ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންތައް ހެދުމަށް ގަބުރުސްތާނުތައް ނެގުން ހުއްދަ ނުވާނެ ކަމަށް ދިވެހިރާއްޖޭގެ ފަަތުވާ މަޖިލީހުން ކަނޑައަޅައިފި އެވެ.
އެ މަޖިލީހުން މިއަދު ނެރުނު ފަތުވާއެއްގައި ބުނީ އިންސާނުންނަކީ މާތް الله މަތިވެރި ކުރެއްވި ބައެއް ކަމަށާއި އިންސާނާ މަރުވެ ދިޔުމުން ވެސް އެ މަތިވެރިކަން ގެއްލިގެން ނުދާ ކަމަށެވެ. އަދި އިންސާނާ މަރުވުމުން ވެސް ގަބުރަށް އިހުތިރާމު ކުރުމަށް ދީނުގައި އަންގަވާފައިވާ ކަމަށް އެ ފަތުވާގައި ބުންޏެވެ.
އެ ކަންކަމަށް ބާރުދޭ ދަލީލުތައް ބަޔާން ކުރުމަށްފަހު ފަތުވާގައި ބުނެފައި ވަނީ ގަބުރުސްތާނު ކޮނެގެން ކަށިތައް ނަގައި އެހެން ތަނަކަށް ބަދަލު ކުރުމުން ވަޅުލެވިފައިވާ މީހުންގެ ހުރުމަތް ކެނޑޭ ކަމަށެވެ. އެހެންކަމުން ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންތައް ހެދުމަށް ގަބުރަށް އުނދަގޫ ކުރުމާއި ގަބުރުގެ ހުރުމަތް ކެނޑުން ހުއްދަ ނުވާނެ ކަމަށް އެ ފަތުވާގައި ބުނެފައިވެ އެވެ.
"މިއީ އިސްލާމީ ޝަރީއަތުގައި ގިނަގުނަ ވައީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށް ވާއިރު، ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާން ފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވައިލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެ،" ފަތުވާގައި ބުނެފައިވެ އެވެ.
ފަތުވާ މަޖިލީހުން މިފަދަ ފަތުވާއެއް ނެރެފައި މިވަނީ މާފަންނު ސަހަރާގެ ބޮޑު ބައިގައި ޕާކަކާއި ބާސްކެޓު ކޯޓެއް އަޅަން ނިންމައި އެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
މާފަންނު ސަހަރާގެ 36،153 އަކަފޫޓުގެ ސަރަހައްދު ހުސްކުރަން ސިޓީ ކައުންސިލުން ނިންމީ އޯގަސްޓު 27، 2019 ގަ އެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.
ސިޓީ ކައުންސިލުން އާންމުކުރި ޕްލޭނުގައި ބުނެފައިވަނީ މާފަންނު ސަހަރާ ހުރި ސަރަހައްދު ތަރައްގީ ކުރަނީ "މާފަންނު މައިޒާން" ގެ ނަމުގައި ކަމަށެވެ. މި ޕްލޭން ފާސްކުރީ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 195 ވަނަ ޖަލްސާގައި ބައިވެރިވި ކައުންސިލަރުން އިއްތިފާގުންނެވެ.
ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންތައް ހެދުމަށް ގަބުރުސްތާނު އުވައިލުން ހުއްދައެއް ނޫން: ފަތުވާ މަޖިލިސް ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންތައް ހެދުމަށް ގަބުރުސްތާނު އުވައިލުން ހުއްދައެއް ނޫން: ފަތުވާ މަޖިލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ