ކުއްޖަކު މަރުވި އެކްސިޑެންޓު: 40 އަހަރުގެ މީހާ އަދި ވެސް ވެންޓިލޭޓަރުގައި!
މިދިޔަ އާދިއްތަދުވަހުގެ ރޭ މާލޭގައި ބާރަށް ދުއްވި ސައިކަލެއް، ކަފިހި ހުރަސް މަތިން ދިޔަ މީހަކާއި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ސީރިއަސް އަނިޔާތަކެއް ލިބުނު 40 އަހަރުގެ މީހާއަށް އަދިވެސް ފަރުވާދެނީ އައިޖީއެމްއެޗުގެ އައިސީޔޫގައި، ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށް އެ ހޮސްޕިޓަލުން މިރޭ ބުނެފިއެވެ. އާދިއްތަ ދުވަހުގެރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެތަނުގައި އޮންނަ ކަފިރި ހުރަސް މަތިން މަގު ހުރަސް ކުރި 40 އަހަރުގެ މީހެއްގެ ގައިގައި ޖެހި، އަނެއް ފަރާތުން ދުއްވި ލޮރީއެއްގައި ޖެހުނެވެ. ކަފިހި ހުރަސް މަތިން ދިޔައީ ކަސްރަތަށް ދުވަން އުޅުނު މީހެކެވެ. އޭނާ ދިޔައީ ވިއްސައިގެން ދުރަށެވެ. ސައިކަލުގައި ތިބި 16 އަހަރާއި، 17 އަހަރުގެ ދެކުދިން ލޮރީ ދަށުވީއެވެ. އެ ތިން މީހުންނަށް އަނިޔާވެގެން އައިޖީއެމްއެޗަށް ފަރުވާ ދިނެވެ. އެކްސިޑެންޓު ހިނގި ސަރަހައްދު: އެކްސިޑެންޓުގައި މަރުވި ކުއްޖާގެ އުމުރުން 17 އަހަރު -- ސަން ފޮޓޯ/ މޫސާ ނަދީމް ނަމަވެސް، އޭގެ ތެރެއިން 17 އަހަރުގެ ކުއްޖާ އެރޭ ވަނީ މަރުވެފައެވެ. މަރުވީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދެވެ. https://sun.mv/208555 މި ހާދިސާގައި ދެން އަނިޔާވީ 16 އަހަރުގެ ކުއްޖާއާއި 40 އަހަރުގެ މީހާއަށެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި 40 އަހަރުގެ މީހާގެ ސިކުނޑިއަށް ލޭއެޅި، އޭނާއަށް އައިސީޔޫގައި ފަރުވާދެމުންދާއިރު، އަދި ވެސް އޮތީ ވެންޓިލޭޓަރުގައެވެ. އެނގިފައިވާ ގޮތުގައި އޭނާގެ މޫނުގެ ކަށިތައް ފްރެކްޗާވެ، ސިކުނޑިއަށް ލޭ އެޅި ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. ނަމަވެސް، ފަރުވާއަށްފަހު ހާލަތަށް އެއްވެސް ބަދަލެއް އައިސްފައިވާކަން ނުވަތަ ނޫންކަން ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ. ހޮސްޕިޓަލުން ހަމައެކަނި ހާމަކުރި މައުލޫމާތަކީ އޭނާއަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި އައިސީޔޫގައި ކަމެވެ. އަނިޔާވި 16 އަހަރުގެ ކުއްޖާ ވޯޑުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. https://sun.mv/208588 މި ފަހުން ރާއްޖޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރެވެ. އޭގެ ތެރޭގައި ކަފިހި ހުރަސް މަތިން މީހުން ހިނގައިފައި ދަނިކޮށް، އުޅަނދުތަކުން ޖެހި އަނިޔާވާ މައްސަލަތައް ވެސް ގިނައެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ހަ މަސް ތެރޭ މާލެއާއި ބުރިޖުގައި 1،101 އެކްސިޑެންޓު ހިނގާފައިވެއެވެ. އޭގެ ތެރެއިން 61 ހާދިސާގައި ސީރިއަސް އަނިޔާތައް އެކި މީހުންނަށް ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ