިރާގައި އުޅޭ އޭނާގެ ބޭބެއެކެވެ. އެއީ އޭރު ހުރި ގިނަ ރިސޯޓުތަކުގައި މަސައްކަތް ކުރި މީހެކެވެ. މިހާރު ވެސް އުޅެނީ މި ދާއިރާގަ އެވެ.
ސްކޫލުގައި އުޅުނުއިރު ވެސް ފަތުރުވެރިކަން ނޫން ދާއިރާއެއް އޭނާގެ ހިޔާލުގައި ނެތެވެ. އެހެންވެ، ކިޔެވުން ނިންމާލި ގޮތަށް 2006ގައި އިސްމާއިލް ފުންމާލީ ސީދާ ރިސޯޓު
ލައިފަށް، ފޯ ސީޒަންސް ލަނޑާ ގިރާވަރަށެވެ.
"ކިޔަވަން އުޅުނުއިރު ވެސް ހިތުގައި އެކަން ނިންމާފައި އޮތީ،"
އިސްމާއިލް ބުންޏެވެ.
ބޭބެގެ ފަހަތުން ދާއިރާއަށް ވަންއިރު އިސްމާއިލްއަށް ހޮސްޕިޓާލިޓީ ނުވަތަ
މެހެމާންދާރީ އަދާކުރުމަކީ ކޮބައިކަމެއް ނުވެސް އެނގެ
އެވެ. އުމުރުން 18 އަހަރު ފުރި، ކިރިޔާ ދުނިޔެއަށް ލޯ ހުޅުވާލެވުނު ކަމެވެ.
ސިކުނޑީގައި ކުރިއަށްދާނެ ރޮނގެއް، މަގެއް އޭރު އެއްވެސް ވަރަކަށް ރޭވިފައެއް ނެތެވެ.
"ފެށީ ހައުސްކީޕިން އެޓެންޑެންޓެއްގެ ގޮތުގައި. އަހަރެމެން ކިޔާ ގޮތުން
ނަމަ ރޫމް ބޯއިއެއް،" މީގެ 18 އަހަރު ކުރީގެ ހަނދާންތައް އާކުރަމުން
އިސްމާއިލް ބުންޏެވެ.
"އޭރު ނޭނގޭ މާ ބޮޑަކަށް ކުރަންވީ ކީއްކަމެއް. ޓްރެއިންކުރާ މީހަކު ބުނި
ގޮތެއް ހަދަނީ. އެކަމަކު ވަކި ހިސާބަކުން ވިސްނުނު، އަމިއްލަ މީހާ ވެސް ގްރޯ ވާން
ޖެހޭކަން."
އެތަނުގައި މަސައްކަތް ކުރި 14 އަހަރުގެ ތެރޭގައި އިސްމާއިލް ވަނީ ހަތް ޕްރޮމޯޝަން ހޯދައިފަ އެވެ. ހައުސްކީޕިންގައި ރޫމް ބޯއިއަކުން ސުޕަވައިޒަރަކާ
ހަމައަށް ދިޔަ އެވެ. ޖެނެރަލް މެނޭޖަރަކަށް ވުމުގެ ހުވަފެން ފެނުނީ އެ މަގާމުގައި
ހުއްޓަ އެވެ.
"ހައުސްކީޕިން ސުޕަވައިޒަރަކަށް ހުރެފައި، ޖެނެރަލް މެނޭޖަރަކަށް ވާން
ނިންމީމަ، [ހިތަށް އެރީ] އެކަން ކުރާ ނަމަ ހައުސްކީޕިންއަކުން ނުވާނޭ، ފްރަންޓް
އޮފީހަށޭ ދާނީ. އެހެންވެ ރިސެޕްޝަނިސްޓަކަށް ބަދަލުވީ. މުސާރަ ވެސް ދަށްކޮށް،
އަމިއްލައަށް އެދިގެން. އެކަމަކު އެއީ ނިންމުނު އެންމެ ރަނގަޅު ނިންމުން،" އިސްމާއިލް
ބުންޏެވެ.
ރިސެޕްޝަނިސްޓުކަމުން ފެށިގެން އެކި ހަރުފަތްތައް ގިރާކުރަމުން ގޮސް ފޯ
ސީޒަންސްގައި އޭނާ ވަނީ ފްރަންޓް އޮފީސް މެނޭޖަރުގެ މަގާމު ވެސް އަދާކޮށްފަ އެވެ. އެ
ދެމެދުން ފޯ ސީޒަންސްގައި ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުން ޗުއްޓީ ހޭދަކޮށްލަން
އަންނަ ވޯވަށް ޕްރައިވެޓް އައިލެންޑުގެ އައިލެންޑު ޗީފުގެ މަގާމު ވެސް އޭނާ ވަނީ
އަދާކޮށްފަ އެވެ. އެ ރަށް ބެލެހެއްޓުމަކީ ކޮންމެ ކޮންމެ މީހަކާ ހަވާލުކުރާ
ޒިންމާއެއް ނޫނެވެ.
ފޯ ސީޒަންސްއިން ހަތް ތަރި ޖަހާލައިގެން ނުކުމެ އިސްމާއިލް ޕަޓީނާ މޯލްޑިވްސްގެ
ވަޒީފާއަށް ވަނީ އެ ރިސޯޓުގެ ޕްރީ-އޯޕަނިންގެ ތެރޭގައި، ޑިސެމްބަރު 2020ގަ އެވެ. ކަން
ދިމާކުރި ގޮތުން އެއީ ކޮވިޑް-19ގެ ފިޔަވަޅުތަކާއި ބަންދުތަކާއި ހުރަސްތައް ވެސް
ހުރި ދުވަސްވަރެކެވެ. ފްރަންޓް އޮފީސް މެނޭޖަރެއްގެ މަގާމަށް އިންޓަވިއު ނިންމީ ރަށުގައި ހުރެގެންނެވެ.
"ރަށުގައި ހުރެފައި 7 ޑިސެމްބަރުގައި ހުޅުމާލެއަށް އައީ. އޭރު މިކޮޅުގައި
[ޕަޓީނާގައި] ވެސް ކޭސްއެއް ދިމާވެގެން އުޅޭތީ ބަންދުކޮށްފައި އޮތީމަ މިކޮޅަށް
ވެސް ނާދެވުނު. އެހެންވެ ހުޅުމާލޭގައި ހުރި އޮފީހެއްގައި ތިން މަސް ވަންދެން މަސައްކަތް
ކުރަން ޖެހުނު. ވަރަށް ތަފާތު ތަޖުރިބާއެއް އެއީ،" އިސްމާއިލް ބުންޏެވެ.
އަލަށް ޕަޓީނާއަށް ދެވުނު ދުވަހަކީ އިސްމާއިލްއަށް ވަރަށް ހާއްސަ، އޭނާގެ ހަނދާނުގައި ހުންނަ ދުވަހެކެވެ. ވިލު ތެރެއިން ލޮނުގަނޑު މަތިން ފުމެމުން އެ މީހުންނަށް އެ
ދުވަހު މަރުހަބާކީ ކޯމަސްތަކެވެ. ފަސްއަޅައި ހިއްކާފައި އޮތް އެ ރަށުގައި އޭރު ގިނަ
ގަސްތައް ހުރީ، އޭނާ ބުނި ގޮތުގައި، އުނަގަނޑާ ހަމައަށެވެ. އެކަމަކު މިއަދު އެ
ގަސްތައް ބޮޑެތިވެގެން ގޮސް، އެއީ ބަޔަކު ހިއްކި ރަށެކޭ ވެސް ބުނަން ދަތިހާ
ރީއްޗެވެ. މީހުން ދިރިއުޅޭ ގުދުރަތީ ރަށްތައް ރަކިކޮށްލާ ވަރަށް ޕަޓީނާ އޮތީ
ފެހިކޮށެވެ.
މުޅި ޕަޓީނާގައި އިސްމާއިލް މާ ގަޔާވާ ދެ ތަނެއް
ހުރެ އެވެ. އެއް ތަނަކީ ކޮންމެ ދުވަހަކު ވެސް ވަރަށް ގިނަ ވަގުތު އޭނާ އެ
ތަނެއްގައި ހޭދަކުރާ ޖެޓީ އެވެ. އެ ރަށަށް އަރާފައިބާ ފަތުރުވެރިއަކަށް ޖެޓީ
މަތިން އިސްމާއިލް ނުފެނި ނުދާނެ އެވެ. ކޮންމެ ގަޑިއެއްގައި ވިޔަސް،
އިސްމާއިލް ބުނީ، "ކޮންމެ އެރައިވަލް އަދި ޑިޕާޗާއަކަށް ޖެޓީއަށް އަރަން"
ކަމަށެވެ.
ދެން އެންމެ ހާއްސަވާ ތަން ދައްކާލީ އެ ތަނެއްގައި އިސްމާއިލް ނެގި
ސަތޭކައިން ނުވަތަ ހާހުން ގުނާލެވޭ ފޮޓޯތަކުގެ ތެރެއިން ތިން ފޮޓޯގަނޑުން އޭނާ
ހެދި ކޮލާޖަކުންނެވެ. އެއީ ދުވަހުގެ ތަފާތު ތިން ގަޑިއެއްގައި ހަމަ އެއް ތަނެއްގައި ހުރެ
ނެގި ފޮޓޯތަކެކެވެ. އިރުއަރައިގެން ގޮސް އޮއްސޭ މަންޒަރާއި އެކި ގަޑިގަޑީގައި އުދަރެހަށް
އަރާ ހުރިހާ ކުލަތަކެއް އެ ތަނުން ފެނެ އެވެ. މި ތަން ވެސް ހުންނަނީ ޖެޓީ ސަރަހައްދުގަ އެވެ.
ޖުމްލަކޮށް ރިސޯޓް ލައިފްގައި އިސްމާއިލްއަށް އެންމެ ހާއްސަވީ މި އިންޑަސްޓްރީއިން
ދިމާވާ މީހުންނެވެ.
"މިއީ ވަރަށް ސަޅި ދަތުރެއް. ބައިވަރު، ތަފާތު ސަގާފަތްތަކާއި މީހުންނާ
އެއްކޮށް މަސައްކަތް ކުރެވުނު. އެންމެން ވެސް އެހީތެރިވެދިން. އެއީ މި ދަތުރުގެ
އެންމެ ސަޅި ބައި. ކޮންމެވެސް އެއްޗެއް ދަސްވި ކޮންމެ ދުވަހަކު ވެސް،" އޭނާ
ބުންޏެވެ.
"ހަމަ އެގޮތަށް ގޮންޖެހުންތަކެއް ވެސް ހުރޭ. އެކަމަކު ކުރިއަށް ދާން ލިބޭ
އެންމެ ބޮޑު ހިތްވަރަކީ ވެސް އެއީ. ދަތިތަކެއް ނުހުންނަ ނަމަ މޯޓިވޭޝަނެއް ވެސް ނުހުންނާނެ.
އަހަންނަކީ ގޮންޖެހުންތަކާ ކުރިމަތިލާ ހިތްވާ މީހެއް."
އިސްމާއިލްގެ މިޒާޖުގެ އިތުރުން އޭނާ މިއަދު ހުރި ހިސާބަށް އައުމުގައި އެންމެ
ބޮޑު ދައުރެއް އަދާކުރާ އަނެއް ކަމަކީ، އޭނާ ހިތުގެ އަޑިން ގަބޫލުކުރާ ވަކި ހާއްސަ
ކަމެކެވެ. އެއީ، ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅު ސަބަބެއް އޭގެ ފަހަތުގައި އޮންނާނެތީ
އެވެ. ކޮންމެ ކަމެއް ވިޔަސް، އެކަމަކާ މެދު ރަނގަޅަށް ވިސްނާށެވެ. މި ދާއިރާއަށް
ވަންނަން ބޭނުންވާ ޒުވާނުންނަށް އޭނާ ދޭން އޮތް ނަސޭހަތަކީ ވެސް އެއީ އެވެ.
ސުވާލަކީ އިސްމާއިލްގެ އެ ހުވަފެނީ ދަތުރުގައި މިހާރު ހުރީ ކޮން ހިސާބެއްގައި
ހެއްޔެވެ؟
"އަދިވެސް އެ މަސައްކަތުގައި މި އުޅެނީ. އަދި ލަހެއް ވެސް ނުވޭ،" އިސްމާއިލް
ބުންޏެވެ.
ޕަޓީނާގައި ވީ ހަތަރު އަހަރުގެ ތެރޭގައި އޭނާ ވަނީ އެސިސްޓެންޓް ޑައިރެކްޓާ
އޮފް ރޫމްސްއަށް ޕްރޮމޯޓުވެފަ އެވެ. އިސްމާއިލްގެ ހުވަފެނީ މަގާމު މިހާރު އޮތީ
އޭނާއަށް ފެންނަހާ ވެސް ކައިރީގަ އެވެ. އެ ދެމެދުގައި ވަނީ ހަމައެކަނި ޑައިރެކްޓާ
އޮފް ރޫމްސް އާއި ރިސޯޓު މެނޭޖަރުގެ މަގާމެވެ.
އެކަމަކު މިހާރު އެ ހުރީ އެހާ ފަސޭހައިން ޕްރޮމޯޝަން ލިބޭ ހިސާބެއްގައެއް
ނޫނެވެ. މީގެ އަހަރުތަކެއް ކުރިން ކޮންމެ ދެ އަހަރަކުން ޕްރޮމޯޝަން ލިބުނަސް
މިހާރު އެއީ އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. ނަމަވެސް ތަފާތުވާ ކަމަކީ ހަމައެކަނި އެއީ
އެވެ. އަދިވެސް އިސްމާއިލް ހުރީ ކުރިން ވެސް ހުރި ގޮތަށް، ގޮންޖެހުންތަކުން
އަރައިގަންނަ ވިސްނުމުގަ އެވެ.
"އައި ލަވް ޗެލެންޖަސް. ޗެލެންޖެއް ނެތިއްޔާ ޗެލެންޖެއް ހޯދަން ވެސް ދާނަން."
އިސްމާއިލްގެ ތަޖުރިބާ: އުއްމީދު ހާސިލްކުރަން ބައެއް ފަހަރަށް ފަހަތަށް ވެސް ފިޔަވަޅު އަޅަން ޖެހިދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ