ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދަން ނޫސްތަކާއި އާންމުން ތަކުރާރުކޮށް އެދެމުން ދިޔައިރު، މައުލޫމާތު ހޯދައިލިބިދިނުމުގެ ހައްގުގެ ގާނޫނާ ހިލާފަށް އެ މައުލޫމާތު ނުދީ ހިފެހެއްޓުމަށް ފަހު، މި ސަރުކާރުގައި މި ވަގުތު ތިބީ ޖުމުލަ 922 ސިޔާސީ މުވައްޒަފުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މިއީ ސަރުކާރުގެ އިންތިގާލީ މަރުހަލާގައި ކަނޑައެޅި ލަނޑުދަނޑިއަށް ވުރެ އިތުރު އަދަދެކެވެ.
އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އޭރު ވިދާޅުވެފައި އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ނުވާނެ ކަމަށެވެ.
"މި އަދަދު ނިންމާފައި މިވަނީ ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅާއި، މިހުރިހާ ތަނެއްގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުން ހިމެނޭހެން," އޭނާ އޭރު ވިދާޅުވި އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކޮށްގެން ފާޑުކިޔުން ވެސް އިންތިހާއަށް އަމާޒު ވެފައި އޮތްވައި، މިރޭ ދަންވަރު 12:30 ހާއިރު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރި ލިޔުމުގައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ސިޔާސީ މަގާމުތަކަށް މިހާރު އައްޔަނު ކުރައްވާފައި ތިއްބެވި މުވައްޒަފުންގެ ޖުމްލަ އަދަދަކީ 922 ކަމެވެ.
އެ އޮފީހުން މިހެން ބުނިއިރު 200 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކިކުރާނެ ކަމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރައީސް ވިދާޅުވެފައިވެ އެވެ. އަދި ބައެއް މީހުން ސިޔާސީ މަގާމުތަކުން ސަރުކާރުގެ ކުންފުނިތަކަށް ވެސް ބަދަލުކޮށްފައިވެ އެވެ.
"ސިޔާސީ މަގާމުތަކަށް އައްޔަނުކުރައްވާ ބޭފުޅުން ވަކިކުރެއްވުމާއި، އިސްތިއުފާ ދެއްވުމާއި، އަދި އަލަށް ބޭފުޅުން އައްޔަނު ކުރެއްވުމަކީ، ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައިވެސް ހިނގަހިނގާ ހުންނަ ކަމަކަށް ވާތީ، ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދަށް، އަބަދުވެސް ބަދަލު އަންނަމުން ދާނެ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
ސިޔާސީ މުވައްޒަފުންގެ ތެރެއިން 228 މުވައްޒަފުން ވަކިކުރައްވާނެ ކަމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު 15 ގައި ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ. ވަކި ކުރައްވާނީ 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 69 ޕޮލިޓިކަލް ޑިރެކްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި ހަތް ސްޓޭޓް މިނިސްޓަރުން ވިދާޅުވި އެވެ.
ތަރުޖަމާނު ހީނާ ވިދާޅުވެފައި ވަނީ އޮކްޓޯބަރު 31، 2024 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ވަކިކުރީ ކޮން ބައެއްކަން ހާމަ ނުކުރެ އެވެ.
ރައީސް އޮފީހުގެ މުވައްޒަފުންނާއި މުލިއާގޭގެ މުވައްޒަފުންގެ އަދަދު ހިމަނައިފި ނަމަ ސިޔާސީ މުވައްޒަފުންގެ އަދަދު 922 އަށް ވުރެ އިތުރުވާނެ އެވެ.
އިގުތިސޯދީ ހާލަތު ގޯސްވުމުގެ ފަހަތުގައި ކުރީ ސަރުކާރުގެ މަތިބަރު ކަމަށް މި ސަރުކާރުން ބުނެފައި ވިޔަސް، މި ސަރުކާރުން ވަނީ މަތިބަރުކޮށް މުސާރައަށް ހޭދަކުރާ މިންވަރު އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އިތުރުކޮށްފަ އެވެ.
މައުލޫމާތު ނުދީ ތެޅުވުމަށް ފަހު، ރައީސް އޮފީހުން ބުނީ މިހާރު ތިބީ 922 ސިޔާސީން ކަމަށް މައުލޫމާތު ނުދީ ތެޅުވުމަށް ފަހު، ރައީސް އޮފީހުން ބުނީ މިހާރު ތިބީ 922 ސިޔާސީން ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ