ރިވައިވަލް އޭދަފުށި ޖޫނިއާ މުބާރާތުގެ ވަނަތަކަށް ރަނުގެ ފުރުސަތެއް: ރާއްޖޭން ބޭރުން ޓްރެއިނިން! ރިވައިވަލް އޭދަފުށި ޖޫނިއާ މުބާރާތުގެ ވަނަތަކަށް ރަނުގެ ފުރުސަތެއް: ރާއްޖޭން ބޭރުން ޓްރެއިނިން!

ރިވައިވަލް ސްޕޯޓްސް ކްލަބާއި ރިވައިވަލް އޭދަފުށިން އިންތިޒާމުކޮށްގެން އޭދަފުށީގައި ބާއްވާ "ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން"، މިހާރު ކުރިއަށްދާއިރު، މުބާރާތުގެ އެކި ކެޓަގަރީތަކުގެ ވަނަތަކަށް ދާ ކުޅުންތެރިންނަށް ރާއްޖޭން ބޭރުން ޓްރެއިނިން ހިލޭ ލިބޭ ފުރުސަތެއް ފަހިކޮށްދީފި އެވެ.
މި މުބާރާތަކީ މުޅި ރާއްޖެ އަށް ހުޅުވައިލައިގެން ރިވައިވަލް ސްޕޯޓްސް އިން ސިލްސިލާ ގޮތެއްގައި އޭދަފުށީގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މީގެ ފުރަތަމަ މުބާރާތް މިދިޔަ އަހަރު އޭދަފުށީގައި ކާމިޔާބުކަމާ އެކު ވަނީ ނިންމާލައިފަ އެވެ. މި ފަހަރުގެ މުބާރާތުގައި މި ފަހަރު، ކުރިއަށް ދާނެ އިވެންޓްތަކަކީ އަންޑަ 9، 11، 13، 15، 17 އަދި 19 ފިރިހެން އަދި އަންހެން ސިންގަލްސް، އަންޑަ 11، 13، 15، 17 އަދި 19 އަންހެން އަދި ފިރިހެން ޑަބަލްސް އެވެ.
ރިވައިވަލް އިން މިދިޔަ އަހަރު އޭދަފުށީގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި 150 އަށް ވުރެ ގިނަ ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. މި އަހަރު ވެސް އެ ނަމްބަރު ފެންނަނީ އިތުރުކޮށެވެ.
އޭދަފުށީގައި ގާއިމްކޮށްފައިވާ މަތީ ފެންވަރުގެ ބެޑްމިންޓަން ކޯޓުގައި، މިދިޔަ ބުދަ ދުވަހުން ފެށިގެން، މުބާރާތް ކުރިއަށްދާއިރު، މާދަމާ އޮތީ ފައިނަލް މެޗުތަކެވެ. އެ މެޗުތަކަށް ދިއުމުގެ ކުރިން، ރިވައިވަލް އިން މި ވަނީ ކުޅުންތެރިންގެ ކެރިއަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ، ފުރުސަތެއް ހޯދައިދޭން މަގުކޮށައިދީފަ އެވެ.
އެ ގޮތުން، ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގެ ފައިނަލިސްޓުންނަށް އިންޑިއާގެ އޮޑިޝާގެ ބިބާސް ޕަރީދާސް ޕަރީދާ ހޯލީ ޗައިލްޑް ބެޑްމިންޓަން އެކަޑަމީން ދެ ހަފްތާގެ ކޯޗިން ޕްރޮގްރާމެއްގެ ފުރުސަތު ވަނީ ހުޅުވާލައިދީފަ އެވެ. ރިވައިވަލް އިން ބުނީ، ބިބާސް އެކަޑަމީން އެކޮމަޑޭޝަނާއި ޓްރެއިނިން ފީސް އެއްކޮށް ހަމަޖައްސައިދޭނެ ކަމަށާއި އެ ޓްރެއިނިންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ޖެހޭނީ ހަމައެކަނި އެއާ ޓިކެޓް ނެގުމަށް ކަމަށެވެ.
ރިވައިވަލް އިން މި ތަނަވަސްކޮށްދިން ފުރުސަތުގެ ބޭނުންހިފަން ބޭނުންވާ ފައިނަލިސްޓުންގެ ތެރޭގައި ހިމެނޭ އެތުލީޓުން، [email protected] އަށް މެއިލްކުރުމަށް އެ ކްލަބުން ވަނީ އެދިފަ އެވެ. އަދި، މި ފުރުސަތު ހުޅުވާލެވިފައިވަނީ، ޖޫން 28 އިން ފެށިގެން ޑިސެމްބަރު 28 އަށް ކަމަށް ވެސް ރިވައިވަލް އިން ވަނީ މައުލޫމާތު ދީފަ އެވެ.
މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅޭ މި މުބާރާތުގައި ރިވައިވަލް ސްޕޯޓްސް ކްލަބްގެ އެކަޑަމީ އާއި ރިވައިވަލް އޭދަފުށި އެކަޑަމީގެ ކުޅުންތެރިންގެ އިތުރުން، އައްޑޫ ސިޓީ އަށް ނިސްބަތްވާ ކުޅުންތެރިންނާއި ނެޝަނަލް ޖޫނިއާ ޕޫލުގައި ހިމެނޭ ކުޅުންތެރިންގެ އިތުރުން، ނައިފަރު އެކަޑަމީގެ ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ