މެރީޑިއަން ބަލިކޮށް ވެލާ ޒޯންގެ ސެމީއަށް

ޓެކާސް ދިރާގު ރިސޯޓު ކަޕުގެ ޒޯން ފައިނަލް ކާމިޔާބުކޮށް ނޫނު ޒޯނުގެ ޗެމްޕިއަން ވެލާ ޕްރައިވެޓް އައިލެންޑުން ޒޯން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. ޒޯން ސެމީއަށް ވެލާ ދަތުރުކުރީ ޅަވިޔަނި ޒޯނުގެ ޗެމްޕިއަންކަން ހޯދި މެރީޑިއަންއާ ވާދަކޮށް 4-1ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލާ ޕްރައިވެޓް އައިލެންޑުގެ އިބްރާހީމް ނަޖާހެވެ. އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ކުޅެފައެވެ. އެއާއެކު މުބާރާތުގެ ޒޯން ސެމީގައި ވެލާއާ ވާދަކުރާނީ ކުރިއަށްއޮތް ރާ ޒޯން އާއި ބާ ޒޯނުގެ ޗެމްޕިއަނުންގެ މެދުގައި ކުޅުމަށްފަހު މޮޅުވާ ޓީމަކާއެވެ. ނޯތު ޒޯނުގެ ފައިނަލުގައި މެރީޑިއަން އާއެކު ރާ އަދި ބާ ޒޯނުގެ ޗެމްޕިއަނުންގެ ތެރެއިން މޮޅުވާ ޓީމެއް ބައްދަލުކުރާއިރު، މި މެޗުން މޮޅުވާ ޓީމެއް ބައްދަލުކުރަންޖެހޭނީ ސައުތުގެ ހަތަރު ޒޯނުގެ މެޗުތަކުން މޮޅުވާ ޓީމަކާއެވެ. ސައުތު ޒޯނުގައި ހިމެނެނީ ދާލު އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ނޯތު ކާފު ޒޯނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ