ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށް ބާއްވާ ރަސްމިއްޔާތަށް، ކުރީގެ ހުރިހާ ރައީސުންނަށް ވެސް ދައުވަތު ދޭނެ ކަމަށް، އެތަން ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.
ތަފްސީލް - ދައުލަތުން ހޭދަކޮށްގެން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއު ނިންމައި، އާ ޓާމިނަލް ހުޅުވުން އޮތީ މި މަހު 26ގަ އެވެ. ރާއްޖޭގެ މިނިވަން ދުވަހު ވަރަށް ކުލަގަދަކޮށް ބާއްވާ އެ ރަސްމިއްޔާތަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނަށާއި ބޮޑެތި ވިޔަފާރިވެރިންނާއި ކުންފުނިތަކުގެ ވެރިންނަށް ވެސް ދައުވަތު ދޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ފާހަގަކުރެވޭ - އާ ޓާމިނަލް ހުޅުވާ ދުވަސް އިއުލާންކުރުމާ އެކު، އެ މަޝްރޫއުގެ ކްރެޑިޓް ދޭން ޖެހޭ ރައީސަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފަ އެވެ.
ޓާމިނަލްގެ މަޝްރޫއު ފެއްޓެވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މަސައްކަތުގެ ބޮޑު ބައެއް ނިންމާފައިވާއިރު، މުޅި މަޝްރޫއުގެ ފިނިޝިން މަސައްކަތްކޮށްފައިވަނީ މި ސަރުކާރުންނެވެ.
އެނގުން މުހިއްމު - ރައީސް މުހައްމަދު މުއިއްޒު ވަނީ އެ މަޝްރޫއުގެ ކްރެޑިޓް ހުރިހާ ރައީސުންނަށް ވެސް އޮތް ކަމަށް ވިދާޅުވެފަ އެވެ.
ރައީސް އޮފީހުން ހިންގާ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގައި މިއަދު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެއީ ވަރަށް ބޭކާރު، ބޭނުމެއް ނެތް ބަހުސެއް ކަމަށެވެ. ރާއްޖޭގެ މައި ދޮރޯށީގެ ގޮތުގައި ބަލާ ހުޅުލޭ އެއާޕޯޓު ތަރައްގީކުރަން އެކި ސަރުކާރުތަކުގައި އެކި މަސައްކަތް ކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ފުރަތަމަ އެއާޕޯޓް އެޅީ ރައީސް [އިބްރާހީމް] ނާސިރުގެ ވެރިކަމުގައި. އޭގެ ފަހުގައި އެއާޕޯޓް ތަރައްގީކުރަން ރައީސް މައުމޫނު [އަބްދުއްގައްޔޫމު]ގެ ސަރުކާރުން ވެސް ބޭރުން އެތައް އެހީއެއް ހޯދައިގެން މަސައްކަތްތަކެއް ކުރި،" ކޮންމެ ސަރުކާރަކުން ވެސް މަސައްކަތްތަކެއް ކުރިކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ހުރިހާ ރައީސުންނަށް ދައުވަތު ދޭނެ: އެމްއޭސީއެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ