މޮޅު ކުޅުމަކާއެކު ކަނޑިތީމު ބަލިކޮށް އެއްވަނައިގައި މަގުލަސް ސެމީއަށް، ނުކުންނާނީ ހީވެސް ނުވޭއާ ދެކޮޅަށް

ކުޅުދުއްފުށި ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ފަސޭހަކަމާއެކު މަގުލަސް ކުލަބުން ކަނޑިތީމު ފުޓްބޯޅަ ޓީމުގެ މައްޗަށް ކުރިހޯދާ ގްރޫޕްގެ އެއްވަނައިގައި ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ
މިއަދު ހަވީރު ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު މަގުލަހުން ކާމިޔާބުކުރީ 5 - 2 ގެ ނަތީޖާއަކުންނެވެ. ޖުމްލަކޮށް ބަލާއިރު މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވަނީ މަގުލަސް ކުލަބުންނެވެ
މެޗު ފެށިގެން މަގުލަހުން މޮޅު ކުޅުމެއް ދެއްކިއިރު އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގައިފަ އެވެ. 12 ވަނަ މިނެޓުގައި މަގުލަހަށް ލީޑު ނަގައިދިނީ އެޓީމުގެ އަހްމަދު އާދަމް (ޒަރޭ) އެވެ. މަގުލަހުގެ ކުޅުންތެރިޔަކު ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ވަގުތު ޒަރޭ ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޒަރޭ މަގުލަހަށް ލީޑު ނަގައިދިނެވެ
މިލަނޑާއެކު ކަނޑިތީމުން ކުޅުން އިތުރަށް ރަނގަޅުކޮށް ހަމަލާތަކެއް އުފެއްދުމަށް ވަނީ މަސައްކަތް ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 36 ވަނަ މިނެޓުގައި އެޓީމުގެ ޖިނާން މުހައްމަދު ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އިސްމާއިލް ނިހާން އަރިމަތިން އެރި ޖިނާންއަށް ދިން ރީތި ޕާހަކުން ޖިނާން ވަނީ އެޓީމަށް އުއްމީދު އާކޮށްދީފަ އެވެ
މާގިނައިރުތަކެއް ނުވެ 44 ވަނަ މިނެޓުގައި ޖިނާންގެ އެސިސްޓަކުން އިސްމާއިލް ނިހާން ވަނީ މެޗުގެ ފުރަތަަމަ ފަހަރަށް ކަނޑިތީމަށް ލީޑު ނަގައިދީފަ އެވެ. ވަރަށް ރީތިކޮށް ޖިނާން މަގުލަހުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ނިހާން ވަނީ ހުސް ގޯލުގެ ތެރެއަށް ވައްދާލާފަ އެވެ
ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 2 - 1 ން ކަނޑިތީމު ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފަށް މަގުލަހުން ނުކުމެފައިވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށްގެންނެވެ. މިހާފުގައި އެޓީމުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު މިހާތަނަށް މިމުބާރާތުގައި ޓީމެއްގެ ފަރާތުން ފެނުނު އެންމެ ތަފާތު ރީތި ކުޅުން މަގުލަހުން މިހާފުގައި ވަނީ ދައްކާފަ އެވެ
ހާއްސަކޮށް އެޓީމުގެ ބިދޭސީ މިޑްފީލްޑަރު އިބްރާހިމް އޮލަޑިމޭޖީ ޖިމޯގެ ވަރަށް މޮޅުކުޅުމެއް ފެނިގެން ގޮސްފައިވެ އެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ އެޓީމުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. 63 ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް އާލާފް އަހްމަދުގެ އެސިސްޓަކުން އިބްރާހީމް އޮލަޑިމޭޖީ އެވެ
އޭގެ ތިން މިނެޓު ފަހުން މަގުލަހުން ވަނީ އަނެއްކާވެސް ގޯލެއް ކާމިޔާބުކޮށް ފަހަތުން އަރާ ލީޑު ނަގައިފަ އެވެ. މިލަނޑަކީ އެޓީމުގެ އިބްރާހީމް ދިން ތްރޫ ޕާހަކުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އާލާފް ކާމިޔާބުކުރި ގޯލެކެވެ. ދެވަނަ ހާފުގައި 12 މިނެޓު ތެރޭގައި މަގުލަހުން ވަނީ 4 ލަނޑު ކާމިޔާބުކޮށްފަ އެވެ
މެޗުގެ 71 ވަނަ މިނެޓުގައި އެޓީމުގެ އިބްރާހީމްގެ އެސިސްޓަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަހްމަދު މުހައްމަދު (އައްމަޑޭ) އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިލަނޑު ޖެހިތާ 3 ވަރަކަށް މިނެޓު ފަހުން އަނެއްކާވެސް އައްމަޑޭގެ އެސިސްޓަކުން އިބްރާހީމް ވަނީ އެޓީމުގެ 5 ވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ
ފޯރިގަދަ މިމެޗުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ އައްމަޑޭއާއި އިބްރާހީމް އަދި އާލާފްގެ ކޮމްބިނޭޝަން ކުޅުމެކެވެ. ވަރަށް ރީތިކޮށް ތިން ކުޅުންތެރިން ވެސް ބޯޅަ ހިފަހައްޓައިގެން ގިނަ ޕާސްތަކެއް އުފެއްދިއިރު ގިނަ ހަމަލާތަކެއް ވެސް ވަނީ އުފައްދާފަ އެވެ
ކަނޑިތީމަށް ވެސް މިމެޗުގައި ލަނޑުޖަހާނެ ރަނުގެ ފުރުސަތުތަކެއް ލިބި ފުރުސަތުގެ ބޭނުން ހިފޭ ގޮތެއްނުވި އެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ މެޗުގެ އެންމެ ފަހު ވަގުތު 100 ވަނަ މިނެޓުގައި އެޓީމުގެ ކުޅުންތެރިއަކަށް ލިބުނު ފުރުސަތެވެ
ގޯލު ކުރިމައްޗަށް ނަގައިދިން ބޯޅަ ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މުޅި މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކާ މަގުލަހުގެ މުޅި މެދުތެރެ ހިފަހައްޓައިގެން ކުޅުނު އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އިބްރާހިމް އޮލަޑިމޭޖީ ޖިމޯ އެވެ.
ހުކުރުދުވަހު ކުޅެވޭ މިމުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޒިގްޒެގް ފޯރ ޔޫތް ލިންކޭޖައި ކަނޑިތީމު ފުޓްބޯޅަ ޓީމެވެ. އަދި ހޮނިހިރު ދުވަހު ކުޅެވޭ މެޗުގައި ބައްދަލުކުރާނީ މަގުލަސް ކުލަބާއި ދިއްދޫގެ ހީވެސް ނުވޭ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ