އެފްއޭއެމްގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނެސް ފާސްކޮށްފި އެފްއޭއެމްގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނެސް ފާސްކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އަސާސީ ގަވާއިދަށް މުހިންމު ބަދަލުތަކެއް ގެނެސް، މިއަދު ބޭއްވި އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވި މެމްބަރު ކްލަބްތަކުގެ އިއްތިފާގުން ފާސްކޮށްފި އެވެ.
ހެންވޭރު މީރުމާ ހޮޓެލްގައި، މިއަދު ހަވީރު ކުރިއަށްދިޔަ، ކޮންގްރެސްގައި، އަސާސީ ގަވާއިދުގައި ބުނާ، ވޯޓް ދެވޭ 23 ކްލަބްގެ ތެރެއިން 21 ކްލަބުން މަަންދޫބުން ބައިވެރިވި އެވެ.
އެ ގޮތުން، ކޮންގްރެސްގައި ބައިވެރި ނުވާ ކްލަބްތަކަކީ، ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. މި ދެ ކްލަބުން، މީގެ ކުރިން އެފްއޭއެމް އިން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ވެސް ބޮއިކޮޓްކުރި އެވެ.
މިއަދުގެ ކޮންގްރެސްގައ، ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކުން ދެ މަންދޫބުން ހިމެނޭ ގޮތަށް، ޖުމްލަ އެކު، 23 މެމްބަރުން ހާޒިރުވިއިރު، ގަވާއިދުގައި ހިމަނަން ބޭނުންވާ މާއްދާތަަކަށް ވޯޓު އެހީ އެއްކޮށެވެ. އަދި، ބައިވެރިވި، ހުރިހާ ކްލަބެއްގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
އެފްއޭއެމް އިން ބުނެފައިވަނީ، އިސްލާހު ކުރެވުނު ހިންގާގަވާއިދަކީ، ފީފާ އާއި އޭއެފްސީގެ ލަފަޔާ އެކު ގެނެވުނު މުހިންމު ބަދަަލުތަކެއް ކަމަށެވެ. އެ ގޮތުން، އެ ބަދަލުތަކަށް ބަލާއިރު، ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގައި، މިހާރު ވާދަކުރަމުން އަންނަ ކްލަބްތަކަކީ އެފްއޭއެމް މެމްބަރު ކްލަބްތަކުގެ ގޮތުގައި ކަނޑައެޅުން ހިމެނެ އެވެ.
މީގެ އިތުރުން، ދެން ބާއްވާ އިންތިހާބެއްގައި، އަލަށް ހޮވޭ ހިންގާ ކޮމިޓީން ރީޖަނަލް އެސޯސިއޭޝަންތައް ކަނޑައަޅަން ޖެހޭ ގޮތަށް އިންތިގާލީ މާއްދާގައި، ބަޔާންކުރުމުގެ ގޮތުން، ކުޅިވަރު ގާނޫނަށް އެންމެ ފަހުން ގެނެވުނު އިސްލާހާ އެއްގޮތަށް އެފްއޭއެމްގެ ރީޖަނަލް އެސޯސިއޭޝަންތައް ގާއިމްކުރަން ކަނޑައެޅުން ހިމެނެ އެވެ.
- ރީޖަނަލް މުބާރާތްތައް ބޭއްވުމުގެ ހިންގާ ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ބޭއްވުމުގެ އިހުތިޔާރު ދިނުން.
- ހިންގާ ގަވާއިދަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެތެރޭގައި އަލަށް ހޮވޭ ހިންގާ ކޮމިޓީން އަންހެނުންގެ ފުޓްބޯޅަ މުބާރާތެއްގެ އޮނިގަނޑެއް އެކުލަވާލައި ކޮންގްރެސް އަށް ހުށަހެޅުން.
- ހިންގާ ކޮމިޓީގައި މަދުވެގެން ދެ އަންހެން މެމްބަރުން ތިބެންޖެހޭނެ ކަމަށް ކަނޑައެޅުން.
- އޮޑިޓް އެންޑް ކޮމްޕްލަޔަންސް އަދި ޖުޑީޝަލް ބޮޑީތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ހުރި މިންގަނޑުތައް އިތުރަށް ހަރުދަނާކޮށް، ކޮންފްލިކްޓް އޮފް އިންޓަރެސްޓް އަދި އިންޓެގްރިޓީ ޗެކްސް ހިމެނުން.
- މާލީ ހިންގުމާ ބެހޭ މައުލޫމާތާއި އޮޑިޓް ރިޕޯޓާއި އޮޑިޓް އެންޑް ކޮމްޕްލަޔަންސް ކޮމިޓީގެ އަހަރީ ރިޕޯޓާއި ހިންގާ ކޮމިޓީގެ މެމްބަރުންނަށް ދޭ މުސާރަ އާއި އިނާޔަތްތަކާ ބެހޭ މައުލޫމާތު ޝާއިއުކުރަންޖެހޭ ގޮތަށް ކަނޑައެޅުން.
- ފައިސާގެ ބޮޑެތި މުއާމަލާތްތަކާއި ހަރަދުތަކާއި އިންވެސްޓްމަންޓްތަކާއި އެއްބަސްވުންތައް ހިންގާ ކޮމިޓީގެ ހުއްދަ ހޯދައިގެން މެނުވީ ނުކުރެވޭ ގޮތަށް ކަނޑައެޅުން.
މީގެ އިތުރުން އަންނަ މަހުގެ ނިޔަލަށް އެފްއޭއެމް ހިންގަން ފީފާ އިން ކަނޑައެޅި ނޯމަލައިޒިން ކޮމިޓީގެ ދައުރު ހަމަވާއިރު، އޭގެ ކުރިން، އަންނަ މަހުގެ 26 ވަނަ ދުވަހު، އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް ވަނީ ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ