ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގެ މަގުސަދު ހާސިލުކުރަން އެ ފަންޑު ބަލަހައްޓަން ގާނޫނީ އޮނިގަނޑެއް ކޮންމެހެން ވެސް ބޭނުން ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ލަފާދިންއިރު، ރައްޔިތުންގެ މަޖިލީހުން ބަލައިގެންފައިވާ އެސްޑީއެފް ބިލުގެ މަސައްކަތް ހުއްޓިފައި އޮންނަތާ އެތަކެއް ދުވަހެއް ވެފައިވާ ކަމަށް މަޖިލީހުގެ ރެކޯޑުތަކުން ދައްކައިފި އެވެ.
ދައުލަތުގެ ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ދަރަނި ދައްކަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރަން ގާއިމުކޮށްފައިވާ އެސްޑީއެފް އުފައްދާފައި ވަނީ މާލިއްޔަތު ގާނޫނުގައި އޮންނަ މާއްދާއެއްގެ ދަށުންނެވެ. އެކަމަކު މިއީ މި ވަރުގެ މުހިންމު ބޭނުމެއްގައި އުފައްދާފައި ހުރި ފަންޑަކަށް ފުދޭ ވަރެއް ނޫން ކަމަށް ބުނެ، އެ ފަންޑަށް ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލަން ޖެހޭ ކަމަށް އޮޑިޓަރުން ވަނީ ބުނެފަ އެވެ.
އެސްޑީއެފްއަށް ހާއްސަ ގާނޫނެއް ވުޖޫދުކުރުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިދިޔަ އަހަރުގެ ޖޫން 10، ގައި އެވެ. އެސްޑީއެފް ބިލު މަޖިލީހަށް ބަލައިގަތީ ޖޫން 25، ގައި އެވެ.
ސަރުކާރުން ހުށަހެޅި އެސްޑީއެފް ބިލުގައި ވަނީ، އެ ބިލުގެ މަގުސަދަކީ ދައުލަތުގެ ދަރަނި ކުޑަކޮށް ދައުލަތުގެ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަށް ޓަކައި ފަންޑެއް ގާއިމުކޮށް، އެ ފަންޑު ހިންގައި ބެލެހެއްޓުމާ ގުޅޭ އުސޫލުތަކަށް ކަނޑައެޅުމާއި ފަންޑާ ގުޅުން ހުރި ދައުލަތުގެ މުވައްޒަފުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި މި ބިލުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތަށް ބަލާއިރު، އެސްޑީއެފް ބިލު މަޖިލީހަށް ބަލައިގަތުމަށް ފަހު އެ ބިލު ދިރާސާކުރަން ފޮނުވީ މާލިއްޔަތު ކޮމިޓީއަށެވެ. މާލިއްޔަތު ކޮމިޓީން ބޭއްވި ފަސް ބައްދަލުވުމެއްގައި މި ބިލުގެ މަސައްކަތް ކޮށްފައި ވެ އެވެ. އެސްޑީއެފް ބިލުގެ މަސައްކަތް ކުރި ކޮމިޓީ ބައްދަލުވުންތައް ބޭއްވި ތާރީހުތަކަކީ:
އެސްޑީއެފް ބިލުގެ މަސައްކަތާ ގުޅިގެން ކޮމިޓީން އެންމެ ފަހުން ކުރި މަސައްކަތަކީ، އެ ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑިއަކީ މިދިޔަ އަހަރުގެ ނޮވެމްބަރު ކަމުގައި ކަނޑައެޅުމެވެ. އެ ބިލުގެ އިތުރުން، އޭރު ކޮމިޓީން ދިރާސަކުރަމުން ދިޔަ ދައުލަތުގެ ދަރަންޏާ ބެހޭ ބިލާއި، ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލާއި އިންޝުއަރެންސް ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑިއަކީ ވެސް އެއީ ކަމަށް ކަނޑައެޅި އެވެ.
ސުންގަޑި ކަނޑައެޅި ބިލުތަކުގެ ތެރެއިން ކޮމިޓީ މަސައްކަތް ނިންމާ، މަޖިލީހުން ފާސްކުރީ ދެ ބިލެކެވެ. އެއީ ދައުލަތުގެ ދަރަންޏާ ބެހޭ ބިލާއި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލެވެ. މި ދެ ބިލަކީ ވެސް މިދިޔަ އަހަރުގެ ޖުލައިގައި މަޖިލީހަށް ހުށަހެޅި، މަޖިލީހުން ފާސްކުރުމުން، މިދިޔަ އަހަރުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުރައްވާފައިވާ، މިހާރު އަމަލުކުރަމުން އަންނަ ގާނޫނުތަކެވެ.
އެސްޑީއެފް ބިލުގެ މަސައްކަތް ނުހިނގާ ކޮމިޓީ މަރުހަލާގައި މަސައްކަތް ހުއްޓިފައި އޮތް އިރު، މި ބިލުގެ ފުރަތަމަ ކިޔުން އިއްވި ދުވަހު ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނީ މި ބިލުގެ މުހިންމުކަމާއި މި ބިލު ގާނޫނަކަށް ހަދައި އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ބޭނުންތެރިކަމުގެ ވާހަކަ ތަޅުމުގައި ދައްކާފަ އެވެ.
އެސްޑީއެފްއަށް ގާނޫނަށް ބާރުވެރިކަން ދޭން ޖެހޭ ސަބަބުތަކުގެ ތެރޭގައި ފަންޑުގައި ހުރި ފައިސާ ބޭނުންގޮތަކަށް ބޭނުންކުރުން ހުއްޓުވައި، ފަންޑާ މެދު މީހުންގެ އިތުބާރު އުފެއްދުން ހިމެނެ އެވެ. އަދި މިކަން ނުވެ އޮތީ، އެ ފަންޑަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް ނެތުމުން ކަަމަށް ބިލު ބަލައިގަތުމުގެ މަޖިލީހުގައި ވާހަކަ ދެކެވުނެވެ.
"ސޮވެރިން ފަންޑު، އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އެ ފަންޑުގައި ފައިސާތަކެއް ހުއްޓަސް، އެ ފައިސާ ބޭނުންކުރެވޭނެ ވަކި ކަންތައްތަކެއް ގާނޫނުގައި ބަޔާންކޮށްފައި ނެތުމުގެ ސަބަބުން، އެ ފަންޑު ބޭނުން ގޮތަކަށް އޭރުގެ ސަރުކާރުން ބޭނުން ކުރަމުން ދިޔަ މަންޒަރު،" މި ބިލު ހުށަހަޅުއްވައިދެއްވަމުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު (ޕީއެންސީ) ވިދާޅުވި އެވެ.
އެސްޑީއެފްގެ ބިލުގެ މަސައްކަތް ހުއްޓިފައި އޮތް ސަބަބެއް ނޭނގެ އެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނޫނީ މި ބިލު ގާނޫނަކަށް ވުމުން ޒިންމާވާން ޖެހޭ މިނިސްޓްރީ ކަމުގައިވާ، ފިނޭންސް މިނިސްޓްރީގެ ބަހެއް ވެސް ނުލިބުނެވެ.
އެސްޑީއެފް ގާނޫނެއް ނެތް މައްސަލަ ބޮޑުވީ، ހުސްވި ހަފުތާގެ ތެރޭގައި އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކުރި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ރިޕޯޓުގައި މި މައްސަލަ ފާހަގަކުރުމުންނެވެ. އެ ރިޕޯޓުގައި އޮޑިޓަރުން ވަނީ ބައިނަލްއަގުވާމީ ހަމަތަކަށް ފެތޭ ގާނޫނީ އޮނިގަނޑެއް ތައާރަފުކޮށް، އެސްޑީއެފް ގާއިމުކުރި ބޭނުން ކަމުގައިވާ ދަރަނި ދެއްކޭނެ ގޮތަކަށް ފަނޑުން އިންވެސްޓުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
އެސްޑީއެފްއިން އިންވެސްޓުކުރާ ގޮތާ މެދު ކަންބޮޑުބުން ފާޅުކުރީ، އެ ފަންޑުގައި ހުރި ފައިސާތަކުގެ ބޮޑު ބަޔެއް ދައުލަތުގެ ސެކިއުރިޓީސްތަކުގައި އިންވެސްޓުކޮށްފައި ހުރުމުންނެވެ.
މިއީ އޮޑިޓަރުން ބުނި ގޮތުގައި، ފަންޑުގެ މަގުސަދާ ހިލާފަށް އެ ފަންޑުގެ ބޭނުން ހާސިލުނުވާ ގޮތަށް ކޮށްފައި ހުރި އިންވެސްޓުމަންޓުތަކެކެވެ. އަދި މިހާރު އިންވެސްޓުކޮށްފައި ހުރި ގޮތުން، މި އަހަރާއި އަންނަ އަހަރު އެ ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެން ދަރަނި ދެއްކި ދާނެ ކަމާ މެދު ސުވާލުއުފައްދާފައި ވެ އެވެ.
ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު ބިލު މަޖިލީހުގައިި އޮންނަތާ އަހަރެއް، މަސައްކަތް ހުއްޓިފައި ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު ބިލު މަޖިލީހުގައިި އޮންނަތާ އަހަރެއް، މަސައްކަތް ހުއްޓިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ