ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ކުރިމަތިން އަލަށް ހަދާފައިވާ މަގުން ދުއްވާފައި ދިޔަ ކާރެއް ރޭ އަރިއަޅާލައިފި އެވެ.
އެނގުން މުހިންމު - ޖުލައި 26އަށް ހުޅުވަން ތައްޔާރުވަމުން އަންނަ ވީއައިއޭގެ ޒަމާނީ އާ ޓާމިނަލް ކުރިމަތީ އަލަށް ހަދާފައިވާ މަގު ހުންނަނީ ކުރިން ބޭނުން ކުރަމުން ދިޔަ މަގަށް ވުރެ އުސްކޮށެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ އާ ޓާމިނަލް ކުރިމަތީ ހަދާފައިވާ އާ މަގުން ރޭ 11:45 އެހާއިރު ދުއްވާފައި ދިޔަ ކާރެއް ކުރިން ބޭނުން ކުރަމުން ދިޔަ މަގަށް ފުރޮޅާލާފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގި ގޮތް ފުލުހުން އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނީ އެކްސިޑެންޓު ހިނގިއިރު ކާރުގައި ހަތަރު މީހަކު ތިބި ކަމަށެވެ. އެހެން ނަމަވެސް:
އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ
ކާރަށް ވެސް ގެއްލުން ވެފައެއް ނުވޭ
"ކުރިން ބޭނުން ކުރަމުން ގެންދިޔަ މަގާއި އާ މަގުގެ ލެވަލް ތަފާތުކޮށް ހުންނަނީ. އަލަށް އެ ސަރަހައްދަށް [ކާރު] ވަދެ އުޅެނިކޮށް ދިމާވި ކަމެއް ކަމަށް އަދި ބެލެވެނީ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެ ކާރު މިހާރު ވަނީ އެ ސަރަހައްދުން ނަގައިފަ އެވެ.
އެއާޕޯޓްގެ ޓާމިނަލް ހުޅުވުމަށް އެ ސަރަހައްދުގައި އާ މަގުތައް ހަދައި އެތަން ޒީނަތްތެރި ކުރުމުގެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނައިރު އެއާޕޯޓްގެ ޓްރެފިކް ފްލޯއަށް ދޭތެރެ ދޭތެރެއިން ބަދަލުގެނެ އެވެ. އެކަންކަމަށް ސަމާލުވުމަށް ފުލުހުން މީގެ ކުރިން އިލްތިމާސް ވެސް ކޮށްފައިވެ އެވެ.
ރީތި ޓާމިނަލް ކުރިމަތިން ރީތިކޮށް ކާރެއް އަރިއަޅާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ