ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ހެންޑަސަން ބްރެންޓްފޯޑަށް ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ހެންޑަސަން ބްރެންޓްފޯޑަށް

ލަންޑަން (ޖުލައި 15) - ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ބްރެންޓްފޯޑުން ލިވަޕޫލްގެ ކުރީގެ ކެޕްޓަން ޖޯޑަން ހެންޑަސަންގެ ސޮއި ހޯދައިފި އެވެ.
ލިވަޕޫލްގެ ކުރީގެ ކެޕްޓަން، ހެންޑަސަން، 35، ކުރިން ކުޅުނު ކްލަބް، އަޔަކްސްއާ ގުޅުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އަޔަކްސްއާ އެކު އޮތް ކޮންޓްރެކްޓް އުވާލަން ހެންޑަސަން ވަނީ އެ ކްލަބާ އެކު، މިދިޔަ ހަފްތާގައި އެއްބަސްވުމަކަށް އަތުވެފަ އެވެ.
މީގެ އެއް އަހަރު ކުރިން، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި، ހެންޑަސަން، ސައުދީ އަަރަބިއްޔާގެ އަލް އިއްތިފާގަށް ސޮއިކުރީ 15 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. އަލް އިއްތިފާގަށް ހެންޑަސަން ބަދަލުވީ ހަފްތާ އަކު، 890،000 ޑޮލަރުގެ މުސާރައެއް ލިބޭ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބޮޑު މުސާރައެއްގައި ހުރުމަށް ފަހު، ހެންޑަސަން ވަނީ އަލް އިއްތިފާގުގެ ކޮންޓްރެކްޓް އުވާލައި، އަޔަކްސް އަށް ޖެނުއަރީ މަހު ސޮއިކޮށްފަ އެވެ.
ތަފާތު އެކި ސަބަބުތަކާ ހުރެ ހެންޑަސަން، އަޔަކްސް ދޫކޮށްލައި ބްރެންޓްފޯޑާ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރީ އިންގްލެންޑް ގައުމީ ޓީމާ އެކު އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކުޅުމުގެ ފުރުސަތު ބޮޑުކުރުމަށެވެ.
ސަންޑަލެންޑް ދޫކޮށް 24 މިލިއަން ޑޮލަރަށް، 2011 ވަނަ އަހަރު ލިވަޕޫލަށް ސޮއިކުރި ހެންޑަސަން، ލިވަޕޫލްގެ ކެޕްޓަންކަމާ ހަވާލުވީ 2015 ވަނަ އަހަރު، އެ ޓީމުގެ ލެޖެންޑަރީ ކެޕްޓަން، ސްޓީވެން ޖެރާޑް، އެ ކްލަބް ދޫކޮށްލުމުންނެވެ. ހެންޑަސަންގެ ކެޕްޓަންކަމުގައި ލިވަޕޫލުން ވަނީ ކްލަބް ލެވަލްގައި ހޯދޭނެ މައިގަނޑު ހުރިހާ ޓްރޮފީއެއް ހާސިލްކޮށްފަ އެވެ.
ބްރެންޓްފޯޑުން ހެންޑަސަން ގަތްއިރު، އެ ކްލަބުން ވަނީ ލިވަޕޫލްގެ ކީޕަރު، ކޮއިމްހިން ކެލަހާގެ ސޮއި ވެސް ހޯދައިފަ އެވެ. ބްރެންޓްފޯޑް ދޫކޮށްދިޔަ އެއް ކުޅުންތެރިއަކީ، ޑެންމާކްގެ މިޑްފީލްޑަރު، ކްރިސްޓިއަން ނޯގާޑް އެވެ. އޭނާ ގުޅުނީ އާސެނަލާ އެވެ. ބްރެންޓްފޯޑުގެ ފޯވާޑް، ބްރަޔާން އެމްބުއޭމޯ ހޯދަން މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިދިޔަ އަހަރުތަކުގައި ބްރެންޓްފޯޑަށް ކޯޗުކޮށްދިން ތޯމަސް ފްރޭންކް ވަނީ، ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމާ ހަވާލުވެފަ އެވެ. ބްރެންޓްފޯޑުގެ ސެޓް ޕީސް ކޯޗަކަށް ކުރިން ހުރި ކެއިތު އެންޑްރިއުސް އަށް ވަނީ އެ ޓީމުގެ ހެޑް ކޯޗުކަން ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ