ގއ.ވިލިނގިލީ ކައުންސިލް ދޮރުމަތީ އޮށޯއޮވެ، އަންހެނަކު އިހުތިޖާޖުކުރަނީ

ގއ.ވިލިނގިލި ކައުންސިލް އިދާރާ ދޮރުމަތީގައި އަންހެނަކު އޮށޯއޮވެ، އޮވެގެން އިހުތިޖާޖުކުރަން ފަށައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން އެރަށުން ވާހަކަދެއްކި ރައްޔިތަކު ބުނީ ކައުންސިލް ދޮރުމަތީގައި އިހްތިޖާޖު ކުރަމުންދަނީ އެރަށު ޖަވާހިރުމާގޭ ފާތިމަތު ޙާލިދާކަމަށެވެ. އޭނާ އިހްތިޖާޖު ކުރަމުންދަނީ، މީގެ އަހަރުތަކެއްކުރިން ވިލިނގިލިން ދޫކުރި ރޯހައުސްތަކުން އޭނާއަށް ލިބުނު ރޯހައުސް، އުސޫލުން ބޭރުން އެހެންމީހަކަށް ދިންކަމަށް ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރޯހައުސްތައް ދޫކޮށްފައިވަނީ ރައީސް ޔާމީނުގެ ދުވަސްވަރުއެވެ.
އެފަހަރު ދޫކުރި ރޯހައުސްގެ ތެރެއިން މާކްސްގެ ދިނުމުގެ މައްސަލަތަކެއްގައި 4 ރޯހައުސްގެ ނުދީ އޮތުމަށްފަހު އޭގެ ތެރެއިން ބައެއް ތަންތަން ވަނީ ދީފައެވެ. މިފަހަރު މައްސަލަ ދިމާވެފައިވަނީ ރޯހައުސް ލިބުނު ފާތިމަތު ހާލިދާއަށް ރޯހައުސް ނުލިބޭނޭކަމަށް އެރަށު ކައުންސިލުން ބުނުމާ ގުޅިގެންނެވެ. އެންމެފަހުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ރޯހައުސްގެ ވާހަކަ ހާލިދާ އެހުމުން ކައުންސިލުން ވަނީ ރޯހައުސް އޭނާއަށް ނުލިބޭވާހަކަ ބުނެފައެވެ.
ހާލިދާ ރައްޔިތުންގެ ބައްދަލުވުމުގައި ކައުންސިލާ ސުވާލުކުރަނީ... ފޮޓޯ: ސޯޝަލް މީޑިއާ
" ކައުންސިލް މެމްބަރުންގެ ކިބައިން ހާލިދާ އެދުނު ރޯހައުސް ނުލިބުނު ސަބަބު ބަޔާންކޮށްދިނުމަށް. އެގޮތުން މާކްސް ޝީޓް ދެއްކުމަށް. ނަމަވެސް ކައުންސިލުން އޭނާއަށް އެފުރުސަތެއް ނުދިން. އެހެންވެގެން އޭނާ މިއަދު އިހުތިޖާޖު އެކުރަނީ" ވިލިނގިލިން ވާހަކަދެއްކި މީހަކު ބުންޏެވެ.
އެމީހާ ބުނީ ހައުސިން މިނިސްޓްރީ އަނދައިގެން ދިޔައިރު އެ މައުލޫމާތުތައް ގެއްލިފައިވާކަމަށާއި، އެ ރިކަވަރ ނުކުރެވުނުކަމަށް ބުނެފައިވާކަމަށެވެ. 
ހާލިދާއަކީ ހަތަރުކުދިން ބަލަހައްޓަމުންދާ މަންމައެކެވެ. އޭގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބޭކަމަށްވެސް މައުލޫމާތު ލިބެއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހާލިދާއަށް ލިބެންއޮތް ރޯހައުސް ލިބުނީ އެރަށަށް ނިސްބަތްނުވާ، އެރަށުގައި ދިރިއުޅެމުންދާ މީހަކަށެވެ. އަދި މިހާރު އެމީހާ ވިލިނގިލީގައި އާއްމުކޮށް ދިރިއުޅެމުން ނުދާކަމަށް އިތުބާރުހުރި މަސްދަރަކުން ވޮއިސްއަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަމުގައި ވިލިނގިލީ ކައުންސިލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ