ބިލިއާޑް 9 ބޯލް ޗެމްޕިއަންޝިޕުގެ އެއްވަނަ ދުންޔާޒް އާއި ފަގީހާއަށް

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން އިންތިޒާމުކޮށްގެން ބޭއްވި "9 ބޯލް ޗެމްޕިއަންޝިޕް 2025"ގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މުޙައްމަދު ދުންޔާޒް އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ފަގީހާ އިބްރާހިމް ހޯދައިފިއެވެ. ޤައުމީ ބިލިއާޑް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ދުންޔާޒް ހޯދީ ފައިނަލުގައި އިސްމާއިލް ޖީހާން ބަލިކޮށްގެންނެވެ. ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު ފެށިގެން 3-1 ފްރޭމުން ދުންޔާޒް ލީޑު ނަގާފައިވަނިކޮށް، ޖީހާން ވަނީ 3-3 އިން އެއްވަރުކޮށްފައެވެ. އެއަށްފަހު 5-3 ފްރޭމުން ޖީހާން ވަނީ ލީޑު ނަގާފައެވެ. ނަމަވެސް 7-5 ފްރޭމުން ދުންޔާޒް ލީޑު ނަގާފައިވަނިކޮށް އަނެއްކާވެސް ޖީހާން އެއްވަރުކުރިއެވެ. މެޗުގެ ފަހުބައިގައި އިތުރަށް ވާދަވެރިކޮށް ދިޔައިރު 9-8 ފްރޭމުން ޖީހާން ކުރީގައި އުޅެނިކޮށް ދުންޔާޒް އެއްވަރުކުރުމަށްފަހު ނަތީޖާ އަނބުރާލައި މެޗު ކާމިޔާބުކުރީ 11-9 ފްރޭމުންނެވެ. މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ފަގީހާ ހޯދީ ފައިނަލުގައި ދީނާ އަހުމަދު ބަލިކޮށްގެންނެވެ. ވާދަވެރި ކުޅުމަކަށްފަހު ފަގީހާ މި މެޗު ކާމިޔާބުކުރީ 7-4 ފްރޭމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ